ހިގައިންގެ 100 ވަނަ ލަނޑުން މިލާން ބަލިކޮށްފި
ހިގައިންގެ 100 ވަނަ ލަނޑުން މިލާން ބަލިކޮށްފި

މިލާން (އޮކްޓޯބަރު 29) – ގޮންޒާލޯ ހިގައިން އިޓާލިއަން ލީގުގައި ޖެހި 100 ވަނަ ގޯލާ އެކު ވާދަވެރި އޭސީ މިލާން އަތުން ރޭ ޔުވެންޓަސް 2-0 އިން މޮޅުވެއްޖެ އެވެ.

މިލާނުގެ ސެންސީރޯ ސްޓޭޑިއަމުގައި ކުޅުނު މި މެޗުން ހޯދި މޮޅާ އެކު ޔުވެންޓަސް ވަނީ 28 ޕޮއިންޓާ އެކު ތާވަލުގެ ދެ ވަނަ އަށް އަރައިފަ އެވެ. އެއް ވަނައިގައި 28 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން އޮތީ އެއް މެޗު މަދުން ކުޅެފައިވާ ނަޕޯލީ އެވެ. އަދި 26 ޕޮއިންޓާ އެކު ކުރިން ދެ ވަނައިގައި އޮތް އިންޓަ ވަނީ ތިން ވަނަ އަށް ވެއްޓިފަ އެވެ. މިރޭ ސަސުއޮލޯ އަތުން މޮޅުވެގެން ނަޕޯލީ އަށް އަލުން ތަފާތު ބޮޑުކުރަން ފުރުސަތު އެބައޮތެވެ. އަދި މާދަމާރޭ ވެރޯނާ އަތުން މޮޅުވެގެން އިންޓަ އަށް ދެ ވަނަ އަށް އެރޭނެ އެވެ.

މިލާން އޮތީ 16 ޕޮއިންޓާ އެކު އަށް ވަނައިގަ އެވެ. ރޭގެ މެޗުގައި މިލާނުން ވަނީ މެޗު ކޮންޓްރޯލްކޮށް ރަނގަޅު ފުރުސަތުތަކެއް ހޯދައިފަ އެވެ. އެކަމަކު ތަފާތަކަށްވީ ހިގައިން އެވެ. އޭނާ ފުރަތަމަ ގޯލް 23 ވަނަ މިނެޓުގައި ޖެހީ ޕައޮލޯ ޑިބަލާ ދިން ބޯޅައަކުންނެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި މިލާނުގެ ނިކޮލާ ކަލިނިޗަށް ލިބުނު ރަނުގެ ފުރުސަތެއްގައި އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސް ދަނޑި އަށެވެ. ދެ ވަނަ ހާފުގައި މިލާނުން ކުރިއަށް ޖެހުނު ދަނޑިވަޅެއްގައި ޔުވެންޓަސްގެ ދެ ވަނަ ގޯލް 63 ވަނަ މިނެޓުގައި ހިގައިން ޖެހީ ވަޑްވޯ އަސަމޮއާ ދިން ބޯޅައަކުންނެވެ.

މި ދެ ގޯލާ އެކު އިޓާލިއަން ލީގުގައި ހިގައިން ޖެހި ގޯލުގެ އަދަދު 101 އަށް ވަނީ އަރައިފަ އެވެ. އޭނާ ވަނީ ކުރިން އިޓާލިއަން ލީގުގައި ނަޕޯލީ އަށް ވެސް ކުޅެ ގިނަ ލަނޑުތަކެއް ޖަހައިފަ އެވެ. ސްޕެއިނުގެ ރެއާލް މެޑްރިޑަށް ކުޅެ ސްޕެނިޝް ލީގުގައި ވެސް އޭނާ ވަނީ 100 ލަނޑު ހަމަކޮށްފަ އެވެ.