މަސީހުގެ މަގާމު ގެއްލިފައިވާ ކަނޑައަޅަން ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި
މަސީހުގެ މަގާމު ގެއްލިފައިވާ ކަނޑައަޅަން ފާރިސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި މަޖިލީހުގެ އަމީން އާންމު އަހުމަދު މުހައްމަދުގެ މަގާމު ގެއްލިފައިވާ ކަމަށް ކަނޑައަޅައިދޭން އެދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.

ފާރިސްގެ ފަރާތުން މިދިޔަ ބުރާސްފަތި ދުވަހު އެ ދައުވާކުރީ އޭނާ ބަންދުގައި ހުންނަވާއިރު މަޖިލީހުުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރު ނުކުރާ މައްސަލައިގަ އެވެ. މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކަށް ހާޒިރުވުމަކީ މެމްބަރެއްގެ ހައިސިއްޔަތުން ފާރިސްގެ ހައްގެއް ކަމަށާއި ކުށެއް ސާބިތުނުވާހާ ހިނދަކު އޭނާ މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭނެ ކަމަށް އެ ދައުވާގައިވެ އެވެ.

ދައުލަތާ ދެކޮޅަށް ހުށަހެޅި އެ މައްސަލާގައި އެދިފައިވަނީ ފާރިސް މަޖިލީހަށް ހާޒިރު ނުކުރާ މައްސަލާގައި މަޖިލީހުގެ ރައީސް މަސީހާއި އަމީން އާންމުގެ އަމަލުތައް ގާނޫނު އަސާސީއާ ޚިލާފަށް ކަމަށާއި އެހެންވެ އެ ދެ ބޭފުޅުންގެ މަގާމު ހުސްވެފައިވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ. ފާރިސް މަޖިލީހަށް ހާޒިރު ނުކުރާ މައްސަލާގައި އެ ދެ ބޭފުޅުންގެ ގާނޫނީ ޒިންމާ އަދާ ކޮށްފައި ނުވާ ކަމަށް އެ މައްސަލާގައި ބުނެފައިވެ އެވެ.

މީގެެ އިތުރުން ފާރިސް ހާޒިރު ނުކޮށް ކުރިއަށް ގެންދާ މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުން ނިންމާ ނިންމުންތައް ބާތިލް ކަމަށް ކަނޑައަޅައި ދިނުމަށް ވެސް އެ މައްސަލާގައި އެދިފައިވެ އެވެ. އަދި މަޖިލީހަށް ފާރިސް ހާޒިރުކޮށް ދޭން ދައުލަތުގެ މައްޗަށް އަމުރުކޮށް ދިނުމަށް ވެސް އެ މައްސަލާގައި އެދިފައިވެ އެވެ.

މަޖިލީހުގެ މެމްބަރަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ތުހުމަތުގައި ފާރިސް ހައްޔަރުކުރި ފަހުން މިހާތަނަށް މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީއަކަށް އޭނާ ހާޒިރެއް ނުކުރެ އެވެ. ފާރިސްގެ ވަކީލުން ކުރިން ގެންދެވީ އެކަމާ މެދު ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.

ކުށުގެ ތުހުމަތުގައި ބަންދުގައި ތިބޭ މެމްބަރުންނާއި އެއް އަހަރަށް ވުރެ ކުރު ހުކުމެއް ތަންފީޒު ކުރަމުންދާ މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭ ގޮތަށް މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނުގައި އޮތް މާއްދާ ސުޕްރީމް ކޯޓުން ކުރިން ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު މަޖިލީހުގެ ގަވާއިދުގައި އަދިވެސް އޮންނަނީ ކުށުގެ ތުހުމަތުގައި ބަންދުގައި ތިބޭ މެމްބަރުން މަޖިލީހަށް ހާޒިރުކޮށްދޭން ޖެހޭ ގޮތަށެވެ.