ކޯޓުގެ ހުރުމަތް ކެނޑުމުން، ސިންގަޕޫރު ހައި ކޯޓުން އޭޑީކޭ ނާޝިދު 12،000 ޑޮލަރުން ޖޫރިމަނާކޮށްފި
ކޯޓުގެ ހުރުމަތް ކެނޑުމުން، ސިންގަޕޫރު ހައި ކޯޓުން އޭޑީކޭ ނާޝިދު 12،000 ޑޮލަރުން ޖޫރިމަނާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ސިންގަޕޫރުގެ ހައި ކޯޓަށް ހާޒިރުވާން ކުރި އަމުރާ ޚިލާފުވެވަޑައިގެން ކޯޓުގެ ހުރުމަތް ކެނޑުމާ ގުޅިގެން 12،000 ޑޮލަރުން (185،000ރ.) ޖޫރިމަނާކޮށްފި އެވެ.

ސިންގަޕޫރުގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ނާޝިދު ކޯޓަށް ހާޒިރުވާން އެންގީ އޭޑީކޭ ޓްރެވަލްސް އިން 2011 ގައި ސިންގަޕޫރުގެ ފޯމެންޓޯ އެސޯސިއޭޓެޑް ސިންގަޕޫރު ހޯލްޑިން ކުންފުނިން ނެގި 1.5 މިލިއަން ޑޮލަރުގެ ލޯނެއްގެ މައްސަލައިގައި ބޭއްވި އަޑުއެހުމަކަށް ހާޒިރު ނުވެގެންނެވެ. އޭޑީކޭ ޓްރެވަލްސް އަށް ނެގި އެ ލޯނަށް ނާޝިދު ވަނީ ޕާސަނަލް ގެރެންޓީއެއް ދީފަ އެވެ.

މީގެ ދެ އަހަރު ކުރިން، 2015 ގައި ވެސް ސިންގަޕޫރު ހައި ކޯޓުގައި ބޭއްވި އަޑުއެހުމަކަށް ނާޝިދު ހާޒިރު ނުވެގެން ވެސް ޖޫރިމަނާ ކުރި އެވެ.

ސިންގަޕޫރުގެ ކޯޓަކުން ވަނީ ފޯމެންޓޯ ކުންފުނިން ނެގި ލޯނު އަނބުރާ ދެއްކުމަށް އޭޑީކޭ ޓްރެވަލްސްގެ މައްޗަށް ހުކުމްކޮށްފަ އެވެ. އަދި އެ މައްސަލަ ހައި ކޯޓަށް ހުށަހެޅީ ދަރަނީގެ ގޮތުގައި ފޯމެންޓޯ އަށް ނެގޭނެ ހަރު މުދަލެއް ހުރި ނަމަ، އެ މުދަލެއް ނަގައިދިނުމަށް އެދި އެވެ.

ސްޓްރެއިޓްސް ޓައިމްސް ނޫހުގައި ބުނެފައިވާ ގޮތުގައި ކޯޓުގެ ހުރުމަތް ކެނޑުމުގެ މައްސަލައިގެ އަޑުއެހުމަކަށް ހާޒިރުވާން އެ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެންގުމުން ވެސް ނާޝިދު ހާޒިރުވެވަޑައިގެންފައެއް ނުވެ އެވެ. ކޯޓަށް ހާޒިރުވެވަޑައިނުގެންނެވުނީ މަޖިލީހުގެ ޖަލްސާތަކާއި ސިޔާސީ ބައްދަލުވުންތަކަށް ވަޑައިގަންނަވަން ޖެހުމުން ކަމަށް ނާޝިދު ކޯޓަށް ޖަވާބުދާރީވެވަޑައިގެންފައިވާ ކަމަށް ވެސް އެ ނޫހުގައިވެ އެވެ.

އެހެންވެ، ނާޝިދުގެ ވާހަކަތަކަށް ރިއާޔަތްކޮށް، މިދިޔަ ހޯމަ ދުވަހަށް ކޯޓުން އަޑުއެހުން ފަސް ކުރި އެވެ. ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ނާޝިދުގެ ވަކީލުން އެދިވަޑައިގަތީ ކޯޓުގެ ހުރުމަތް ކެނޑި މައްސަލަ ކުރިއަށް ނުގެންގޮސް، ކުޑަ ޖޫރިމަނާއެއް ނުވަތަ އިންޒާރަކުން މައްސަލަ ނިންމައި ދިނުމަށެވެ.

ނަމަވެސް ޖުޑިޝަލް ކޮމިޝަނަރު ވަނީ ކޯޓުގެ އަމުރާ ނާޝިދު ގަސްދުގައި ހިލާފުވެވަޑައިގެންނެވުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައިފަ އެވެ.

ފޯމެންޓޯ ކުންފުނިން ސިންގަޕޫރު ހައި ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންނަ ޑިސެމްބަރު މަހު ބޭއްވުމަށް އެ ކޯޓުން ވަނީ ނިންމައިފަ އެވެ.

ފޯމެންޓޯ ކުންފުނިން އޭޑީކޭ ޓްރެވަލްސް އަށް ނަގާފައިވާ 1.5 މިލިއަން ޑޮލަރުގެ ލޯނު ނުދެއްކެމުގެ ސަބަބުން، ފާއިތުވީ ހަ އަހަރު ދުވަހުގެ ތެރޭގައި އިތުރުވި އިންޓްރެސްޓާއެކު މިހާރު ދައްކަންޖެހޭ ފައިސާގެ އަދަދު ވަނީ ދެ މިލިއަން ޑޮލަރަށް އަރައިފަ އެވެ.