03 ނޮވެމްބަރ 2017 - 05:39

ސަލްމާ، 20، އަކީ މިސްރުގެ އެމެރިކަން ޔުނިވަސިޓީގައި ކިޔަވާ ދަރިވަރެކެވެ. އާދައިގެ މަތިން، އޭނާ އެއްރެއަކު ނިދާފައި އޮއްވައި ވަރަށް ބިރުގަންނަ ކަހަލަ ތަޖުރިބާއެއް ކުރެވުނެވެ. އޭނާއަށް ހޭލެވުނު ނަމަވެސް ހަށިގަނޑުގެ އެއްވެސް ތަނަަކަށް ހަރަކާތެއް ނުގެނެވުނެވެ. އަދި ކޮޓަރިތެރޭގައި ވެސް ކޮންމެވެސް އެއްޗެއް އުޅޭތަން އޭނާއަށް ފެނުނެވެ. އެއީ ބިރުވެރި ފިލްމުތަކުގައި ފެންނަ ކަހަލަ، ވަރަށް ބިރުވެރި ސިފަޔަކަށް ހުރި އެއްޗެކެވެ. އޭތި ހުރީ އޭނާގެ އެނދު ކައިރީގަ އެވެ.
ނިދާފައި ހޭލެވޭއިރު ހަށިގަނޑު ހަރަކާތް ނުކުރެވުން ނުވަތަ ސްލީޕް ޕެރަލައިސިސްއާ ބެހޭ ސާވޭއެއް ކުރަމުންދިޔަ ރިސާޗަރުންނަށް ސަލްމާ ވަނީ ފަހުން އޭނާއަށް ކުރެވުނު ތަޖުރިބާ ކިޔައިދީފަ އެވެ. މއީ ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. މިގޮތަށް ދިމާވާ ފަހަރު ނިދިން ހޭލެވުނަސް ހަށިގަނޑުގެ އެއްވެސް ތަނެއް ހަރަކާތެއް ނުކުރެެވެ އެވެ.
ސްލީޕް ޕެރަލައިސިސްގެ މައްސަލަ ހަޔާތުގައި އެންމެ ފަހަރަކު ނަމަވެސް 40 ޕަސެންޓް މީހުންނަށް ދިމާވެ އެވެ. އަދި މަދު މީހަކަށް ސަލްމާ އަށް ދިމާވި ގޮތަށް، ކޮޓަރިތެރޭގައި ބިރުވެރި އެއްޗެއް އުޅޭތަން ވެސް ފެނެ އެވެ.
ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ނިއުރޯސައިންޓިސްޓް ޑރ. ބަލަންދް ޖަލާލް ވިދާޅުވީ ސްލީޕް ޕެރަލައިސިސް އަކީ ބައެއް މީހުންނަށް ވަރަށް ބިރުވެރި ތަޖުރިބާއަކަށްވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެމީހެއްގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތައް ކުރެ އެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ސްލީޕް ޕެރަލައިސިސް ދިމާވަނީ ރެޕިޑް އައި މޫވްމަންޓް (ރެމް) ކިޔާ ސްޓޭޖަކަށް ނިދިފައި އޮއްވައި ހޭލެވުމުންނެވެ. މި ސްޓޭޖްގައި ތިބޭ މީހުންނަށް އާންމުކޮށް ހުވަފެން ފެނެ އެވެ. ނަމަވެސް އެމީހުންގެ މަސްތައް އޭރު ހުންނާނީ ވާގި ނެތިފަ އެވެ. ހުވަފެނުގައި ކޮންމެ ކަމެއް ވިޔަސް މީހާގެ ހަށިގަނޑަށް އެއްވެސް ހަރަކާތެއް ނާންނަނީ އެހެންވެ ކަމަށް ސައިންސްވެރިން ގަބޫލުކުރެ އެވެ.
ނަމަވެސް މިގޮތަށް ސްލީޕް ޕެރަލައިސިސް ވާ މީހުންގެ ތެރެއިން މަދު މީހަކަށް ނަމަވެސް ހޭލެވޭ ވަގުތު ކޮޓަރިތެރޭން ބިރުވެރި އެއްޗެހި ފެންނަނީ އަދި ބައެއް ފަހަރު އެމީހުންގެ މެޔަށް ފިއްތާ ބާރު ކުރާކަމުގެ އިހްސާސް ވަނީ ކީއްވެގެން ކަމެއް ސައިންސްވެރިންނަކަށް ވެސް ނޭނގެ އެވެ.
މިކަމާ ގުޅޭ ގޮތުން ޖަލާލް އާއި އޭނާއާ އެކު މަސައްކަތްކުރާ ޑޮކްޓަރެއް ކަމަށްވާ ވިލަޔަނޫރް ރާމްޗަންދްރަން ދާދިފަހުން ލިޔުއްވާފައިވާ އާޓިކަލެއް ޖާނަލް މެޑިކަލް ހައިޕޯތެސީސްގައި ޝާއިއުކޮށްފައިވެ އެވެ. މި ލިޔުމުގައިވާ ގޮތުން މިގޮތަށް ބިރުވެރިއެއްޗެއް ފެންނަނީ ސިކުނޑީގައި ހުންނަ އޮޅުންބޮޅުންތައް ފޮހެލަން ސިކުނޑި ކުރާ މަސައްކަތުގެ ތެރެއިން ކަމަށް ވެދާނެ އެވެ. އެ މީހާގެ ހަށިގަނޑުގެ ނުވަތަ ޒާތުގެ ނިއުރަލް މެޕެއް ސިކުނޑީގެ ކޮންމެވެސް ހިސާބެއްގައި އިންނާނެ ކަމަށާއި އެ ހިސާބަށް މައްސަލަތަކެއް ކުރިމަތިވާ ނަމަ އެ އެއްޗެއް ފޮހެލަން ކުރާ މަސައްކަތުން މިފަދަ ކަމެއް ދިމާވެދާނެ ކަމަށް އޭގައި ލިޔެފައިވެ އެވެ.
"ސިކުނޑީގެ ބައެއްގައި ހަށިގަނޑުގެ ޖެނެޓިކަލީ ހާޑްވަޔާޑް އިމޭޖެއް - ޓެމްޕްލޭޓެއް އިންނާނެ،" ލިވްސައިންސަށް ޖަލާލް ވިދާޅުވި އެވެ.
އެހެންވެ ސްލީޕް ޕެރަލައިސިސްގެ ހާލަތުގައި އެމީހާގެ އަސްލު އިމޭޖް ބިރުވެރި އެއްޗެއްގެ ސިފައިގައި ފެންނަ ގޮތް ވަނީ ކަމަށް ވެދާނެ ކަމުގައި ވެސް ޖަލާލް ގަބޫލުކުރައްވަ އެވެ.
މިއީ ޓެސްޓްކުރަން ވަރަށް އުނދަގޫ ކަމެއް ކަމަށާއި ސަބަބަކީ ތަފާތު ބޮޑީ އިމޭޖްގެ މީހުންނަށް މިކަން ތަޖުރިބާ ކުރެވޭލެއް ވެސް ތަފާތު ވާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ. މިސާލަކަށް، އަނގުނެއް ބުރިވެފައިވާ ނުވަތަ އުނި މީހަކަށް ސްލީޕް ޕެރަލައިސިސް ދިމާވެ ހޭލެވޭއިރު ކައިރީގައި އެއްޗެއް ހުއްޓާ ފެންނަން ޖެހޭނީ ހަމަ އޭނާ ކަހަލަ އެ ގުނަވަނެއް އުނި އެއްޗެއްގެ ގޮތުގައި ކަމަށް ވެސް ޖަލާލް ވިދާޅުވި އެވެ. ނަމަވެސް މިފަދަ ތަފާތު ބޮޑީ އިމޭޖް ހުންނަ މީހުންނަކީ ވެސް އާބާދީގެ މަދު ބަޔަކަށް ވެފައި މީގެ ތެރެއިން ވެސް ހުވަފެން ފެންނަނީ އަދި އެއަށް ވުރެ ވެސް މަދު ބަޔަކަށް ކަމަށް ވާތީ މި އެކްސްޕްރިމެންޓް ކުރަން ވަރަށް އުނދަގޫވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސްލީޕް ޕެރަލައިސިސް އަކީ އެހާ ބިރުވެރި ތަޖުރިބާއަކަށް ވަނީ ކީއްވެ ހެއްޔެވެ؟
އެކި މީހުންނަށް ސްލީޕް ޕެރަލައިސިސްގެ ތަޖުރިބާ ތަފާތު ވަނީ އެމީހުންގެ ސަގާފަތުގައި ހުންނަ ގަބޫލުކުރުންތަކުގެ ސަބަބުން ކަމަށް ވެދާނެ ކަމަށް ޖަލާލް ވިދާޅުވި އެވެ. މިސާލަކަށް އޭނާ ނެގީ 2013 ގައި ހާވާޑް މެޑިކަލް ސްކޫލުން ހަދާފައިވާ މިކަމާ ގުޅޭ ދިރާސާ އެކެވެ. މި ދިރާސާގައި ބަލާފައިވަނީ ސްލީޕް ޕެރަލައިސިސް ރޭޓާއި އެކަން ދިމާވި މީހުންނަށް އެ އެޕިސޯޑްތަކުގެ ސަބަބުން ސްޓްރެސް ލިބުނު މިންވަރެވެ. މި ދިރާސާގައި ބަލާފައިވަނީ ވަރަށް ތަފާތު ދެ މުޖުތަމައެއްގައި އުޅޭ ދެބައިމީހުންނެވެ. މިތަނުން އެއް ބަޔަކީ ޑެންމާކް ބައެކެެވެ. އަނެއް ބަޔަކީ މިސްރު މީހުންނެވެ.
މި ހޯދުމުން އެނގުނު ގޮތުގައި ޑެންމާކް މީހުންނަށް ވުރެ މިސްރުގެ މީހުންނަށް ސްލީޕް ޕެރަލައިސިސް މާ ގިނަގިނައިން ދިމާވެ އެވެ. އަދި މިގޮތަށް އެޕިސޯޑެއްގައި ނަގާ ވަގުތު ވެސް މާ ގިނަ އެވެ. އަދި މިގޮތަށް ކުރެވޭ ތަޖުރިބާތައް ވެސް މާ ބިރުވެރި އެވެ. އަދި މިކަންތައްތައް ފެނުމުން މަރުވެދާނެކަމުގެ ބިރު ވެސް މި މީހުންގެ މާ ބޮޑެވެ.
އެހެންކަމުން ޑެންމާކް މީހުންގެ ތެރެއިން ގިނަ މީހުން ގަބޫލުކުރަނީ ސްލީޕް ޕެރަލައިސިސް އަކީ ނަފްސާނީ މައްސަލަތަކެއްގެ ސަބަބުން ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރާތީ ނުވަތަ ނިދަން އޮވެވުނު ގޮތަކުން ދިމާވި ކަމެއް ކަމަށެވެ. އަނެއްކޮޅުން، މިސްރު މީހުންގެ ތެރެއިން ގިނަ މީހުންނަށް ގަބޫލު ކުރެވެނީ އެއީ ކޮންމެެވެސް ރޫހާނީ އެއްޗެއްގެ ސަބަބުން ދިމާވި ކަމެއްގެ ގޮތުގަ އެވެ.
އެހެން ސާވޭއެއްގައިގައި ބައިވެރިވި މިސްރުގެ މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ބުނެފައިވަނީ ސްލީޕް ޕެރަލައިސިސް ދިމާވަނީ ޖިންނި ޝައިތޯނުންގެ ސަބަބުން ކަމަށެވެ.
ޖަލާލް އާއި އޭނާގެ ބައިވެރިން ގަބޫލުކުރާ ގޮތުގައި ރޫހާނީ އެއްޗެހި އުޅޭކަމަށް ގަބޫލުކުރާ މީހުންނަށް ސްލީޕް ޕެރަލައިސިސް ދިމާވުމުން މާބޮޑަށް ބިރުގަނެ އެވެ. އަދި މި މީހުންނަށް މާ ދިގުކޮށް މިފަދަ އެޕިސޯޑްތައް ދިމާވެ އެވެ. އަދި މިފަދަ ތަޖުރިބާއެއްގެ ސަބަބުން މި ކަހަލަ އިތުރު ތަޖުރިބާތައް ވެސް މި މީހުންނަށް ދިމާވާލެއް އިތުރުވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ޖަލާލް ވިދާޅުވި އެވެ.
"ހިތުގައި ބިރުވެރިކަން އޮންނަ ނަމަ ސްލީޕް ޕެރަލައިސިސްގައި އެމީހަކަށް ރަނގަޅަށް ހޭލެވި ސިކުނޑީގެ ބިރުވެރިކަންތައްތަކާ ބެހޭ ސެންޓަރުގެ ހަރަކާތްތައް ފެށި އެމީހަކަށް ބިރުވެރި ކަންތައްތައް ތަޖުރިބާ ކުރެވުމަކީ އެކަށީގެންވާ ކަމެއް. އަދި މިފަދަ ކަމެއް ތަޖުރިބާ ކުރެވިގެން އިތުރަށް ބިރުގަނެއްޖެނަމަ މިކަަހަލަ އިތުރު ތަޖުރިބާތަކެއް ވެސް ކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް،" ޖަލާލް ވިދާޅުވި އެވެ.