02 ނޮވެމްބަރ 2017 - 17:50

މުލްތާން (ނޮވެމްބަރު 2) - ފިރިމީހާ އާއި ފިރިމީހާގެ އާއިލާގެ 16 މީހަކަށް ޒަހަރު އަޅާފައި ހުރި ކިރެއް ބޯންދީގެން އެ މީހުން މަރާލީ ވަރިކޮށްނުދީގެން ކަމަށް އެކަން ކުރި އާސިޔާ ބީބީ ބުނެފި އެވެ.
އުމުރުން 21 އަހަރުގެ ބީބީއާ ހަވާލާދީ ޕާކިސްތާން ފުލުހުން ބުނީ ކައިވެނިކުރީ ވެސް ބީބީގެ ނުރުހުގައި ކަމަށެވެ. ބީބީ ވަނީ އަންގާރަ ދުވަހު ކޯޓަށް ހާޒިރުކޮށްފަ އެވެ. އަދި އޭނާގެ މައްޗަށް ވަނީ މީހުން މެރިކަމުގެ ދައުވާ އުފުލައިފަ އެވެ.
ޕާކިސްތާނުގެ އުތުރުގެ ސިޓީއެއް ކަމަށްވާ މުޒައްފަރުގާރުގައި ކޯޓަށް ހާޒިރު ކުރުމުން ނޫސްވެރިންނާ ވާހަކަ ދައްކަމުން ބީބީ ބުނީ މިދިޔަ ސެޕްޓެމްބަރު މަހު އޭނާގެ ކައިވެނި ކުރުވީ މަޖްބޫރުން ކަމަށެވެ. ބީބީގެ އާއިލާ އުޅެނީީ ޕާކިސްތާނުގެ އިރުމަތީގެ އަލި ޕޫރުގަ އެވެ.
"އަހަރެން ދިޔައީ ތަކުރާރުކޮށް ކައިވެންޏަށް ދެކޮޅު ހަދަމުން. އަދި އަހަރެން ބުނިން އިސްލާމް ދީނުގައި ވެސް ގަދަކަމުން ކައިވެނި ކުރުމެއް ނޯންނަ ކަމަށް،" ބީބީ ބުންޏެވެ.
ނޫސްވެރިން ގާތު އޭނާ ބުނީ ގަދަކަމުން ކުރި ކައިވެނި ސަލާމަތްވުމަށް ކޮންމެ ކަމެއް ކުރަން ވެސް އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.
މުޒައްފަރުގާރު ފުލުހުން ބުނީ ފިރިމީހާ އަމްޖަދު އަކްރަމް،25، ވަރިނުކުރުމުން ބީބީ ވަނީ އޭނާގެ ލޯބިވެރިޔާ ޝާހިދު ލަޝާރީ ކައިރިއަށް ގޮސް އޭނާ އަތުން ކޮންމެ ވެސް ބާވަތެއްގެ ވިހަ މާއްދާއެއް ހޯދާފައި ކަމަށެވެ. އަދި އެ ވިހަ، ކިރާ އެއްކޮށް ފިރިމީހާ އަށް ދިނުމުން އެ ބޯން އޭނާ ވަނީ ދެކޮޅު ހަދައިފަ އެވެ. ދެން ބީބީގެ މައިދައިތަ ވަނީ ވިހަ ހުރި ކިރަށް ޔޯގަޓް އެޅުމަށް ފަހު އާއިލާގެ މެންބަރުންނަށް ދީފަ އެވެ. މައިދައިތަ އަށް އެކަން ކުރެވުނީ އެއީ ވިހަ ހުރި އެއްޗެއްކަން ނޭނގި އެވެ. އާއިލާގެ 27 މީހަކަށް ވަނީ ވިހަ ހުރި ކިރު ބޯންދީފަ އެވެ. އެ އެންމެން ވެސް ވަނީ ހޭނެތިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ. މީގެ ތެރޭން 17 މީހުން ވަނީ ވޭތުވެދިޔަ ދުވަސްތަކުގައި މަރުވެފަ އެވެ. އޭގެ ތެރޭގައި ކުޑަ އަންހެން ކުއްޖަކު ވެސް ހިމެނެ އެވެ. އެ އާއިލާގެ 10 މީހަކަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ.
ކޯޓުގައި ބީބީ ބުނީ އޭނާގެ މަގްސަދަކީ ފިރިމީހާ އެކަނި މަރާލަން ކަމަށާއި އެކަމަކު އެ އާއިލާގެ ގިނަ ބަޔަކު މަރުވުމުން ހިތާމަ ކުރާ ކަމަށެވެ. އަދި ފިރިމީހާ އަށް ވިހަ ދޭން އޭނާ ގާތު ބުނީ ލޯބިވެރިޔާ ކަމަށް ވެސް ކޯޓުގައި ބީބީ ބުންޏެވެ. ބީބީގެ ލޯބިވެރިޔާ ވަނީ ވިހަ ދިން ކަމަށް އެއްބަސްވެފަ އެވެ.