ސިޓީ ކައުންސިލްގެ ބާރުތައް ވަރަށް އަވަހަށް އަނބުރާ ލިބޭނެ: ކައުންސިލް
ސިޓީ ކައުންސިލްގެ ބާރުތައް ވަރަށް އަވަހަށް އަނބުރާ ލިބޭނެ: ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ އަތުން އަތުލާފައިވާ ބާރުތައް މަޖިލީހުގެ ތެރެއިން ވަރަށް އަވަހަށް އަނބުރާ ލިބިގެންދާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ލާމަރުކަޒީ ގާނޫނުގެ ދަށުން ސިޓީ ކައުންސިލުން ތަފާތު 28 ހިދުމަތެއް ދިނުމަށް ލާޒިމް ކޮށްފައިވީ ނަމަވެސް އެ ކައުންސިލްއިން މިހާރު އާންމުކޮށް ދޭ ހިދުމަތަކީ އުފަންވާ ކުދިން ރަޖިސްޓްރީ ކުރުމާއި މަރުވާ މީހުން ދަފްތަރުން އުނިކުރުން އެކަންޏެވެ.

ސިޓީ ކައުންސިލްތަކަށް ހަތް އަހަރު ފުރުމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ އެ ކައުންސިލްގެ ބާރުތައް ހަނިކޮށްފައިވާތީ އެ ހައްގުތައް ހޯދުމަށް ގާނޫނީ ލިޔުމެއް ތައްޔާރުކޮށް ހިއްސާކުރަން ޖެހޭ ފަރާތްތަކާ ހިއްސާ ކުރަމުން އަންނަ ކަމަށާއި ވަރަށް އަވަހަށް މަޖިލީހުގެ ތެރެއިން އެކަންކަމަށް ހައްލު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ކަންކަން ކުރުމަށް ބާރެއް ނެތް. މެންޑޭޓްގައި ހުރި ކަންކަން ކުރުމަށް ދަތިތައް އެބަހުރި،" ޝިފާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން ކުރަން ގާނޫނުން ލާޒިމްކުރާ މަސައްކަތްތައް ކުރާނެ މުވައްޒަފުން ވެސް ތިބީ މިނިސްޓްރީތަކުގައި ކަމަށް ޝިފާ ވިދާޅުވި އެވެ.

ސިޓީ ކައުންސިލްގެ އޮފީސް ބިއްލޫރިޖެހިގެ އިން ބަދަލުކުރިއިރު މިލިއަން ރުފިޔާގެ މުދަލާއި މުހިންމު ލިޔެކިޔުންތަކެއް ގެއްލިފައިވާ ކަމަށާއި އެ ތަކެތި ފުލުހުން ހޯދާދީފައި ނުވާއިރު އެ މައްސަލަ ކޯޓަށް ހުށަހަޅަން ބޭނުންވާ ކަމަށް ޝިފާ ވިދާޅުވި އެވެ.

ކައުންސިލްތަކުގެ ބެލެނިވެރި ފަރާތަކީ އެލްޖީއޭ ކަމަށް ވާއިރު ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ސަމާއު ޝަރީފް ވިދާޅުވީ އެލްޖީއޭއިން މަސައްކަތް ކުރަނީ ވަކި މީހަކު ބޭނުންވާ ގޮތަކަށް ކަމަށާއި އެލްޖީއޭގެ ދައުރު އަދާކުރާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.