24 އޮކްޓޯބަރ 2017 - 11:28

ބެއިޖިން (އޮކްޓޯބަރު 24) - ޗައިނާގެ ބާނީ އަދި ކޮމިއުނިސްޓް ޕާޓީ އުފެދުނު އިރު ޗެއާމަން މާއޯ ޒެޑޮންގާ އެއްވަރުގެ ސިޔާސީ ބާރުތަކެއް މިހާރުގެ ރައީސް ޝީ ޖިންޕިން އަށް ދިނުމަށް ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސްގައި މިއަދު ފާސްކޮށްފި އެވެ.
ޝީގެ ސިޔާސީ ވިސްނުންފުޅަކީ ޕާޓީގެ އަސާސީ ގަވާއިދު ކަމަށް ހެދުމަށް ފާސްކުރީ ކޮންގްރެސްގެ އިއްތިފާގުންނެވެ. ރައީސް ޝީ ވަނީ 2012 ވަނަ އަހަރު ވެރިކަމަށް ވަޑައިގެންނެވި ފަހުން ސިޔާސީ ގޮތުން ބާރުގަދަ ކުރައްވަން ފައްޓަވައިފަ އެވެ.
ޗައިނާގައި ބާއްވާ އެންމެ މުހިންމު ސިޔާސީ ބައްދަލުވުން ކަމަށްވާ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް މިދިޔަ ހަފުތާގައި ފަށާފައި ވަނީ ޝީގެ ތިން ގަޑިއިރުގެ ތަގްރީރަކުންނެވެ. ކޮންގްރެސްގެ ތެރޭގައި ވަނީ "ޝީ ޖިންޕިންގެ ވިސްނުންފުޅު" އަސާސީ ގަވާއިދުގެ ބައެއްގެ ގޮތުގައި ހިމެނުމަށް ބާރު އަޅައިފަ އެވެ. ޕާޓީގެ އަސާސީ ގަވާއިދުގައި ޗައިނާގެ މީގެ ކުރީގެ ލީޑަރުންގެ ވިސްނުންފުޅު ހިމެނި ނަމަވެސް މާއޯ ފިޔަވައި އެހެން ބޭފުޅެއްގެ ވިސްނުން އެބޭފުޅެއްގެ ނަމާ ގުޅުވައިގެން އަސާސީ ގަވާއިދުގައި ހިމަނައިފައެއް ނުވެ އެވެ.
މާއޯ ނުވަތަ ޗެއާމަން މާއޯ ވަނީ ކޮމިއުނިސްޓް ޕާޓީގެ ޗެއާމަންކަން، އެ ޕާޓީ 1949 ވަނަ އަހަރު އުފެދުނީއްސުރެ 1976 ވަނަ އަހަރު އަވަހާރަވުމާ ހަމައަށް ކުރައްވައިފަ އެވެ. މާއޯގެ ތިއަރީތަކާއި އަސްކަރީ އަދި ސިޔާސީ ސިޔާސަތުތައް އެއީ މާއޯއިޒަމް އެވެ.
ހަފުތާއެއްހާ ދުވަހުގެ މުއްދަތަށް ބޭއްވި ކޮންގްރެސްގައި ދެހާހެއްހާ މަންދޫން ވަނީ ޕްރޮވިންސްތަކުގެ ޕާޓީގެ ވެރިންނާއި ގަވަރުނަރުން އަދި ކުންފުނިތަކުގެ ވެރިން ހޮވައިފަ އެވެ. ޗައިނާގައި އެންމެ ބާރުގަދަ ޕޮލިޓްބިއުރޯގައި ހިމަނާނެ މީހުން ސެންޓްރަލް ކޮމިޓީން މާދަމާ ކަނޑައަޅާނެ އެވެ.