31 އޮކްޓޯބަރ 2017 - 06:13

"ބިގް ބޮސް 11" ގެ "ވީކްއެންޑް ކާ ވާރް" އެޕިސޯޑްގައި މި ހަފުތާގައި ގެއިން ބޭރަށް ނުކުންނަން ޖެހުނީ ޖޯތީ ކުމާރީއަށެވެ. ނަމަވެސް ޝޯގެ ހޯސްޓް ސަލްމާން ޚާން އެންމެ ފުރަތަމަ ބުނީ މި ހަފުތާގައި ބިގް ބޮސް ގެއިން ނުކުންނަން ޖެހެނީ ބިނަފްޝާ ސޫނާވާލާ އަށް ކަމަށެވެ. މިހެން ބުނުމުން ޕްރިޔަންކް ޝަރުމާ އާއި ވިކާސް ގުޕްތާ އަށް ރޮވުނެވެ. އަދި ގެއިން މާ އަވަހަށް ނުކުންނަން ޖެހުމުން ބިނަފްޝާ ވެސް ހުރީ ވަރަށް ދެރަވެފަ އެވެ.
ހަގީގަތުގައި، ގެއިން ނުކުންނަށް ޖެހޭނީ ޖޯތީ ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ. ޖޯތީ ކުމާރީ ނުކުންނަން ޖެހޭ ކަމަށް ސަލްމާން ބުނީ މާ ފަހުންނެވެ.
ބިގް ބޮސްގެ ގެއިން ނުކުތުމަށް ފަހު ވެސް ޖޯތީ އަށް ޖެހޭ ކޮންމެ ކަމެއްގައި އެހީތެރިވާނެ ކަމަށް ވިކާސް ގުޕްތާ ބުންޏެވެ. ވިކާސް ދެކެނީ ޖޯތީ އަކީ އޭނާގެ އަންހެން ކޮއްކޮއެއްގެ ގޮތުގައި ކަމަށް ވާތީ ޖޯތީ ދާން ޖެހުމުން ވިކާސް ވަރަށް ދެރަވި އެވެ.
"ވީކެންޑް ވާރް" އެޕިސޯޑްގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ ސަލްމާން ރުޅިގަދަވެގެން ޕްރިޔަންކް ޝަރުމާ އަށް އެއްޗެހި ގޮވި ތަނެވެ. ސަލްމާން ރުޅި އައީ އަރްޝީއާ ބެހޭ ޒާތީ ވާހަކަތަކެއް ޕްރިޔަންކް ދައްކައިގެންނެވެ.
މިފަހަރުގެ ސީޒަން އަކީ ހަޑި ހުތުރު ބަސްތައް ބޭނުންކޮށް އެކަކު އަނެކަކާ އަރާރުންވެ ތަޅާފޮޅުމުގައި ވަރަށް ކުރީގައި އުޅޭ ސީޒަން އެކެވެ. އެހެންވެ ބިގް ބޮސްގެ މިދިޔަ އަހަރުގެ ސީޒަންގެ ދެ ބައިވެރިން ކަމަށްވާ މަނޫ ޕަންޖާބީ އާއި ލޯޕާ މުދްރާ މި ޝޯ އަށް އަންނަ ގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ. އެމީހުން ޝޯގެ ބައިވެރިންގެ ގާތުގައި ބިގް ބޮސް ބަލާ މީހުން އެމީހުންނާ ދޭތެރޭ ދެކޭ ގޮތް ކިޔައިދޭނެ އެވެ.