މާބަނޑު މީހުން އުއްޑުން އޮވެ ނިދުމުން ދަރިފުޅުގެ ފުރާނައަށް ނުރައްކާވޭ
މާބަނޑު މީހުން އުއްޑުން އޮވެ ނިދުމުން ދަރިފުޅުގެ ފުރާނައަށް ނުރައްކާވޭ

ބަލިވެ އިނދެ އެންމެ ފަހު ތިން މަހު، މާބަނޑު މީހުން އުއްޑުން އޮވެ ނިދުމަކީ ބަނޑުގައި އޮންނަ ދަރިފުޅު ކުއްލިއަކަށް މަރުވެދާނެ ސަބަބެއް ކަމަށް ތަޖުރިބާކާރުން ބުނެފި އެވެ. އެންމެ ފަހު ތިން މަހު އެ މީހުން ނިދަން އެންމެ ރަނގަޅީ އެއް އަރިއަކަށް އޮވެގެންނެވެ.

މާބަނޑު މީހުން އުއްޑުން އޮވެ ނިދުމުން ދަރިފުޅުގެ ފުރާނައަށް ނުރައްކާވޭ
މާބަނޑު މީހުން އުއްޑުން އޮވެ ނިދުމުން ދަރިފުޅުގެ ފުރާނައަށް ނުރައްކާވޭ

ހާހެއްހާ އަންހެނުންގެ މެދުގައި ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ތިން ވަނަ ޓްރައިމިސްޓާގައި އުއްޑުން އޮވެ ނިދާ ނަމަ ދަރިފުޅު ބަނޑުތެރެއަށް މަރުވުމުގެ ނުރައްކާ ދެ ގުނަ އިތުރުވެ އެވެ. މި ހޯދުމުގައި ބެލި އަންހެނުންގެ ތެރެއިން 291 މީހުންނަކީ ބަނޑަށް ދަރިފުޅު މަރުވެފައިވާ މީހުންނެވެ. އަދި 735 އަންހެނުންނަށް ލިބުނު ކުދިން ވިހޭއިރު ދިރި އޮތެވެ.

ތަޖުރިބާކާރުން ބުނަނީ އެންމެ މުހިއްމީ މާބަނޑު މީހާއަށް ނިދޭއިރު އޮންނަ ޕޮޒިޝަން ކަމަށާއި ނިދާފައި ހޭލެވޭއިރު އުއްޑުން އޮތަސް އެއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ނޫން ކަމަށެވެ.

އިނގިރޭސި ވިލާތުގައި އެކަނިވެސް، ވިހާ ކޮންމެ 225 އަންހެނަކުން އެކަކުގެ ދަރިފުޅު ވިހާއިރު އޮންނަނީ މަރުވެފަ އެވެ. މި ދިރާސާ ކުރި ޓީމުން އަންދާޒާކުރާ ގޮތުގައި މާބަނޑުއިރު އެއް އަރިއަކަށް އޮވެ ނިދާނަމަ މިގޮތަށް މަރުވާ ކުދިންގެ ތެރެއިން 130 ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރެވޭނެ އެވެ.

ބްރިޓިޝް ޖާނަލް އޮފް އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީގައި ޝާއިއުކޮށްފައިވާ މި ދިރާސާއަކީ މިކަމާ ބެހޭ ގޮތުން މިހާތަނަށް ކުރި އެންމެ ބޮޑު ދިރާސާ އެވެ. މީގެ ކުރިން ނިއު ޒިލެންޑާއި އޮސްޓްރޭލިއާ އިން ކޮށްފައިވާ މިކަމާ ބެހޭ ކުދި ދިރާސާތަކުން ވެސް ހަމަ މި ނަތީޖާ ނިކުމެފައިވެ އެވެ.

މި ހޯދުމުގައި އިސްކޮށް އުޅުއްވި މެންޗެސްޓާގެ ސެން މޭރީ ހޮސްޕިޓަލުގެ ޓޮމީޒް ސްޓިލްބާތު ރިސާޗް ސެންޓަރުގެ ކްލިނިކަލް ޑައިރެކްޓަރު ޕްރޮފެސާ އެލެކްސެންޑާ ހީޒެލް އިރުޝާދު ދެއްވަނީ ތިން ވަނަ ޓްރައިމިސްޓާއަށް އެޅުމުން އުއްޑުން އޮވެ ނުނިދާ ކޮންމެވެސް އެއް އަރިއަކަށް އޮވެ ނިދުމަށެވެ. އެއީ ދުވާލު ވަރުބަލި ފިލުވާލަން ކުޑަ ވަގުތުކޮޅު ނިދާލާއިރު ނަމަވެސް ނިދާ ކޮންމެ ފަހަރަކު އެ ގޮތަށް އަމަލު ކުރުމަށެވެ.

"އަންހެންމީހާއަށް ނިދިން ހޭލެވޭއިރު އުއްޑުން އޮވެވިގެން އެކަމާ ކަންބޮޑުވާނެ ކަމެއް ނެތް. މި ދިރާސާ ކުރަމުންދިޔައިރު ވެސް، އަހަރެމެން ސުވާލު ކޮށްފައިވާނީ ނިދެނީ ކޮން ޕޮޒިޝަނެއްގައި އޮވެގެންހޭ؟ އެ ޕޮޒިޝަނެއް މުހިއްމީ. ސަބަބަކީ އާންމުކޮށް، ނިދޭއިރު އޮންނަ ގޮތަށް ގިނައިރު ވަންދެން ނިދާފައި އޮންނާނެތީ،" ޕްރޮފެސަރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ހޭލެވޭއިރު އޮންނަ ޕޮޒިޝަނަކީ އެމީހާގެ ބާރެއް ފޯރާ ކަމެއް ނޫނެވެ. ނަމަވެސް ނިދޭއިރު އޮންނާނީ އޭނާ އޮންނަން ބޭނުންވި ގޮތަކަށެވެ.

* ނިދަން އޮށޯންނައިރު ބޭނުންވާ ފަރާތަކަށް އޮވެފައި އަނެއް ފަރާތުން ބުރަކަށީގައި ބާލީހެއް ނުވަތަ ބާލީސްތަކެއް ޖައްސާށެވެ. އޭރުން އެއް ފަރާތަކަށް އޮވެ ނިދަން ފަސޭހަ ވާނެ އެވެ.

* ނިދާފައި އޮވެފައި ހޭލެވިއްޖެ ނަމަ އޮވެވުނު ގޮތް ވިސްނާލާފައި އެއް އަރިއަކަށް ނޫން ގޮތަކަށް އޮވެވިއްޖެ ނަމަ ޕޮޒިޝަން ރަނގަޅު ކޮށްލާށެވެ.

* ދުވާލު އަރާމުކޮށްލަން އޮށޯންނައިރު ވެސް އެއް އަރިއަކަށް އޮންނާށެވެ.

* ނިދަން އެންމެ ރަނގަޅީ ކަނާތްފަރާތަށް އޮވެތޯ ނުވަތަ ވާތް ފަރާތަށް އޮވެތޯ މި ހޯދުމުގައި ބަލައިފައެއް ނުވެ އެވެ.

އުއްޑުން އޮވެ ނިދުމުން، އުފަންވާއިރު ދަރިފުޅު މަރުވެފައި އޮންނަން މެދުވެރިވާ ސަބަބެއް ސައިންސްވެރިންނަކަށް އަދި ބުނާކަށް ނޭނގެ އެވެ. ނަމަވެސް މިކަމާ ގުޅޭ ވަރަށް ބައިވަރު މައުލޫމާތުތައް މިހާތަނަށް އެއްކޮށްފައި އެބަހުއްޓެވެ. އެއިން ދޭހަވަނީ އުއްޑުން އޮވެ ނިދުމުން ބަނޑުގައި އޮންނަ ދަރިފުޅާއި ރަހިމުގެ ބަރުދަން އެކުވުމުގެ ސަބަބުން ލޭހޮޅިތައް ފިތޭގޮތްވެ ލޭ ދައުރުވުމަށް ހުރަސް އެޅި ދަރިފުޅަށް ލިބޭ އޮކްސިޖަން މަދުވަނީ ކަމަށެވެ.