އަނުޝްކާ ޕްރޮޑިއުސްކުރާ ފިލްމެއްގެ ބަތަލާއަކަށް ސާރާ
އަނުޝްކާ ޕްރޮޑިއުސްކުރާ ފިލްމެއްގެ ބަތަލާއަކަށް ސާރާ

ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ސައިފް އަލީ ޚާނާއި އަމްރިތާ ސިންގްގެ ދަރިފުޅު ސާރާގެ ފުރަތަމަ ފިލްމު "ކެދާރްނާތު" ރިލީޒް ނުވަނީސް އޭނާއަށް އިތުރު ފިލްމެއް ކުޅެން ލިބިއްޖެ އެވެ.

ސާރާ އަށް މިފަހަރު ކުޅެން ލިބުނީ އަނުޝްކާ ޝަރުމާގެ ޕްރޮޑަކްޝަން ހައުސްގެ ފިލްމެކެވެ. މިހާތަނަށް އަނުޝްކާ ޕްރޮޑިއުސްކޮށްފައިވާ "އެންއެޗް10" އާއި "ފިއްލޯރީ"ގައި ބަތަލާގެ ބައި ކުޅެފައިވަނީ ޚުދް އަނުޝްކާ އެވެ. ނަމަވެސް މިޑް-ޑޭގައި ބުނާ ގޮތުން އަނުޝްކާ ދެން ޕްރޮޑިއުސްކުރަން ހަމަޖެހިފައިވާ ފިލްމު ވަނީ ސާރާ އަށް ދީފަ އެވެ. މިއީ ސޯޝަލް ޑްރާމާ ފިލްމެކެވެ.

ސާރާ އަށް މި ފިލްމުގެ ވާހަކަ ކިޔައިދިނުމުން އޭނާ ވެސް ފިލްމު ކުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށްވެ އެވެ.

ނަމަވެސް ސާރާގެ ފުރަތަމަ ފިލްމު "ކެދާރްނާތު"ގެ ޝޫޓިން ނިމުމުގެ ކުރިން އޭނާ އެހެން އެއްވެސް ފިލްމެއް ކުޅެން ސޮއިކުރާކަށް އެ ފިލްމުގެ ޑައިރެކްޓަރު އަބީޝެކް ކަޕޫރު ބޭނުމެއް ނުވެ އެވެ. ނަމަވެސް ސާރާ އެގޮތަކާ އެއްބަހެއް ނުވެ އެވެ. ސަބަބަކީ ފިލްމު ރިލީޒްކުރުން މިހާރު ވަރަށް ބޮޑަށް ލަސްވެފައިވާތީ އެވެ.

މިހާރު "ކެދާރްނާތު" ރިލީޒްކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޑިސެމްބަރު ހިސާބުގަ އެވެ. އެހާ ދިގު މުއްދަތަކަށް އެހެން ފިލްމެއްގައި ސޮއި ނުކޮށް ހުންނާކަށް ސާރާ ބޭނުމެއް ނުވެ އެވެ.

މިކަމާ ގުޅޭ ގޮތުން އަނުޝްކާގެ ޕްރޮޑަކްޝަން ހައުސް އިން ބުނީ ސާރާއާ ބައްދަލުކޮށް އެ މީހުން ފިލްމަކާ ބެހޭ މަޝްވަރާތައް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެމީހުންގެ ފޯކަސް ބޮޑަށް ހުރީ އަންނަ ޖެނުއަރީގައި ރިލީޒްކުރާ "ޕަރީ" އަށް ކަމަށާއި އެހެން ފިލްމެއްގެ ކަންތައްތައް ފަށާނީ އެ ފިލްމު ރިލިޒްވުމަށް ފަހުގައި ކަމަށް ބުންޏެވެ.