14 ނޮވެމްބަރ 2017 - 12:09

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން، މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މުވައްޒަފުންނަށް ވެސް ފްލެޓް ދޭން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި، މިކަން އިއުލާންކުރީ، ކަސްޓަމްސްގެ އިސް ވެރިން މުވައްޒަފުންނާ އެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ. އެކަމަކު އެ ބައްދަލުވުމުގައި ވެސް ފްލެޓްތަކާ ގުޅޭގޮތުން މާ ބޮޑު ތަފްސީލެއް ނުދެ އެވެ.
މިކަމާ ގުޅޭގޮތުން ކަސްޓަމްސް އިން ވާހަކައެއް ނުދެއްކި އެވެ. އެނގިފައިވާ ގޮތުގައި ކަސްޓަމްސް އިން ނިންމާފައި ވަނީ، އިދާރީ ހުރިހާ ކަމެއް ހަމަޖެހުމުން، ރަސްމީކޮށް އެކަން އިއުލާން ކުރާށެވެ.
ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ކަށަވަރުވާނެ ކަމުގެ ޔަގީންކަން ދިންއިރު، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މުވައްޒަފުންނަށް ފަސޭހައިން ބޯހިޔާވަހިކަން ހަމަޖައްސައި ދިނުމަށް، ފްލެޓް ދިނުމަށް ވަނީ ނިންމައިފަ އެވެ. އެ ކުންފުނިން މިދިޔަ ހަފުތާގައި ބުނެފައި ވަނީ ފްލެޓް އެޅުމުގެ އިދާރީ ކަންކަން މިހާރު ފަށާފައިވާ ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ގިނަ މުވައްޒަފުންތަކަކަށް ފްލެޓް ލިބޭނެ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެ އެވެ.
ސަރުކާރުން އަންނަނީ އެކި ދާއިރާތަކަށް ފްލެޓްގެ ފުރުސަތުތައް ހުޅުވާލަމުންނެވެ. ފުލުހުންނާއި ސިފައިންނަށް ހާއްސަ ފްލެޓްތައް އަޅަން ފަށާފައިވާއިރު ޑޮކްޓަރުންނާއި ނަރުހުންނަށް ވެސް ބޯހިޔާވަހިކަމުގެ ސްކީމެއް ހުޅުވާލާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް 1،000 ފްލެޓް ކަނޑައަޅައި ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. މި ސްކީމްގެ އިވެލުއޭޝަން ނިމުމުން، އެހެން ދާއިރާތަކަށް ހާއްސަ ސްކީމްތައް ވެސް ހުޅުވާލާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ފްލެޓް ލިބުނު މީހުން އިއުލާންކޮށްފައިވާއިރު، ފްލެޓް ދީފައި ވަނީ އިންސާފުން ނޫން ކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެ އެވެ. މި ތުހުމަތުތަކަށް އަމާޒުކޮށް، ސަރުކާރުން ބުނެފައި ވަނީ، މި އަހަރު 7،000 ފްލެޓް އަދި އަންނަ އަހަރު 8،000 ފްލެޓް ހުޅުމާލޭގައި އަޅައި ނިމުމުން، ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލު ހޯދައިދެވޭނެ ކަމަށެވެ.