މަގު މަތީގައި އަންހެނުންނަށް ފޮށޭ މީހުން ވަގުތުން ޖޫރިމަނާ ކުރަނީ
މަގު މަތީގައި އަންހެނުންނަށް ފޮށޭ މީހުން ވަގުތުން ޖޫރިމަނާ ކުރަނީ

ޕެރިސް (އޮކްޓޯބަރު 17) - މަގުމަތީގައި އަންހެނުންނަށް ފޮށޭ ފިރިހެނުން ވަގުތުން ޖޫރިމަނާ ކުރެވޭ ގޮތަށް އާ ގާނޫނުގައި ކަނޑައަޅާނެ ކަމަށް ފްރާންސްގެ އަންހެނުންނާ ބެހޭ ވަޒީރު މާލީން ޝިއައްޕާ ވިދާޅުވެއްޖެ އެވެ.

އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރައްވާ ޝިއައްޕާ ވިދާޅުވީ މަގުމަތީގައި އަންހެނުންނަށް ފޮށުން ގާނޫނުގައި ވަކި ގޮތަކަށް މިހާރު ކަނޑައަޅާފައި ނުވާ ކަމަށެވެ. އަންހެނުންނަށް ފޮށޭ މީހުންނަށް އަދަބު ދިނުމާ ބެހޭ ގާނޫނު ފްރާންސް އިން ފާސްކުރާނީ އަންނަ އަހަރު ކަމަށްވެ އެވެ.

ޖިންސީ ގޮތުން ފުރައްސާރަ ކުރުމާއި ލޯބީގެ ގޮތުން މީހަކާ އަޅައިގަނެގެން އުޅުން ދެނެގަންނާނީ ކިހިނެއްތޯ ސުވާލު ކުރުމުން ޝިއައްޕާ ވިދާޅުވީ މަގުމަތީގައި އަންހެނަކަށް ބިރުވެރިކަން ކުރިމަތިވާ ހިސާބު ދެނެގަނެވޭނެ ކަމަށެވެ. ޖިންސީ ފުރައްސާރަ ކުރުން ގާނޫނުގައި ބަޔާން ކުރާނެ ގޮތެއް ކަނޑައަޅަން ޕާލަމެންޓުގެ ފަސް މެންބަރަކާއި ފުލުހުންނާއި ގާޒީން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

ހޮލީވުޑުގެ ޕްރޮޑިއުސަރު ހާވޭ ވެއިންސްޓެއިންގެ ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލަތަކާ އެކު އަންހެނުންނަށް ގޯނާކުރުމުގެ މައްސަލަތަކުގެ ބަހުސްގެ އަޑު ފްރާންސްގައި ވަނީ ގަދަވެފަ އެވެ. އަންހެނުންނަށް ލިބުނު ޖިންސީ ގޯނާތަކުގެ މައްސަލަތައް ރިޕޯޓް ކުރުމަށް ހިތްވަރު ދިނުމަށް ފްރާންސްގައި ވަނީ "މީޓޫ" ކިޔާ ހޭޝްޓެގެއް ހަދައިފަ އެވެ.