ކެއުމަށްފަހު ސައި ބުއިން ރަނގަޅެއް ނޫން
ކެއުމަށްފަހު ސައި ބުއިން ރަނގަޅެއް ނޫން

ކެއުމަށް ފަހު ސައިތައްޓެއް ބުއިމުން ނޫނީ ބައެއް މީހުންނަށް ކެއުމުގެ ހިތްހަމަޖެހުމެއް ނުލިބެ އެވެ. ނަމަވެސް ސިއްހީ މާހިރުން ބުނާ ގޮތުގައި ކެއުމުގެ ފަހުން ސައި ބުއިމަކީ ސިއްހަތަށް ގެއްލުން ލިބޭނެ ކަމެކެވެ.

ސައިގެ ފައިދާތައް ވެސް ގިނަ އެވެ. އަދި ސައި ބުއިމަކީ ކާބަފައިންގެ ޒަމާނުއްސުރެ ވެސް ކުރަމުން އަންނަ ކަމެކެވެ.

ސަޔަކީ ހަގީގަތުގައި ވެސް ސިއްހަތަށް ފައިދާ ހުރި އެއްޗެކެވެ. ނަމަވެސް އެ ބޮވޭ ސައެއްގެ ބާވަތުންނާއި ސައި ބުއިމުގައި އަމަލު ކުރެވޭ ގޮތުން އެއިން ހަށިގަނޑަށް ލިބޭ ފައިދާ އާއި ގެއްލުން ހުރެ އެވެ.

ކުރީ ޒަމާނުގައި ސައި ކައްކަނީ ފެނާއި ކަރަންފުލާއި އިނގުރު އަދި ބެސިލް ފަތާއި ސައިފަތް އަޅައިގެންނެވެ. އަދި ފޮނިރަހަ ލައްވަން އަޅަނީ ކުޑަ މާމުއި ފޮދެކެވެ.

އަޔުރްވެދާ ހަކީމީ ބޭހުގެ އަހުލުވެރިން ވެސް ގަބޫލުކުރަނީ ސަޔަކީ ވަރަށް ގިނަ ފައިދާތައް އެކުލެވޭ އެއްޗެއް ކަމަށެވެ. ސައި ބުއިމުން ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް އޮމާންވާ ކަމަށް ގަބޫލުކުރެވެ އެވެ. އަދި އަރިދަފުސް ރޯގާ އާއި ކެއްސުން ފަދަ ކަންތައްތަކަށް ސައިން ލުއިވެ އެވެ.

ނަމަވެސް ކުރީ ޒަމާނުގެ މީހުން ސައި ތައްޔާރުކުރާ ގޮތަށް މިޒަމާނުގެ މީހުން ވަނީ ވަރަށް ބޮޑަށް ބަދަލު ގެނެސްފަ އެވެ. މިހާރު ވަރަށް ގިނައިން، ސައި ބޮނީ ރަހަ މީރުކުރަން ކިރު އަޅައިގެންނެވެ. އަދި ކުރީގައި ސައި ތައްޔާރުކުރި ގޮތް އެއީ މިހާރު ބޭހެއް ގޮތަށް ބޭނުންކުރާ އެއްޗަކަށް ވަނީ ވެފަ އެވެ.

އަޔުރްވެދާ ބުނާ ގޮތުން ހޫނު ސައިތައްޓެއް ބޯލުމަކީ ހިތް ނުތަނަވަސްވުމުން ދުރުކޮށްދޭ ކަމެކެވެ. އަދި އެއީ ހަޖަމުކުރުމުގެ ނިޒާމުގެ މަސައްކަތް ހަލުވިވެ ލޭގެ ޕްރެޝަރާއި ހަކުރުބަލި، ކޮލެސްޓްރޯލް ފަދަ ބަލިތައް ކޮންޓްރޯލް ކުރުމަށް ވެސް އެހީތެރިވެދޭނެ އެއްޗެކެވެ. ނަމަވެސް ކެއުމަށްފަހު ވަގުތުން ސައި ބުއިމަކީ ގެއްލުން ލިބޭނެ ކަމެއް ކަމަށް އަޔުރްވެދާގެ މާހިރުން އިންޒާރު ދެ އެވެ. މިއީ ތެދު ވާހަކައެއް ކަމުގެ ސައިންޓިފިކް ހެކިތައް ވެސް އެބަހުއްޓެވެ.

ޑރ. ޑރ. ރަގުނާތާ ރާއޯ އަކީ އިންޑިއާގެ ޑައެޓްރީ ގައިޑްލައިން ކޮމިޓީގެ މެމްބަރެކެވެ. އޭނާ ޓައިމްސް އޮފް އިންޑިއާ އަށް ވިދާޅުވެފައިވާ ގޮތުގައި ސައި އަދި ކޮފީ ފަދަ ތަކެތި ބޯން ޖެހެނީ ކެއުމުގެ އެއް ގަޑިއިރު ކުރިން ނުވަތަ ކެއުމަށް ފަހު މަދުވެގެން އެއް ގަޑިއިރު ފަހުންނެވެ. ސަބަބަކީ ސަޔާއި ކޮފީގައި ހުންނަ ޓެނިން ކިޔާ ކެމިކަލެއްގެ ސަބަބުން ދަގަނޑުގެ ބައި ހަށިގަނޑަށް އޮބިގެންދިއުމަށް ހުރަސް އަޅާތީ އެވެ.

ޚާއްސަކޮށް، ކިރު އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ސަޔާއި ކޮފީ، ކެއުމުގެ ކުރިން ނުވަތަ ފަހުން ބުއިމަކީ އެ އެއްޗެހިން ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑުވާނެ ކަމެކެވެ. ސަބަބަކީ ކެއުމަށްފަހު ސަޔާއި ކޮފީ ބުއިމުން ހަޖަމު ކުރުމުގެ މަސައްކަތަށް ބުރޫ އަރާތީ އެވެ. އަދި މާގިނައިން ކޮފީ އާއި ސައި ބުއިމަކީ ގޮހޮރުތެރެ ބެދުމުގެ ސަބަބުން ވައި އުފެދި ބަނޑު ފުއްޕާނެ ކަމެކެވެ. މިކަމުގެ ސަބަބުން ބޮޑު ގޮހޮރާއި ހަޖަމުކުރުމުގެ ނިޒާމުގައި މައްސަލަތައް ޖެހޭނެ އެވެ.