ސަރުކާރުގައި ހުރި މައްސަލަތައް މަދެއް ނޫން، އަންނަ ލޮޅުން ވެސް ކުޑައެއް ނޫން: ރައީސް
ސަރުކާރުގައި ހުރި މައްސަލަތައް މަދެއް ނޫން، އަންނަ ލޮޅުން ވެސް ކުޑައެއް ނޫން: ރައީސް

އެތެރެ އާއި ބޭރުން ކުރިމަތިވަމުންދާ ޕްރެޝަރުތަކާ އެކު ސަރުކާރަށް ބޮޑެތި ލޮޅުންތަކެއް އަރަމުން ދާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ، ގައުމާ މުޚާތަބުކުރައްވާ، ވިދާޅުވެއްޖެ އެވެ.

ސަރުކާރުގައި ހުރި މައްސަލަތައް މަދެއް ނޫން، އަންނަ ލޮޅުން ވެސް ކުޑައެއް ނޫން: ރައީސް
ސަރުކާރުގައި ހުރި މައްސަލަތައް މަދެއް ނޫން، އަންނަ ލޮޅުން ވެސް ކުޑައެއް ނޫން: ރައީސް

ފިތުރު އީދު ދުވަހާ ގުޅިގެން ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމް މެދުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ތެރޭގައި ވެސް މައްސަލަތަކެއް ހުރި ކަމަށެވެ. އެގޮތުން ދައުރުގެ ތިން ވަނަ އަހަރުގެ ތެރޭގައި ތިން ނައިބު ރައީސުން ރައްޔިތުންނަށް ފެނުމާއި ތިން ވަނަ ޑިފެންސް މިނިސްޓަރަކު އައްޔަންކުރައްވަން ޖެހިވަޑައިގަތުމުގެ އިތުރުން ކެބިނެޓުގެ ގާތްގަނޑަކަށް 10 ވަޒީރަކު އިސްތިއުފާ ދެއްވި ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ މި ސަރުކާރަށް ހުރި މައްސަލަތައް ކުޑައެއް ނޫން. ބައިނަލްއަގުވާމީ ގޮތުން މި ސަރުކާރަށް ހުރި ދަތިތައް ކުޑައެއް ނޫން،" ރައީސް ވިދާޅުވި އެވެ.

މި ލޮޅުންތައް ކުރިމަތިވަނީ، ރައީސް ވިދާޅުވި ގޮތުގައި، ސިޔާސީ މައްސަލަތަކުގައި ސިޔާސީ އެކި ފަރާތްތަކުން ކުރައްވާ ކުށްތަކާ ގުޅިގެން ކޯޓުތަކުން ހުކުމް އިއްވުމުންނެވެ. އެ ހުކުމް ތަންފީޒުކުރާއިރު ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި މައްސަލަތައް ބައިނަލްއަގުވާމީ މުޖުތަމައުގައި ދިވެހި ސަރުކާރާ ދޭތެރޭގައި ނަގަނީ ވަރަށް ނޭއްގާނީކޮށް،" ރައީސް ވިދާޅުވި އެވެ.

އެހެންވިއަސް ގާނޫނާ ހިލާފުވެއްޖެ ނަމަ "ހައްގު ޖަޒާ ނުލިބި ނުދާނެ" ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ތަކުރާރުކުރެއްވި އެވެ. އެކަމުގައި އެމަނިކުފާނުގެ އެއްވެސް ދައުރެއް ނެތް ކަމަށާއި ކުށްކުށަށް އަދަބު ދެނީ އަދުލު އިންސާފުގެ ދާއިރާ އިން ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގައި މަރުގެ އަދަބު ދޭން ނިންމުމަކީ ވެސް ބޭރުން ވަރަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިކުރުވައި ފާޑުކިޔަމުންދާ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. މަރުގެ ހުކުމް ތަންފީޒުކުރުމަކީ އެމަނިކުފާނަށް ކުރައްވަން ފަސޭހަފުޅު ކަމަކަށް ނުވިއަސް އެކަން ތަންފީޒުކުރައްވަން މަޖުބޫރުވެވަޑައިގަންނަވަނީ މުޖުތަމައުގެ މަސްލަހަތާއި ރައްކާތެރިކަން އެކުލެވިގެންވާ ކަމަކަށް ވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.

މަރުގެ ހުކުމް ތަންފީޒުކުރަން ވާން ޖެހޭ ތައްޔާރީތައް ކުރަމުން އަންނަ ކަން ފާހަގަކުރައްވައި ވިދާޅުވީ ކިތަންމެ ގޮންޖެހުމެއް ކުރިމަތިވިއަސް އެކަމުގައި އެމަނިކުފާނު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ވެރިކަމަށް ވަޑައިގަތީ ރައްޔިތުންނަށް އުފާވެރިކަމާއި ތަރައްގީ ގެނެސްދެއްވުމަށެވެ. އެމަނިކުފާނުގެ ސަރުކާރުން ކުރާ މަސައްކަތަކީ ވެސް ރާއްޖޭގައި ހުރި ދަތިތައް ފިލުވޭނެ ގޮތްތަކަށް މަޝްރޫއުތައް ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ވެރިކަމަށް އައީ އެއްވެސް ގޮތަކަށް އެއްވެސް ސިޔާސީ ބޭފުޅަކާ ވާދަވެރިވާކަށެއް ނޫން، ވާދަކުރާކަށެއް ނޫން. އަޅުގަނޑު އައީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކުރުމަށް،" ރައީސް ވިދާޅުވި އެވެ.

އޭގެ ތެރޭގައި، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ސިއްހީ ދާއިރާ އާއި ޒުވާނުންގެ މައްސަލަތަކާއި މީހުން މެރުން ހުއްޓުވުން ހިމެނެ އެވެ. އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދިނުމާއި ރާއްޖޭގެ އަމަން އަމާންކަން ގާއިމްކޮށް ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަކީ ވެސް ވެރިކަމަށް ވަޑައިގަތް ސަބަބުތަކެއް ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނާއި ކެބިނެޓަށް ކުރިމަތިވަމުންދާ ހުރިހާ އުނދަގުލަކާ އެކު ވެސް، ރައީސް ވިދާޅުވި ގޮތުގައި، ތަރައްގީގެ ވަރަށް ގިނަ މަސައްކަތްތަކެއް މުޅި ރާއްޖޭގައި އަންނަނީ ކުރަމުންނެވެ. އެ މަސައްކަތްތައް ކުރިއަށް ގެންގޮސް، ވެރިކަން ކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ދެއްވަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ހުރިހާ އުމުރުފުރައަކަށާއި ގައުމުގެ މައްސަލަތަކަށް ދެއްވި ހިތާބުގައި ކުޑަކުދިންނަށް އުފާވެރި ހަބަރެއް ރައީސް ޔާމީން ދެއްވި އެވެ. އެއީ ކުޑަކުދިން ހިތްއެދޭ ފަދަ މާހައުލެއްގެ ގޮތުގައި ސަލްޓަން ޕާކު ތަރައްގީކުރުމެވެ. މި އަހަރު ތެރޭގައި އެ ހަދިޔާ ކުޑަކުދިންނަށް ދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

"ރައީސް ޔާމީން ބޭނުންވީ ހުރިހާ ކުޑަކުދިންނަށް އީދު ދުވަހު ހަދިޔާއެއް ދިނުމަށް. އެއީ ސަލްޓަން ޕާކް ކުޑަކުދިންނަށް ބޭނުންކުރެވޭ ފޫހިފިލާ ފަދަ ތަނަކަށް ހަދައިދިނުމަށް. ނަމަވެސް ކަންތައްތައް ލަސްވެގެން ދިޔައީމަ ސަލްޓަން ޕާކް މި އީދު ދުވަހު ހަދިޔާއެއްގެ ގޮތުގައި ދެވޭ ގޮތް ނުވީ،" ރައީސް ވިދާޅުވި އެވެ.

ޒުވާނުންނަށް ދެއްވި މެސެޖުގައި ވިދާޅުވީ "ތިޔަ ޒުވާނުން ދެކެ ރައީސް ޔާމީނާއި ސަރުކާރުގެ ހުރިހާ ވެރިން ވަރަށް ލޯބިވާ" ކަމަށެވެ. ހުރިހާ ޒުވާނުން ވެސް ކުށްތަކުން ދުރުހެލިވުމަށް ރައީސް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

"ޒުވާން ކުދިންގެ ހަޔާތް އުފާވެރި ހަޔާތަކަށް ބަދަލުވެއްޖެ ކަމަށް ވަންޏާ މުޅި ދިވެހި ރާއްޖެ އަކީ ވަރަށް އުފާވެރި ތަނަކަށް ބަދަލުވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.