ޓެކްސަސްގައި ދިން މަރުގެ އަދަބާ ގުޅިގެން މެކްސިކޯ ރަތަށް
ޓެކްސަސްގައި ދިން މަރުގެ އަދަބާ ގުޅިގެން މެކްސިކޯ ރަތަށް

ޓެކްސަސް (ނޮވެމްބަރު 10) - އެމެރިކާގެ ޓެކްސަސް ސްޓޭޓުގައި މެކްސިކޯ މީހަކަށް މަރުގެ އަދަބު ދިނުމާ ގުޅިގެން މެކްސިކޯ އިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ރޫބެން ކާޑެނަސް ރަމިރޭޒުގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް ތަންފީޒު ކުރީ އިންޖެކްޝަން ޖަހައިގެންނެވެ. އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވީ ދެބެންގެ ދެދަރި 16 އަހަރުގެ ކުއްޖަކު 1997 ވަނަ އަހަރު ވަގަށް ނަގާ، ރޭޕްކޮށް އަދި މަރާލުމުގެ ކުށުގަ އެވެ. މަރާލި ކުއްޖާގެ ދައްތަ އޭއެފްޕީ އަށް ބުނެފައި ވަނީ ގާތިލަށް މަރުގެ އަދަބު ދިނުމުން އާއިލާ އަށް ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށެވެ.

މެކްސިކޯގެ ރައީސް އެންރީކް ޕީނާ ނިއެޓޯ ވަނީ ރަމިރޭޒަށް މަރުގެ އަދަބު ދިނުން ކުށްވެރިކޮށްފަ އެވެ. އޭނާ ވިދާޅުވީ އެއީ އެމެރިކާގައި މެކްސިކޯގެ ގައިދީންނާ މެދު އަމަލު ކުރަން ޖެހޭ އދ.ގެ ނިންމުމާ ޚިލާފަށް ޓެކްސަސް އިން ކޮށްފައިވާ ކަމެއް ކަމަށެވެ. މެކްސިކޯ އިން 2005 ވަނަ އަހަރު މަރުގެ އަދަބު އުވާލައިފަ އެވެ.

"ރޫބެން ކާޑެނަސް ރަމިރޭޒަށް ޓެކްސަސްގައި ދިން މަރުގެ އަދަބު ކުށްވެރިކުރަން. އެއީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ނިންމުމާ ޚިލާފަށް ކޮށްފައިވާ ކަމެއް،" ނިއެޓާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އދ.ގެ ޝަރުއީ އިދާރާ ކަމަށްވާ އައިސީޖޭ އިން 2004 ވަނަ އަހަރު ބުނެފައި ވަނީ ކާޑެނަލްސް ވެސް ހިމެނޭ ގޮތަށް މެކްސިކޯގެ 51 މީހަކު އެމެރިކާ އިން ހައްޔަރުކުރީ މެކްސިކޯ އަށް އެކަމުގެ މައުލޫމާތު ނުދީ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ގާނޫނާ ޚިލާފަށް އެކަން ކުރުމަށް ފަހު ހައްޔަރުކުރި މީހުންނަށް އެ މީހުންގެ ގައުމުގެ ކޮންސިއުލޭޓުން އެހީތެރިކަން ދިނުގެ ފުރުސަތު ވެސް ދީފައި ނުވާ ކަމަށް އައިސީޖޭ އިން ބުނެފައިވެ އެވެ.

މެކްސިކޯ ބޯޑަރުގައި ފާރެއް ރާނާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވުމާއި ގުޅިގެން ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.