ޖަޕާނަށް ދާ ދިވެހިންގެ ވިސާ ރާއްޖޭގައި ދޫކުރަން ފަށައިފި
ޖަޕާނަށް ދާ ދިވެހިންގެ ވިސާ ރާއްޖޭގައި ދޫކުރަން ފަށައިފި

ޖަޕާނަށް ދާ ދިވެހިންގެ ވިސާ، މާލޭގައި ހުންނަ އެ ގައުމުގެ އެމްބަސީން ދޫކުރަން ފަށައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ ޖަޕާނު އެމްބަސީން މާދަމާ އިން ފެށިގެން ރަސްމީކޮށް ވިސާ ދޫކުރަން ފަށާއިރު، ހަފުތާ ބަންދު ފިޔަަވައި ކޮންމެ ދުވަހަކު ވެސް އެތަނުން އެ ޚިދުމަތް ލިބޭނެ ކަމަށެވެ.

ވިސާ އަށް އެދި ހުށަހަޅާ ފޯމު ޖަޕާނު އެމްބަސީގެ ވެބްސައިޓުން ވެސް ލިބޭނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ޖަޕާނަށް ދާ ދިވެހިންނަށް މިހާތަނަށް ވިސާ ދޫކުރީ ސްރީ ލަންކާގައި ހުންނަ ޖަޕާނުގެ އެމްބަސީންނެވެ.

ރާއްޖެ އާއި ޖަޕާނުގެ ދެމެދުގައި ސިޔާސީ ގުޅުން އޮންނަތާ 50 އަހަރު ވެފައިވާއިރު، އެ ގައުމުގެ އެމްބަސީއެއް ރާއްޖޭގައި ވަނީ މިދިޔަ އަހަރު ހުޅުވައިފަ އެވެ.