11 ނޮވެމްބަރ 2017 - 15:42

އަންނަ އަހަރު ބާއްވަން ހަމަޖައްސާފައިވާ ރިޔާސީ އިންތިހާބުގައި، ކޯލިޝަން ސަރުކާރަކަށް ތާއީދުކުރަން އަދާލަތު ޕާޓީން ރޭ ރަސްމީކޮށް ނިންމައިފި އެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކަށް ތާއީދުކޮށް،
2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ޕާޓީތަކާ އެކު އެއްބަސްވެވޭ ޝަރުތުތަކާއެކު ކުރިއަށްދާން އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ގަރާރެއް ފާސްކޮށްފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބުގައި ކޯލިޝަން ސަރުކާރަކަށް އަދާލަތުން ތާއީދުކުރިއަސް، އެ ޕާޓީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ އެހެން ޕާޓީތަކުން، އިންތިހާބާ ގުޅޭ ގޮތުން ރަސްމީކޮށް ވަކި ގޮތެއް ނުނިންމަ އެވެ. އަދާލަތުން މިގޮތަށް ނިންމާފައި ވަނީ، ޕާޓީތަކުން ވަކިވަކިން ކެންޑިޑޭޓުން ނެރެ، އޭގެ ތެރެއިން އެންމެ ތާއީދު އޮތް ބޭފުޅަކު އިންތިގާލީ ކެންޑިޑޭޓެއްގެ ގޮތުގައި 2018 ގެ އިންތިހާބަށް ނެރެން މަޝްވަރާކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕާޓީތަކުގައި އެދިވަޑައިގެންފައި ވަނިކޮށެވެ.
އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނިގޮތުގައި ވެރިކަން ހިންގުމުގެ ނިޒާމު ރޫޅާލައި ރައްޔިތުންގެ މަޖިލީހުގެ ހިންގުން ހުއްޓުވާލައި މިނިވަން މުއައްސަސާތަކުގެ ގާނޫނީ ހައިސިއްޔަތު މި ސަރުކާރުން ވަނީ ކަނޑާލައިފަ އެވެ. އެހެންވެ، ގައުމަށް ދިމާވެފައިވާ މި މުސީބާތުން ދިވެހި ދައުލަތް ސަލާމަތްކުރަން ކޯލިޝަން ސަރުކާރަކާ އެކު ކުރިއަށްދާން ނިންމީ ކަމަށެވެ.
ދެހާސްތޭރައިގެ އިންތިހާބުގައި އަދާލަތު ޕާޓީން ކޯލިޝަން ހެދީ ވެރިކަން ކުރާ ޕީޕީއެމްއާ އެވެ. އެކަމަކު އެ ޕާޓީ ވެރިކަމަށް އައިސް ރައްޔިތުންނަށް އަނިޔާވެރިވަމުންދާ ކަމަށް ބުނެ ކޯލިޝަނުން ވަކިވުމަށް ފަހު، މިހާރު މަސައްކަތް ކުރަނީ ސަރުކާރާ ދެކޮޅަށް ޕާޓީތަކުން އެކުލަވާލާފައިވާ އިއްތިހާދާ އެކުގަ އެވެ.