ސައުދީން ރާއްޖެއަށް ދިން ފައިސާއަށް ޚިޔާނާތްތެރިވިތޯ ބަލަން އެމްޑީޕީން އެދެފި
ސައުދީން ރާއްޖެއަށް ދިން ފައިސާއަށް ޚިޔާނާތްތެރިވިތޯ ބަލަން އެމްޑީޕީން އެދެފި

ރާއްޖޭގެ ތަރައްގީއަށް ސައޫދީ އަރަބިއްޔާއިން ދިން ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބެލުމަށް އެމްޑީޕީން އެދެފި އެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްކޮށް ޒަމާނީ ތަރައްގީއަށް ސައޫދީން ފަށާފައިވާ މަސައްކަތަށް ތާއީދުކޮށް އެމްޑީން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި ތަރައްގީގެ މަޝްރޫތައް ހިންގަން ސައުދީން ކަނޑައެޅި ފައިސާއަށް ހިޔާނާތްތެރިވެ، ރާއްޖެއަށް އޭގެ ފައިދާ ނުވާގޮތަށް ބަޔަކު އެފައިސާ ބޭނުންކުރި ކަމަށް ކުރެވޭ ތުހުމަތު ބަލައި ދިނުމަށް އެދޭ ކަމަށެވެ. އަދި ސައޫދީން ކޮރަޕްޝަނާ ދެކޮޅަށް ފެށި މަސައްކަތްތަކަށް ތާއީދުކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

އިސްލާމީ މެދުމިނުގެ އުސޫލްތައް ގެންނަވާނެ ކަމަށް ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އިއުލާނު ކުރެއްވުމަށް ފަހު އަންހެނުންނަށް ބައެއް ކަންކަމުގައި ލުއިތައް ދިނުމާއި އިތުރު ހައްގުތައް ދޭން ނިންމި ނިންމުމަށް ތާއީދުކޮށް އެމްޑީޕީން ބުނީ އަންހެނުންނަށް އެ މީހުންގެ ހައްގުތައް ދިނުމަކީ އެމްޑީޕީގެ ވެސް ސިޔާސަތު ކަމަށެވެ.

ސައޫދީގެ އިގްތިސާދު ތެލަށް ބަރޯސާވެފައިވާ އޮންނަ އޮތުން ބަދަލުކޮށް އިގްތިސާދީ އެހެން މަސައްކަތްތައް ވެސް ފަށަން ނިންމާފައި ވާތީ އެކަމަށް ވެސް އެމްޑީޕީން މަރުހަބާ ކިޔާފައިވެ އެވެ. މިއީ ސައޫދީ ރައްޔިތުންނަށް ފާގަތިކަން ގެނެސްދޭނެ ބަދަލަކަށް ވާނެ ކަމަށް އުންމީދުކުރާ ކަމަށް އެމްޑީޕީން ބުންޏެވެ. އަދި މީގެ އިތުރުން ޔަމަނުގެ ހަނގުރާމަވެރިން ސައޫދީއަށް ދިން ހަމަލާ ކުށްވެރި ކުރަމުން އެމްޑީޕީން ބުނީ ސައޫދީއަށް ވެސް އަމިއްލަ ވަޒަން ދިފާއުކުރުމުގެ ފުރިހަމަ ހައްގު ލިބިގެންވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ސައުދީ ޝާހީ އާއިލާގެ އެންމެ މުއްސަނދި އެއް މެންބަރު ކަމަށްވާ ޕްރިންސް ވަލީދު ބިން ތަލާލާ އެކު ހަތަރު ވަޒީރަކު ކޮރަޕްޝަނުގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން ވެސް އެތައް ބަޔަކު ހައްޔަރުކޮށް ސައޫދީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.