04 ޖުލައި 2016 - 13:09

އަބޫ ދާބީ (ޖުލައި 4) - ގައުމުން ބޭރުގައި ޚާއްސަކޮށް މެދުއިރުމަތި ނޫން ސަރަހައްދުތަކުގައި ގައުމީ ހެދުން ނުލުމަށް ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ރައްޔިތުންނަށް އިލްތިމާސްކޮށްފި އެވެ.
ޔޫއޭއީ ސަރުކާރުން މި ގޮތަށް އަންގާފައި މި ވަނީ ޔޫއޭއީ މީހަކު ބޮޑު ޖުއްބާއެއް ލައިގެން އުޅެނިކޮށް އެމެރިކާގެ އޮހާޔޯގެ ހޮޓަލަކުން ހައްޔަރުކޮށްފައި ވަނިކޮށެވެ. އެމެރިކާގެ މީޑިއާތަކުން ބުނި ގޮތުގައި ޔޫއޭއީގެ ވިޔަފާރިވެރިއެއް ކަމަށްވާ އަހުމަދު އަލް މެންހާލީ ހައްޔަރުކުރީ އޮހާޔޯގައި އޭނާ ހުރި ހޮޓަލުގެ މުވައްޒަފުންނަށް އެއީ އިސްލާމިކް ސްޓޭޓް (އައިއެސް) އާ ގުޅުން އޮންނަ މީހެއް ކަމަށް ހީވެގެންނެވެ.
އެހެންވެ ޔޫއޭއީގެ ދާޚިލީ ވުޒާރާ އިން ވަނީ ގައުމުން ބޭރުގައި ހެދުން ލައިގެން އުޅޭ އިރު ވަރަށް ބޮޑަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އަމިއްލަ ސަލާމަތާއި ރައްކަލަށްޓަކައި ގައުމުން ބޭރުގައި އުޅޭ އިރު ގައުމީ ހެދުން ނުލުމަށް ދާޚިލީ ވުޒާރާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. މިނިސްޓްރީގެ ބަޔާނުގައި އޮހާޔޯ ހާދިސާގެ ވާހަކަ ބުނެފައެއް ނުވެ އެވެ.
އޮހާޔޯގެ ބްރާސްކާޓަރަކު ބުނީ ޔޫއޭއީ މީހާ ހައްޔަރުކުރީ ހޮޓަލުން ފުލުހުންނަށް ކުރި ރިޕޯޓަކާ ގުޅިގެން ކަމަށެވެ. ފުލުހުން އައިއެސް ޔޫއޭއީ މީހާ ހޮޓަލުގެ ތަޅުންގަނޑު މަތީގައި ބަންޑުން ބާއްވައިގެން ބަލާ ފާސްކުރާ މަންޒަރު ވެސް ވަނީ އެ ޗެނަލުން ދައްކައިފަ އެވެ.
ޔޫއޭއީގެ ނޫހަކަށް މެންހާލީ ބުނީ އޮހާޔޯ ފުލުހުން ގަދަކަމުން ބަލާ ފާސްކުރުމުގެ ތެރޭގައި އޭނާ އަށް އަނިޔާވި ކަމަށެވެ. އޮހާޔޯ ފުލުހުން ފަހުން ވަނީ މެންހާލީގެ ކިބައިން މައާފަށް އެދިފަ އެވެ. އޭނާ އޮހާޔޯ އަށް ގޮސް ހުރީ ސްޓްރޯކެއް ޖެހިގެން ފަރުވާ ހޯދުމަށެވެ.
މިދިޔަ އެޕްރީލް މަހު އިރާގުގެ ޔުނިވާސިޓީ ދަރިވަރަކު ވެސް ވަނީ ކެލިފޯނިއާގައި ސައުތުވެސްޓް އެއާލައިންސް އިން ބާލައިފަ އެވެ.