18 އޮކްޓޯބަރ 2017 - 12:19

އިންޑޮނޭޝިއާގައި ބޭއްވި ބެޑްމިންޓަން ވޯލްޑް ޖޫނިއާ ޗެމްޕިއަންޝިޕުން ލިބުނު ތަޖުރިބާގެ އަލީގައި ކުރިއަށްދާން ހިތްވަރު ލިބިއްޖެ ކަމަށް މި މުބާރާތުގައި ވާދަކުރި ގައުމީ ބެޑްމިންޓަން ޓީމުގެ ޖޫނިއާ ދެ ކުޅުންތެރިން ކަމަށްވާ ނިބާލް އަހުމަދާއި މުހައްމަދު އަރްސަލާން ބުނެފި އެވެ.

މި މުބާރާތުން މި ދެ ކުޅުންތެރިން ވާދަކުރި ސިންގްލަސް އިވެންޓުންނާއި ޑަބަލްސް އިވެންޓުން ކެޓީ ފުރަތަމަ ބުރުންނެވެ. ސިންގަލްސް އިވެންޓުގައި ނިބާލް ވާދަކުރީ ސްވިޑެންގެ ހޭމްބާގާ އެވެ. އޭނާ އަތުން ނިބާލް ބަލިވީ 21-07، 21-05 އިންނެވެ. އަރްސަލާން ބަލިވީ އިންޑިއާގެ ރާހުލް އަތުން 21-03 އަދި 21-04 އިންނެވެ. ޑަބަލްސް އިވެންޓުގައި އަރްސަލާން އާއި ނިބާލްގެ ޕެއާ ބަލިވީ މެލޭޝިއާގެ ޕެއާއެއް ކަމަށްވާ ވެއިޖީ ޗެން އާއި ވުން ޓޯއީއާ ބައްދަލުކޮށެވެ. އެ ޕެއާ އިން ސެޓުތައް ގެންދިޔައީ 21-06، 21-05 އިންނެވެ.
ފަނަރަ އަހަރުން ދަށުގެ ނިބާލާއި އަރްސަލާން ވާދަކުރި މި މުބާރާތަކީ 19 އަހަރުން ދަށުގެ މުބާރާތެކެވެ. އަރްސަލާން "މިހާރަ"ށް ބުނީ މި މުބާރާތުގައި 60 އަށް ވުރެ ގިނަ ގައުމުން ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންނާ އެކު ކުޅެލުމުގެ ފުރުސަތަކީ ލިބިގެންދިޔަ ރަނގަޅު ތަޖުރިބާއެއް ކަމަށެވެ.
"މި ކަހަލަ މުބާރާތްތަކުގެ ތަޖުރިބާ އަސްލު ވަރަށް މުހިއްމު. ވީހާވެސް ގިނަ މުބާރާތްތަކުގައި ބައިވެރިވާންވީ. އެއީ ދެން އޮތް ލެވެލަށް ދެވޭނީ ގިނަ މުބާރާތްތަކުގައި ކުޅި އަމިއްލަ އަށް ގިނަ ކަންތައްތަކެއް ރަނގަޅު ކޮށްގެން. ދެން އެންމެ މައްޗަށް ދެވޭނީ ޑިސިޕްލިންއާ އެކު ބުރަ މަސައްކަތް ކޮށްގެން،" އަރްސަލާން ބުންޏެވެ.
މިދިޔަ އަހަރުގެ ގައުމީ މުބާރާތުގައި ވެސް ރަނގަޅު ކުޅުމެއް ދެއްކި ނިބާލް ވަނީ މިދިޔަ މިދިޔަ ޖޫން މަހު އޮތް މޮރިޝަސް ބެޑްމިންޓަން ސީރީސްގައި ވާދަކޮށްފަ އެވެ. ނިބާލް ބުނީ މި މުބާރާތުން ކަންތައްތަކެއް ދަސްވި ކަމަށާއި ދެން ހުރި މުބާރާތްތަކުގައި އެކަންތައްތައް ރަނގަޅު ކުރެވޭނެ ކަމަށެވެ.
"މި މުބާރާތުން އަހަރެމެންގެ ގޭމް ކުރިއަރުވަން މަސައްކަތް ކުރެވޭނެ. އަހަރެމެންނަކީ މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އެންމެ ޒުވާން ކުޅުންތެރިން. މުސްތަގުބަލުގައި ވެސް އަހަރެމެންނަށް މި މުބާރާތުގައި ވާދަކުރެވޭނެ. މި ފަހަރު ދަސްވި ކަންތައްތަކުން ދެން ކުރިއަށް އޮތްތާގައި ރަނގަޅު ކުރެވޭނެ،" ނިބާލް ބުންޏެވެ.
އޭނާ ބުނީ 2019 ވަނަ އަހަރުގެ އިންޑިއާން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑެއްޔެއް ގެނައުމަށް ބެޑްމިންޓަން އިން ފަށާފައިވާ ޕްރޮޖެކްޓްގައި ހިމެނިގެންދިއުމަކީ ލިބޭ ހިތްހަމަ ޖެހުމެއް ކަމަށާއި އެ ކާމިޔާބީ ހޯދާއިރު އޭގެ ބައިވެރިވާން ބޭނުންވާ ކަމަށެވެ.
ނިބާލް އާއި އަރްސަލާން ކުރިއަށް އޮތް ތިން މަސް ތެރޭގައި އިތުރު މުބާރާތްތަކުގައި ވާދަކުރާނެ ކަމަށް ބީއޭއެމުން ބުނެ އެވެ.