ކޮލަމްބޯ ޕޯޓް ސިޓީގެ 50 ޕަސެންޓް ހިއްކާ ނިމިއްޖެ
ކޮލަމްބޯ ޕޯޓް ސިޓީގެ 50 ޕަސެންޓް ހިއްކާ ނިމިއްޖެ

ކޮލަމްބޯ (އޮކްޓޯބަރު 26) - ޗައިނާ އިން ފަންޑުކޮށްގެން ސްރީ ލަންކާގައި ހަދާ ޕޯޓް ސިޓީ މަޝްރޫއުގެ 50 ޕަސެންޓް ބިން ހިއްކާ ނިމިއްޖެ ކަމަށް ސަރުކާރުން ބުނެފި އެވެ.

މެގަޕޮލިސް އެންޑް ވެސްޓަން ޕްރޮވިންސް ޑިވެލޮޕްމަންޓް ޗަމްޕިކާ ރަނަވަކާ ވިދާޅުވީ 1.4 ބިލިއަން ޑޮލަރުގެ މަޝްރޫއުގައި ހިމެނޭ 269 ހެކްޓަރުގެ ތެރޭން މިހާރު 134.5 ހެކްޓަރު ހިއްކާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ބިން ހިއްކާ އަދި ފުރަތަމަ ފިޔަވަހި 2019 އަށް ނިންމާލެވޭނެ ކަމަށެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރަނަވަކާ ވިދާޅުވީ ބިން ހިއްކާ ނިމުމުން ޕޯޓް ސިޓީ އަކީ ލަންކާގެ ބިމުގެ ސަރަހައްދެއްގެ ގޮތުގައި ރައީސް މައިތުރިޕާލާ ސިރިސޭނާ ރަސްމީކޮށް އިއުލާން ކުރައްވާނެ ކަމަށެވެ. އަދި ޕޯޓް ސިޓީގައި އިމާރާތް ކުރުމުގެ ހުއްދަ އޭގެ ފަހުން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ޕޯޓް ސިޓީ ހިންގާނެ ގޮތުގެ ގާނޫނީ އޮނިގަނޑު ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ އޮފީހުން ތައްޔާރު ކުރަމުންދާ ކަމަށް ވެސް ރަނަވަކާ ވިދާޅުވި އެވެ.

ރަނަވަކާ ވިދާޅުވީ ޕޯޓް ސިޓީ ނިމުމުން އެ ތަން ހިންގާނީ ބައިނަލްއަގުވާމީ ބޮޑެތި ކުންފުނިތަކަށް ވެސް އޮޕަރޭޓް ކުރެވޭ ގޮތަށް ވަކި އިގްތިސާދީ އަދި ވިޔަފާރީގެ ގާނޫނުތަކެއްގެ ދަށުން ކަމަށެވެ.

"ޕޯޓް ސިޓީގެ ޕާޗް (ގާތްގަނޑަކަށް 25.29 އަކަ މީޓަރު) އަށް ޚަރަދު ވަނީ 285،000 ރުޕީސް. ޕޯޓް ސިޓީ ނިމުމުން ޕާޗެއް 20 މިލިއަން ރުޕީސް އަށް ވިއްކޭނެ. ބިން ވިއްކުމުގެ ނީލަން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުޅުވާލާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ރަނަވަކާ ވިދާޅުވީ ކުރީގެ ސަރުކާރުން ޕޯޓް ސިޓީ ޕްލޭންކޮށްފައި ވަނީ މުނިފޫހިފިލުމުގެ ތަނެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން ވިސްނާފައި ވަނީ އެއީ ފައިނޭންޝިއަލް ސިޓީއަކަށް ހަދަން ކަމަށެވެ.

ކޮލަމްބޯ ހާބަރު ހިމެނޭ ސަރަހައްދުން ކަނޑު ހިއްކައިގެން ހަދާ ޕޯޓް ސިޓީ މަޝްރޫއުގައި 2014 ވަނަ އަހަރު މަހިންދާ ރާޖަޕަކްސާގެ ސަރުކާރުން ފުރަތަމަ ސޮއިކުރި އިރު އޮތީ 20 ހެކްޓަރުގެ ބިން ޗައިނާ ސަރުކާރަށް ދާއިމީކޮށް ދިނުމަށެވެ. އަދި ބާކީ ބިން 99 އަހަރަށް ޗައިނާ އަށް ކުއްޔަށް ދިނުމަށެވެ. ނަމަވެސް އާ ސަރުކާރު ވެރިކަމަށް އައިސް މިދިޔަ އަހަރު ސޮއިކުރި އާ އެއްބަސްވުމުގައި ވަނީ ޗައިނާ އަށް ދޭ ބިންތައް 99 އަހަރަށް ދިނުމަށެވެ. އަދި ހިއްކާ ބިމުން 62 ހެކްޓަރު ލަންކާ އަށް ދޭން ޖެހެ އެވެ. ޗައިނާ އަށް ދޭ ބިމުގެ 99 އަހަރުގެ މުއްދަތު ހަމަވުމުން އެ ބިންތައް އަނބުރާ ލަންކާއާ ހަވާލު ކުރަން ޖެހެ އެވެ.