18 ނޮވެމްބަރ 2017 - 13:11

ހަރާރޭ (ނޮވެމްބަރު 18) - ޒިމްބާބުވޭގެ ރައީސްކަމުން ރޮބަޓް މުގާބޭ އިސްތިއުފާ ދިނުމަށް އެދި ގޮވާލާ ބޮޑު މުޒާހަރާއެއް ކުރަން ތައްޔާރު ވެއްޖެ އެވެ.
މުޒާހަރާގައި ބައިވެރިވުމަށް ގައުމުގެ އެކި ހިސާބުތަކުން މިހާރު ދަނީ ވެރިރަށް ހަރާރޭ އަށް މީހުން ޖަމާވަމުންނެވެ. މުޒާހަރާގައި އިސްކޮށް އުޅެނީ ސިފައިންނެވެ. އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް މުގާބޭ އަށް ވަފާތެރިކަން މަތީ ތިބި، ވެރިކަން ކުރާ ޕާޓީގެ މެންބަރުންނާއި ގައުމުގެ މިނިވަންކަމުގެ ހަނގުރާމައިގެ ބަތަލުން ވެސް މިހާރު ދަނީ މުގާބޭ އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.
ސިފައިން ނުކުމެ ގައުމުގެ ކޮންޓްރޯލް މިދިޔަ ބުދަ ދުވަހު ހޯދި ފަހުން މުގާބޭ، 93، ހުންނެވީ ގޭ ބަންދުގަ އެވެ. ނަމަވެސް އިއްޔެ އޭނާ ވަނީ ހަރާރޭ ޔުނިވާސިޓީގެ ގްރެޖުއޭޝަނުގައި ބައިވެރިވެވަޑައިގެންފަ އެވެ.
މުގާބޭއާ ދެކޮޅަށް ސިފައިން ނުކުންނަން ޖެހުނީ ނައިބް ރައީސްގެ މަގާމުން އެމާސަން ނަންގަގްވާ ވަކިކުރުމާ ގުޅިގެންނެވެ. އޭނާ މަގާމުން ދުރުކޮށްފައި ވަނީ މުގާބޭގެ އަނބިކަނބަލުން ގްރޭސްއާ ޚިޔާލުތަފާތުވެ، ގްރޭސްގެ ނުފޫޒުންނެވެ.
ޒިމްބާބުވޭ ސިފައިން އިއްޔެ ބުނެފައި ވަނީ މުޒާހަރާ އިންތިޒާމް ކުރާ އިސް ފަރާތްތަކާ ބައްދަލުކޮށްފައިވާ ކަމަށާއި އެއީ މުގާބޭއާ ދެކޮޅަށް އެއްބައިވަންތަކުގެ މުޒާހަރާއެއް ކަމަށެވެ.
މުގާބޭ އިސްތިއުފާ ދިނުމަށް ބާރު އެޅުމުގެ ގޮތުން ސިފައިން ބުރާސްފަތި ދުވަހު ވަނީ އޭނާއާ ބައްދަލުކޮށްފަ އެވެ. ސައުތު އެފްރިކާގެ މަންދޫބުންނާ އެކު ބޭއްވި ބައްދަލުވުމުގައި މުގާބޭ ވަނީ އިސްތިއުފާ ދެއްވަން ދެކޮޅު ހައްދަވައިފަ އެވެ.