01 ނޮވެމްބަރ 2017 - 14:53

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ބާއްވާނީ ގާނޫނުއަސާސީގައި ބުނެފައިވާ ގޮތަށް މިނިވަންކަމާ އެކު ކަމަށާއި އިންތިޚާބު ބާއްވަން ޖެހޭނީ ވަކި ގޮތަކަށް ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ބޭރުގެ އެހެން ބަޔަކަށް ވެސް ދިވެހި ސަރުކާރަށް ކިޔައެއް ނުދެވޭނެ ކަމަށް، ރާއްޖެ އިން ސްރީ ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އިއްޔެ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާ ގުޅޭގޮތުން "މިހާރު" އާ ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ރާއްޖެ އަކީ އަމިއްލަ އަށް އުޅެވޭ، އެއްވެސް ބަޔަކަށް ބަރޯސާވެގެން އުޅެން ނުޖެހޭ މިނިވަން ގައުމަކަށް، ރައީސް އަބްދުﷲ ޔާމީން ވަނީ ހައްދަވައި ދެއްވާފައި ކަމަށެވެ. ރާއްޖޭގެ ގާނޫނުތަކަކާއި ގަވާއިދުތައް ކަނޑައަޅާފައިވާއިރު، އިންތިޚާބު އޮންނާނީ ގާނޫނުތަކުގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

އީޔޫގެ ވާހަކަ މުންދު މި ވިދާޅުވީ، ރާއްޖޭގެ ހާލަތު ބަލަން އީޔޫ ޕާލަމެންޓުގެ މެމްބަރުންތަކެއް ވަޑައިގެން އުޅުއްވަނިކޮށެވެ. ރައީސް އަބްދުﷲ ޔާމީންއާ ބައްދަލުކުރައްވައި، މިނިވަން އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ގާއިމްކޮށްދޭން ބާރުއެޅި ކަމަށް އެ ވަފުދުން ވަނީ ބުނެފަ އެވެ.
މުންދު ވިދާޅުވި ގޮތުގައި އީޔޫން ނޭދުނަސް ރާއްޖޭގައި އޮންނާނީ މިނިވަން އިންތިޚާބެކެވެ. އަދި ގާނޫނުއަސާސީގައި ބުނާ ގޮތަށް 2018 ގެ އިންތިޚާބު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިވެހިން އުޅެން ޖެހޭ ގޮތާއި ކުރަންވީ ކަންކަން އެނގޭނީ ދިވެހިންނަށް. އީޔޫ އެކަންޏެއް ނޫން، އެއްވެސް ބަޔަކަށް ނޭންގޭނެ،" މުންދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަކީ މިނިވަންގައުމެކޭ ބުނަނީ ވެސް ނަމަކަށް ނޫނެވެ. ރާއްޖެއަކީ ތަސައްރަފު ފުދޭ، ތައުލީމީ، ތަންދޮރު ދަންނަ ޒުވާނުން އުޅޭ ގައުމެއް ކަމަށް ވެސް ވިދާޅުވި އެވެ.
"މިނިވަންކަމާއި ސިޔާދަތާއޭ ކިޔައި ލަވަ ހަދައި އަތް ޖަހާ ގޮތަކަށް ނޫން. މިއަދު ރާއްޖެ އަކީ ސޮވޮރިން ގައުމެއް. މިއަދު އަޅުގަނޑުމެން އެއްވެސް އެއްޗަކަށް ދަށެއް ނުވާނެ،" މުންދު ވިދާޅުވި އެވެ.
"ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީމަ އަޅުގަނޑުމެން މިތިބީ ފުދިގެން. އަޅުގަނޑުމެން ތިބެނީ ކައިގެން ބޮއެގެން، ދަރިން ބަލިވީމާ ބޭސްކުރާނެ. މީހަކު ނުވަތަ ގައުމަކުން ކުރާ ކަމެއް ނޫން އެއީ."
އޭނާ ވިދާޅުވީ އެއްވެސް ގައުމަކާ ނުވަތަ އެއްވެސް ބަޔަކާ ޚާރިޖީ ގުޅުން ކަނޑާލައި އެކަހެރިވެެން އޮންނާކަށް ރާއްޖެ އިން ބޭނުން ނުވާ ކަމަށެވެ. އީޔޫ އާއި ބޭރުގެ އެހެން ޖަމިއްޔާތަކާއި ގައުމުތަކާ ވެސް ރާއްޖެއާ ގުޅުން އޮންނާނެ ކަމަށް ވިދާޅުވި އެވެ.
އީޔޫ އިން ވެސް ރާއްޖެ އަށް އެހީތެރިވެދީ ކޮށްދޭ ކަންކަމަށް ރާއްޖެ އިން މަރުހަބާ ކިޔައި ޝުކުރުއަދާކުރާ ކަމަށް މުންދު ވިދާޅުވި އެވެ. ވަކި ބަޔަކު، ނުވަތަ ވަކި ބަޔަކު މިވެނި ގޮތަކަށް ކަންކަން ކުރާށޭ ބުނީމަ، އެގޮތަށް ހަދަން ޖެހޭ ވަރަށް ވުރެ ދިވެހިން ތަހުޒީބުވެފައިވާ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވި ގޮތުގައި ހަމައެކަނި ރާއްޖެ އަށް ގޮތް ކިޔައިދިނުމަކީ އަބަދު ރުހިގެން ތިބެވޭނެ ގޮތެއް ނޫނެވެ. ދިވެހިންނަށް ހެޔޮއެދޭނަމަ، ގޮތް ކިޔައިދިނުމާ އެކު ރާއްޖޭގެ ތަރައްގީއަށް އެހީތެރިވެދޭން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ތަރައްގީއަށް އެހީނުވެ، ހުސްއަނގަ ތަޅަން ނާދޭ. އަޅުގަނޑުމެންނަށް ގޮތް ކިޔައިދެންޏާ، އުޅެންވީ ގޮތް ކިޔައިދެންޏާ ފާޑުކިޔަންޏާ، ނަސޭހަތްލައިދެންޏާ، ހެޔޮއެދޭ ކަމަށްވަންޏާ ދިވެހިންނަށް ހެޔޮއެދިގެން ކަންކަން ކޮށްދެއްވާ. ހުސްއަތާ ނާދޭ،" މުންދު ވިދާޅުވި އެވެ.
"މިއަދު ދިވެހިންނަށް ކަންކަން ކޮށްދޭން އަންނަ މީހުން އަންނާނީ، މިވެނި ރަށެއްގައި ނަރުދަމާ އަޅައިދޭނަމޭ، މިވެނި ތަނެއްގެ ބްރިޖެއް އަޅައިދޭނަމޭ ބުނެފައި. އެ ވާހަކަތައް އަޅުގަނޑުމެންގެ ކަންފަތުގައި ހަރުލާނެ."