08 ނޮވެމްބަރ 2017 - 06:35

މިއީ އުމުރުން 32 އަހަރުގެ ޖެސީކާ އެލަންގެ ވާހަކަ އެވެ. އެމެރިކާގެ ކެލިފޯނިއާގައި އުޅޭ ޖެސީކާއަށް އެއްމާބަނޑު ދެ ކުދިން ލިބުނު އިރު އެ ދެ ކުދިންގެ މައިންބަފައިން ތަފާތެވެ. އޭނާއަށް އެއްމާބަނޑު ދެ ކުދިން ލިބުނީ ޗައިނާ ދެމަފިރިއަކަށް ސަރޮގޭޓް ކޮށް ބަލިވެ އިނދެ އެވެ. މިކަން ވީ ބޮޑު މައްސަލައަކަށެވެ.
ނިއު ޔޯކް ޕޯސްޓްގައި ބުނެފައިވާ ގޮތުން ޖެސީކާ 2016ގެ އޭޕްރީލްގައި އިންވިޓްރޯ ފާޓިލައިޒޭޝަން ހެދީ ޗައިނާގެ ދެމަފިރިއަކަށް ސަރަގޭޓް މަދާ އަކަށް ވުމަށެވެ. އޭރު ޖެސިކާ އާއި ފިރިމީހާގެ ދެ ފިރިހެން ދަރިން ތިއްބެވެ. ސަރަގޭޓް މަންމަ އަކަށް ވާން ޖެސިކާ އެއްބަސްވީ 30،000 ޑޮލަރު ދޭމަތިންނެވެ.
އައިވީއެފް ހަދައިގެން ޖެސިކާ ބަލިވެ އިނދެ ބަނޑަށް ހަ ހަފުތާގައި ހެދި ސްކޭނުން، ބަނޑުގައި އޮތީ އެއްމާބަނޑު ދެކުދިން ކަން އެނގުނެވެ. ޗައިނާ ދެމަފިރިންގެ އެމްބްރިޔޯޒް ދެބައިވެ އައިޑެންޓިކަލް ޓުވިންސް އަށް ވީ ކަމަށް ހިތާ އުފަލުން އެ ދެމަފިރިން ޖެސިކާއަށް އިތުރަށް 5،000 ޑޮލަރު ވެސް ދިނެވެ.
ޖެސިކާ ވިހެއުމުން ޗައިނާ ދެމަފިރިން އެ ކުދިން ގޮވައިގެން ގައުމަށް ދިޔައީ އެވެ. އޭގެ މަސް ދުވަސް ފަހުން ޗައިނާ ދެމަފިރިން ޖެސިޖާއަށް ފޮޓޯއަކާއި މެސެޖެއް ފޮނުވި އެވެ. އެ މެސެޖުގައި ޖެސިކާ ވިހޭ ދެބެއިން އެއްގޮތެއް ނޫން ދޯއޭ ބުނެފައިވެ އެވެ. އަދި އެ އެހާ ތަފާތީ ކީއްވެތޯ ވިސްނާލިންތޯ އެ މެސެޖުގައި އެ ޖެސިކާއާ ސުވާލު ކޮށްފައިވެ އެވެ.
އޭބީސީ ނިއުސް އަށް ޖެސިކާ ކިޔައިދިން ގޮތުގައި ދެ ކުދިންގެ ކުލަ ތަފާތުކަން އޭނާއަށް ވެސް ފާހަގަކުރެވުނެވެ. އެހެންވެ އެއީ އައިޑެންޓިކަލް ޓުވިންސް ނޫންކަން ވެސް ޔަގީންވި އެެވެ. އެހެންވެ މި ދެ ފިރިހެންކުދިންގެ ޑީއެންއޭ ޓެސްޓް އޭގެ ހަފުތާއެއް ފަހުން ހެއްދި އެވެ.
ނަތީޖާ ދެއްކި ގޮތުން މި ދެބެއިންގެ ތެރެއިން އެއް ކުއްޖެއްގެ ބައިލޮޖިކަލް މެޗް ޗައިނާ ދެމަފިރިންނާ ދިމާވި އިރު އަނެއް ކުއްޖާގެ ގައިގައި ހުރީ ޖެސިކާގެ ޖީން އެވެ.
މިހެން ދިމާވީ ވަރަށް މަދު ހާލަތެއްގައި ނޫނި ދިމާނުވާ ސުޕަފީޓޭޝަން ކިޔާ ހާލަތެއް ދިމާވެގެންނެވެ. މި ހާލަތު ދިމާވާ އަންހެނުން ބަލިވެ އިނަސް ބިސް އުފެދުމުގެ މަރުހަލާ ވެސް ހަމަ ބަރާބަރަށް ކުރިއަށް ދެ އެވެ. ނަތީޖާއަކަށް ވަނީ ބަލި އިންދާ ދެ ވަނަ ފަހަރަށް ވެސް ބަލިވެ އިނުމެވެ. ސުޕަފީޓޭޝަން އަކީ އިންސާނުންނަށް ވުރެ ޖަނާވަރުންގެ މެދުގައިއާއްމުކޮށް ދިމާވާ ކަމެކެވެ.
މިކަން މިހެން ހިނގާފައިިވާކަން ޗައިނާ ދެމަފިރިންނަށް އެނގުމުން، އެ ދެމަފިރިންނަށް ނިސްބަތް ނުވާ ކުއްޖާ ބޭނުން ނުވާ ކަމަށް އެ މީހުން ބުންޏެވެ. ނަމަވެސް އެމީހުންނަކީ ގާނޫނީ ގޮތުން އެ ކުއްޖާގެ މައިންބަފައިންނަށް ވާތީ އެ މީހުން ބޮޑު އަގެއް އެ ކުއްޖާއަށް ހޯދަން މަސައްކަތް ކުރި އެވެ. އެހެންވެ ޖެސިކާ މި މައްސަލަ ކޯޓަށް ހުށަހަޅައިގެން ދަރިފުޅު ވަނީ ހޯދައިފަ އެވެ.
މިއަހަރުގެ ފެބްރުއަރީ މަހު ޖެސިކާ އަށް ވަނީ އޭނާގެ ދަރިފުޅު ލިބިފަ އެވެ. އެމީހުން މިހާރު ވަނީ ދަރިފުޅުގެ ނަން ވެސް ބަދަލުކޮށްފަ އެވެ.
ނިއު ޔޯކް ޕޯސްޓަށް ޖެސިކާ ބުނި ގޮތުގައި ސަރަގޭޓް މަންމައަކަށް ވެވުނީތީ އޭނާ ހިތާމައެއް ނުކުރެ އެވެ.