16 އޮކްޓޯބަރ 2017 - 18:01

އެއްވެސް ގައިދީއަކަށް ވަކި ކަހަލަ ފަރުވާއެއް ދިނުމަށް ކަރެކްޝަނަލް ސާވިސުން މަޖުބޫރު ނުކުރާ ކަމަށް ކަރެކްޝަންސް އިން މިއަދު ބުނެފި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގަޔަށް އިންޖެކްޝަނެއް ޖަހަން އުޅުމުން އާއިލާއިން އެކަމަށް ދެކޮޅު ހެދުމުން އަދީބުގެ ފަރުވާ ހުއްޓާލާފައިވާ ކަމަށް އަދީބުގެ އާއިލާއިން ބުނެފައި ވަނިކޮށް ކަރެކްޝަންސް އިން ނެރުނު ބަޔާނެއްގައިވަނީ ޖަލުގައި ހުރި ގައިދީއަކު ޑޮކްޓަރަށް ދައްކަން ބޭނުންވެއްޖެ ނަމަ އެކަމަށް އެދެން ޖެހޭނީ އޭނާ އަމިއްލައަށް ކަމަށާއި ފަރުވާ ހޯދުމުގައި ޑޮކްޓަރާ މުއާމަލާތު ކުރާނީ ވެސް އެ ގައިދީއަކު އަމިއްލައަށް ކަމަށެވެ. އަދި ފަރުވާއާ ގުޅޭ ހުރިހާ ކަމެއް ނިންމާނީ ޑޮކްޓަރު ކަމަށާއި އެކަމަށް ކަރެކްޝަންސުން މަޖުބޫރު ނުކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
"ވަކި ބާވަތުގެ އިންޖެކްޝަނެއް ޖެހުމަށް ނުވަތަ ވަކި ސްކޭނެއް ހެދުމަކަށް ވެސް މި ސާވިސްއަކުން ނުނިންމަމެވެ. އެފަދަ ހުރިހާ ކަމެއް ނިންމަވާނީ އެ ގައިދީ ނުވަތަ ބަންދު މީހާ ބައްލަވާ ޑޮކްޓަރެވެ،" އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވާ ގޮތުން ގައިދީއަކު ޑޮކްޓަރަކަށް ދައްކަން ޖެހިއްޖެ ނަމަ ދައްކަން ޖެހޭ ޑޮކްޓަރެއް ވެސް ނިންމާނީ ސިއްހީ ޚިދުމަތް ދޭ ތަނަކުން ކަމަށާއި ވަކި ޑޮކްޓަރަކަށް ދެއްކުމަށް ވެސް ކަރެކްޝަންސުން ނުނިންމާނެ ކަމަށެވެ. އަދި ބައެއް ތަންތަނުން ގައިދީންނަށް ބައެއް ކަހަލަ ފަރުވާ ދިނުމަށް އާއިލާގެ ރުހުން ހޯދަން ޖެހޭ ނަމަވެސް އެކަމަށް ވެސް އާއިލާއަށް މަޖުބޫރު ނުކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
ގައިދީންގެ ބަލި ހާލަތާ ބެހޭގޮތުން ކަރެކްޝަންސްއާ ބެހޭގޮތުން ހަގީގަތާ ޚިލާފް ވާހަކަ ނުދެއްކުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ. އަދި އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެ ބަޔާނުގައި ވަނީ ދީފަ އެވެ.