300 އަށް ވުރެ ގިނަ އައިފޯނު 10 ފޭރިގެންފި
300 އަށް ވުރެ ގިނަ އައިފޯނު 10 ފޭރިގެންފި

އެމެރިކާގައި އައިފޯން 10 ވިއްކަން ފެށުމުގެ އެއް ދުވަސް ކުރިން، ފިހާރަޔަކަށް ގެންދިޔަ އޭގެ 300 އަށް ވުރެ ގިނަ ފޯނު ފޭރިގެންފި އެވެ.

އެޕަލްގެ އެންމެ ފަހުގެ އަދި އެންމެ އަގުބޮޑު ފޯނު ކަމަށްވާ އައިފޯން 10 ގެ 313 ޔުނިޓް ފޭރިގެންފައި ވަނީ ބުރާސްފަތި ދުވަހު ސެން ފްރެންސިސްކޯގަ އެވެ. ފުލުހުން ބުނި ގޮތުގައި ތިން މީހަކުވެގެން ފޯނުތައް ފޭރިގަތީ ފިހާރަޔަށް ފޯނުތައް އުފުލި ވެހިކަލް ފިހާރަ ކައިރިއަށް މަޑުކުރި ވަގުތު އެވެ.

އައިފޯން 10 ގެ އެންމެ އަގުހެޔޮ މޮޑެލް ވެސް އެމެރިކާގައި ލިބެނީ 999 ޑޮލަރެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފޭރިގަތް ފޯނުތަކުގެ އަގު 394،000 ޑޮލަރަށް ވުރެ ބޮޑުވާނެ އެވެ.

ފޭރުނު މީހުން ފާރަލަމުން އައި ވެހިކަލަށް ފޯނުތައް އަރުވަނިކޮށް މީހަކު ވަނީ އެތަން ފޮޓޯ ނަގައި ފުލުހުންނަށް ދީފަ އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި ފޭރުމުގެ އަމަލު ހިންގާފައި ވަނީ އެކަމަށް ވަރަށް ބޮޑަށް ތައްޔާރުވެ، އެކަމުގެ މައުލޫމާތު ހުރި ބައެކެވެ.

ހުކުރު ދުވަހު އެމެރިކާ އާއި އެހެން ބަައެއް ގައުމުތަކުގައި އައިފޯން 10 ވިއްކަން ރަސްމީކޮށް ފެށި އިރު އެޕަލްގެ ފިހާރަތަކުގެ ބޭރުގައި ދިގު ކިއޫތައް ހަދާފައި އޮތެވެ. މިއީ 1000 ޑޮލަރަށް ވުރެ އަގު ބޮޑުކޮށް އެޕަލް އިން ވިއްކާ ފުރަތަމަ ފޯނަށް ވުމުން ޑިމާންޑް ދަށްވާނެ ކަމަށް ބެލެވުނު ކަމުގައި ވިޔަސް އަގާ މެދު މާބޮޑު ޝާކުވާއެއް އޮތް ކަމަކަށް މިހާރު ނުބެލެވެ އެވެ.