17 ނޮވެމްބަރ 2017 - 06:21

ލަސްލަހުން ކެއުމުން ފަލަބަލި ނުވަތަ މެޓަބޮލިކް ސިންޑްރޯމް ޖެހުމުގެ ފުރުސަތު ކުޑަވެގެންދާ ކަމަށް ފަހުގެ ހޯދުމަކުން ދައްކައިފި އެވެ.
މާ އަވަސްއަވަރުވާލައިގެން ކެއުމުން ކުއްލިއަކަށް ހަކުރު މަތިވެ އަދި ތިރިވާ ގޮތްވެ އެވެ. މިކަމުގެ ސަބަބުން އިންސިއުލިން އުފެދުމުގައި މައްސަލަތައް ދިމާވެ އެވެ.
މެޓަބޮލިކް ސިންޑްރޯމަކީ ހިތުގެ ބައްޔާއި ހަކުރު ބަލި އަދި ސްޓްރޯކް ފަދަ ބަލިތައް ޖެހުމަށް މެދުވެރިވާ ސަބަބެކެވެ. މެޓަބޮލިކް ސިންޑްރޯމް ޖެހުމޭ ބުނަނީ ބަނޑުގައި އާދަޔާޚިލާފަށް މަސް ޖެހުމާއި ފާސްޓިން ބްލަޑް ޝުގާ މަތިވުމާއި ލޭގެ ޕްރެޝަރު މަތިވުމާއި ޓްރައިގްލިސަރައިޑްސް މަތިވުން އަދި/ނުވަތަ އެޗްޑީއެލް ކޮލެސްޓްރޯލް ދަށްވުމާއި ހުރިހާ ކަމެއް އެއްވުމުންނެވެ.
އެމެރިކަން ހާޓް އެސޯސިއޭޝަންގެ ސައިންޓިފިކް ސެޝަންސް 2017ގެ ދިރާސާއެއް ބުނާ ގޮތުން ލަސްލަހުން މަޑުމަޑުން، ހަފައިގެން ކެއުމަކީ ސިއްހަތާއި ހަށިގަނޑަށް އެންމެ ފައިދާ ހުރި ގޮތެވެ.
ޖަޕާނުގެ ހިރޯޝީމާ ޔުނިވަސިޓީގެ ޓީމުން މި ދިރާސާ ކުރުމަށް 642 ފިރިހެނުންނާއި 441 އަންހެނެއްގެ ސިއްހީ ހާލަތު ދެނެގަތެވެ. މި މީހުންގެ އެވްރެޖް އުމުރަކީ އެވްރެޖްކޮށް 51.2 އަހަރެވެ. އަދި 2008 ގައި މިއިން އެއްވެސް މީހެއްގެ މެޓަބޮލިކް ސިންޑްރޯމެއް ނެތެވެ.
ދިރާސާގެ ބައިވެރިން ތިން ކެޓަގަރީއަކަށް ބަހާލި އެވެ. މި ތިން ކެޓަގަރީ އަށް މީހުން ބަހާލީ އެމީހުން ކަނީ ވަރަށް ލަސްލަހުންތޯ އެވްރެޖްވަރަކަށްތޯ އަދި ވަރަށް އަވަސް އަވަހަށްތޯ ސުވާލުކުރުމަށް ފަހު ޖަވާބު ދިން ގޮތަށް ބަލައިގެންނެވެ.
މި ދިރާސާ ކުރިޔަށް ގެންގޮސް ފަސް އަހަރު ފަހުން އަލުން މި އެންމެންގެ ހާލަތު ބެލި އެވެ.
މި ހޯދުމުން އެނގުނު ގޮތުގައި އާދައިގެ ސްޕީޑެއްގައި ކާ މީހުންނަށް ވުރެ އަވަސްއަރުވާލާފައި ކާ މީހުންނަށް މެޓަބޮލިކް ސިންޑްރޯމް ޖެހުމުގެ ފުރުސަތު 11.6 ޕަސެންޓް އިތުރެވެ. އާދައިގެ ސްޕީޑެއްގައި ކާ މީހުންނަށް މެޓަބޮލިކް ސިންޑްރޯމް ޖެހުމުގެ ފުރުސަތު އޮތީ 6.5 ޕަސެންޓެވެ. އެންމެ ލަސް ސްޕީޑްގައި ކާ މީހުންނަށް މެޓަބޮލިކް ސިންޑްރޯމް ޖެހުމުގެ ފުރުސަތު އޮތީ އެންމެ 2.3 ޕަސެންޓެވެ.
ސްޕީޑް އަވަސްކޮށް ކެއުމުން ބަރުދަން އިތުރުވެ، އުނަގަނޑާއި ބަނޑުގައި މަސް ޖަހާލެއް އިތުރުވެ، ލޭގައި ގުލްކޯޒް ހުންނަ މިންވަރު މަތިވާކަން ފާހަގަކުރެވެ އެވެ.
އެންމެ ރަނގަޅު ގޮތަކީ ކެއުމަށް ވަގުތު ހޯދައިގެން މަޑުމަޑުން، ރަނގަޅަށް ހަފައިގެން ކެއުމެވެ. އޭރުން ބަނޑު ފުރިއްޖެކަމުގެ ސިގްނަލް ސިކުނޑިއަށް ލިބޭލެއް އަވަސްވެފައި ކެވޭ މިންވަރު މަދުވެ އަވަހަށް ކެއުން ހުއްޓާލެވެ އެވެ.
"މާ އަވަސްއަރުވާލާފައި ކާ މީހުންނަށް ބަނޑު ފުރިއްޖެކަމުގެ އިހްސާސެއް ނުވޭ. އެހެންވީމާ މާގިނައިން ކެވޭގޮތް ދިމާވަނީ. ސްޕީޑް އަވަސްކޮށް ކެއުމުން ގުލްކޯޒް ލެވެލް މައްޗަށް ގޮސް ތިރިއަށް ވެއްޓުން ފަދަ ގޮތްގޮތް ވޭ. މިކަމުގެ ސަަބަބުން އިންސިއުލިން އުފެދުމަށް ބުރޫ އަރާ،" އޭނާ ވިދާޅުވި އެވެ.