ސްޕޭނުގެ ނިންމުން ކެޓަލޯނިއާ އިން ގަބޫލެއް ނުކުރާނެ
ސްޕޭނުގެ ނިންމުން ކެޓަލޯނިއާ އިން ގަބޫލެއް ނުކުރާނެ

ބާސެލޯނާ (އޮކްޓޯބަރު 22) - ކެޓަލޯނިއާގެ ސަރަހައްދީ ޕާލަމެންޓް އުވާލާ އާ އިންތިޚާބެއް ބޭއްވުމަށް ސްޕޭން ސަރުކާރުން ނިންމި ނިންމުން ގަބޫލް ނުކުރާނެ ކަމަށް ކެޓަލޯނިއާގެ ލީޑަރު ކާލްސް ޕުޖްޑެމޮން ވިދާޅުވެއްޖެ އެވެ.

ސްޕޭނުގެ ނިންމުން ކެޓަލޯނިއާ އިން ގަބޫލެއް ނުކުރާނެ
ސްޕޭނުގެ ނިންމުން ކެޓަލޯނިއާ އިން ގަބޫލެއް ނުކުރާނެ

އޭނާ ވިދާޅުވީ މިއީ 1939-1975 އަށް ޚުދުމުޚްތާރު ވެރިކަމެއް ކުރި ޖެނެރަލް ފްރާންކޯ އަށް ފަހު ކެޓަލޯނިއާ އަށް ދިން އެންމެ ވަރުގަދަ ހަމަލާ ކަމަށެވެ. އެ ފަހަރު ވަނީ ކެޓަލޯނިއާގެ މިނިވަންކަން އުވާލައިފަ އެވެ. ޕުޖްޑެމޮން ވިދާޅުވީ ސްޕޭން ސަރުކާރުން މަސައްކަތް ކުރަނީ ކެޓަލޯނިއާގެ ރައްޔިތުންގެ ޑިމޮކްރެޓިކް ހައްގުތައް ނިގުޅައިގަތުމަށް ކަމަށާއި މަޝްވަރާ އަށް ހުށަހެޅުމުން ވެސް އެކަމާ ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި ސްޕޭން ސަރުކާރުގެ ޕްލޭނަށް ޖަވާބު ދިނުމަށް ކެޓަލޯނިއާގެ ޕާލަމެންޓުގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ވެސް ޕުޖްޑެމޮން ވިދާޅުވި އެވެ.

ކެޓަލޯނިއާގެ މިހާރުގެ ލީޑަރުން މަގާމުން ދުރުކުރުމަށް ވެސް ސްޕޭނުގެ ބޮޑު ވަޒީރު މާރިއާނޯ ރާޔޯގެ ޕްލޭނުގައި ހިމެނެ އެވެ. ސްޕޭނުން ކުރިން ވަނީ ގާނޫނު އަސާސީގެ 155 ވަނަ މާއްދާގެ ބޭނުން ހިފާ ކެޓަލޯނިއާގެ މިނިވަންކަން ނެގުމަށް ވެސް މަސައްކަތް ކޮށްފަ އެވެ.

ކެބިނެޓުގެ ބައްދަލުވުމަކަށް ފަހު ރަޔޯ ވިދާޅުވީ ކެޓަލޯނިއާގެ ޕާލަމެންޓް އުވާލުމުގެ ބަދަލުގައި ބޮޑަށް ވިސްނުން ހުރީ ހަ މަސް ދުވަސް ތެރޭ އާ އިންތިޚާބެއް ބޭއްވުމަށް ކަމަށެވެ. އިދިކޮޅު ޕާޓީތަކުގެ ތާއީދު ވެސް ހޯދާފައިވާ ސްޕޭން ސަރުކާރުގެ ޕްލޭން މި ހަފުތާގައި ސެނެޓަށް ހުށަހަޅާނެ އެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި ކެޓަލޯނިއާގެ ފުލުހުންގެ ބާރުތައް ނަގާ ފުލުހުންގެ ވެރިޔާ މަގާމުން ދުރުކުރުމަށް ކެޓަލޯނިއާގެ ދާޚިލީ ވުޒާރާ އިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި ކެޓަލޯނިއާގެ ޕަބްލިކް ބްރޯޑްކާސްޓަރުގެ ކޮންޓްރޯލް ނެގުމަށް ވެސް ސްޕޭން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ސްޕޭނުން އެޅި ފިޔަވަޅުތައް ކެޓަލޯނިއާ ޕާލަމެންޓުގެ ރައީސް ކަރްމޭ ފޯކަޑެލް ސިފަކުރައްވާފައި ވަނީ ބަޣާވާތެއްގެ ގޮތުގަ އެވެ. ކެޓަލޯނިއާގެ ނައިބް ރައީސް އޮރިއޯލް ޖަންގުއެރާސް ވިދާޅުވީ ސްޕޭނުގެ ބޮޑު ވަޒީރު ވަނީ ކެޓަލޯނިއާގެ މިނިވަންކަން އެކަނި ސަސްޕެންޑްކޮށްފައި ނޫން ކަމަށާއި ޑިމޮކްރެސީ ވެސް ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ބާސެލޯނާގެ މޭޔަރު އަޑާ ކޮލައު ވިދާޅުވީ އެއީ އެންމެންގެ ހައްގުތަކާއި މިނިވަން ކަމަށް ދިން ހަމަލާއެއް ކަމަށެވެ.