01 ނޮވެމްބަރ 2017 - 05:12

ތަޖިކިސްތާނުގައި ފެށި އޭއެފްސީ 19 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގެ ފަހު ވަގުުތު ސްރީލަންކާ އިން ވައްދާލި ލަނޑާ އެކު 2-2 އިން ދެ ޓީމު އެއްވަރުވެއްޖެ އެވެ.
މި މެޗުގެ 15 ވަނަ މިނިޓްގައި ރާއްޖެ އަށް ލީޑުނަގައިދިނީ ރިޝްވާން އިސްމާއިލް އެވެ. ފުރަތަމަ ހާފްގެ ފަހު މިނިޓްގައި ލަންކާ އަށް އެއްވަރުކޮށްދިނީ ރަޒޫނިއާ މުހައްމަދު ޝަބީރެވެ. ދެ ވަނަ ހާފް ފެށިގެން ފުރަތަމަ މިނިޓްގައި ރާއްޖެ އަށް އަލުން ލީޑުނަގައިދިނީ މުސައްނިފު މުހައްމަދު އެވެ. ރާއްޖެ މޮޅުވާން ދަނިކޮށް ލަންކާ އިން އިތުރުވަގުތުގައި އެއްވަރުކުރީ ނެތުމަ މަލްޝަން ކާމިޔާބުކުރި ގޯލުންނެވެ.
މި ގްރޫޕުގައި މިއަދު ކުޅުނު އަނެއް މެޗުން ކޮލިފައިން ކުރިޔަށްދާ ތަޖިކިސްތާން ވަނީ ބަންގްލަދޭޝްއާ ލަނޑެއް ނުޖެހި އެއްވަރުކޮށްފަ އެވެ.
ކޮލިފައިން އަށް ނުކުތުމުގެ ކުރިން ރާއްޖެ ޓީމުގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނީ ގްރޫޕްގައި އޮތް ޓީމުތަކުގެ ތެރެއިން ރާއްޖެ އަށް ނަތީޖާ ނެރެވޭނީ ބަންގްލަދޭޝާއި ލަންކާއާ ދެކޮޅަށް ކުޅޭ މެޗުން ކަމަށެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖެ އަށް ވާދަކުރެވޭނީ ލަންކާ އާއި ބަންގްލަދޭޝާ ދެކޮޅަށް. އަހަރެމެންނަށް އެނގޭ މި ގްރޫޕުގައި އޮތް ތަޖިކިސްތާނާއި އުޒްބެކިސްތާނާ ވާދަނުކުރެވޭނެކަން. އެއީ އެ ދެ ޓީމު މާ ވަރުގަަދަ. އަހަރެމެންގެ މައިގަނޑު ޓާގެޓަކީ ތިނެއް ނޫނީ ހަތަރެއް. ހާއްސަކޮށް އެންމެ ފުލަށް ނުވެއްޓުން،" ސާންތީ ބުންޏެވެ.
ބޫޓާނުގައި ދާދި ފަހުން ނިމިދިޔަ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ނިންމާލީ ޕޮއިންޓެއް ނުލިިބި އެންމެ ފުލުގައި އޮވެގެންނެވެ.
ކޮލިފައިންގައި ރާއްޖެ ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި މާދަމާ ނުކުންނާނީ ބަންގްލަދޭޝާ ދެކޮޅަށެވެ.