06 ނޮވެމްބަރ 2017 - 19:16

މި އަހަރު ޓީސީ ސްޕޯޓްސް ކްލަަބަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށް މެދުކެނޑުމަކަށް ފަހު އަލުން ގައުމީ ފުޓްބޯޅަ ޓީމުން ފުރުސަތު ލިބިއްޖެ އެވެ.

މި މަހު 14 ވަނަ ދުވަހު ރަށުންބޭރުގައި ފަަލަސްތީނާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ސްކޮޑު ރަސްމީކޮށް އެފްއޭއެމުން އަދި އިއުލާނުކޮށްފައިނުވާއިރު، މިއަދު ގަލޮޅު ދަނޑުގައިވަނީ ޓީމުގެ ފަރިތަކުރުންތައް ފަށައިފަ އެވެ. މިއަދުގެ ފަރިތަކުރުންތަކުގައި ފޭދޫ އިއްބެގެ އިތުރުން މާޒިޔާގެ ޒުވާން ކީޕަރު ހުސެން ޝަރީފް ވެސް ބައިވެރިވި އެވެ.
ފޭދޫ އިއްބެ މީގެ ކުރިން ގައުމީ ޓީމަށް ނެގީ މި އަހަރު ކުރީކޮޅުގައި ފަލަސްތީނާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުގެ ސްކޮޑަށެވެ. އޭގެ ފަހުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗާއި އޮމާނާ ދެކޮޅަށް ކުޅުނު ދެ މެޗަށް ނެގި ސްކޮޑުގައި ވެސް އޭނާ ނުހިމެނެ އެވެ.
މި އަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ކުޅެން ފެށި ފޭދޫ އިއްބެ ވަނީ ބަންގްލަދޭޝްގައި އޮތް ޝެއިހު ކަމާލް ކަޕުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ޓީސީ އަށް ފުރުސަތު ހޯދައިދިނުމުގައި ފޭދޫ އިއްބެގެ ދައުރު ބޮޑެވެ.
އުރީދޫ ދިވެހި ޕްރިމިއާ ލީގަށް ޓީސީ ވާދަކުރަމުން އަންނައިރު އެ ޓީމުގައި އެންމެ ރަނގަޅަށް މި މުބާރާތުގައި ވެސް ކުޅެމުން އަންނަ އެއް ކުޅުންތެރިއަކީ ފޭދޫ އިއްބެ އެވެ. ސީޒަނުގެ މިހާތަނަށް އޭނާ ވަނީ 14 ލަނޑު ޖަހައިފަ އެވެ. އަދި ގިނަ ލަނޑުތަކެއް ޖަހަން ފުރުސަތު ވެސް ތަނަވަސްކޮށްދެ އެވެ.
މި ފަހަރުގެ ސްކޮޑުން ވެސް ށ. މިލަންދޫ އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ބ.އޭދަފުށީގެ ކުޅުންތެރިއާ އިޝާން އިބްރާހިމް (ސައްޓު) ނުހިމެނެ އެވެ. އަދި އެންމެ ފަހުން ސްކޮޑުގައި ހިމެނުމަށް ފަހު އަމިއްލަ ސަބަބަކާ ހުރެ ޓީމާ ދުރަށް ދިޔަ މާޒިޔާގެ މިޑްފީލްޑަރު އިސްމާއިލް އީސަ (މެސީ) ވެސް ނެތެވެ. ގައުމީ ޓީމުގެ ކޯޗު ޑަރެން ސްޓެވާޓް ވަނީ އޭނާގެ ކޯޗުކަމުގައި އީސަ އަށް ދެން ފުރުސަތެއް ނުދޭނެ ކަމަށް ބުނެފަ އެވެ.
ކޮންމެ ގްރޫޕަކުން އޭޝިއަން ކަޕަށް ދެ ޓީމު ކޮލިފައިވާއިރު، ކޮލިފައިން ގްރޫޕް ޑީގެ އެއް ވަނައިގައި، ކުޅުނު ހަތަރު މެޗުން މޮޅުވެގެން، އޮތީ 12 ޕޮއިންޓާ އެކު ފަލަސްތީނެވެ. ރާއްޖެ އޮތީ ހަތަރު މެޗުން ތިން ޕޮއިންޓާ އެކު ގްރޫޕުގެ ތިން ވަނައިގަ އެވެ. އެންމެ ފުލުގައި އޮތް ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. ރާއްޖެ އަށް ދެން ފުރުސަތު ލިބޭނީ އޮމާން ދެން ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީނު އަތުން ބޮޑު ތަފާތަކުން ބަލިވެ، ރާއްޖެ ކުޅޭ ދެ މެޗުން ބޫޓާނާއި ފަލަސްތީން އަތުން ބޮޑު ތަފާތަކުން މޮޅުވެގެންނެވެ.