ސައުދީއާ އެކު ސިއްރު ގުޅުން އޮންނަ ކަމަށް އިޒްރޭލުގެ ވަޒީރަކު ވިދާޅުވެއްޖެ
ސައުދީއާ އެކު ސިއްރު ގުޅުން އޮންނަ ކަމަށް އިޒްރޭލުގެ ވަޒީރަކު ވިދާޅުވެއްޖެ

ތެލް އަވީވް (ނޮވެމްބަރު 20) - އީރާނާ މެދު އޮންނަ ކަންބޮޑުވުމުގައި ސައުދީ އަރަބިއާ އެކު ސިއްރު ގުޅުންތަކެއް އޮންނަ ކަމަށް އިޒްރޭލުގެ ވަޒީރަކު ވިދާޅުވެއްޖެ އެވެ.

މިއީ ސައުދީއާ އެކު ގުޅުން އޮންނަ ކަމަށް އިޒްރޭލުގެ ވަޒީރަކު ވިދާޅުވި ފުރަތަމަ ފަހަރެވެ. އިޒްރޭލުގެ އެނާޖީ މިނިސްޓަރު ޔުވާލް ސްޓެއިނިޒް ވިދާޅުވި މި ވާހަކަތަކާ ގުޅިގެން ސައުދީން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ތަރުޖަމާން ވެސް އެކަމާ ގުޅޭ ގޮތުން ކޮމެންޓް ކޮށްފައެއް ނުވެ އެވެ.

އިޒްރޭލާއި ސައުދީ އަރަބިއާ އިން ދެކޭ ގޮތުގައި އީރާނަކީ މެދުއިރުމަތީގެ ސުލްހަ އަށް ބިރެކެވެ.

ސައުދީ އަރަބިއާ އިން ބުނެފައިވާ ގޮތުގައި އިޒްރޭލާ އެކު އެއްވެސް ގުޅުމެއް ދެމެހެއްޓޭނީ 1967 ވަނަ އަހަރުގެ ހަނގުރާމައިގައި ހިފި ފަލަސްތީނުގެ ބިންތަކުން ފޭބުމުންނެވެ.

ސައުދީ އަރަބިއާގެ ޚާރިޖީ ވަޒީރު އާދިލް އަލް ޖުބައިރު ބުރާސްފަތި ދުވަހު ވިދާޅުވީ އަރަބި ލީގުގެ އިސް ނެގުމުގެ ތެރޭން ސައުދީން ހުށަހެޅި ސުލްހައިގެ އެއްބަސްވުން ގަބޫލްކުރުމުން ނޫނީ އިޒްރޭލާ ގުޅުން ބަދަހި ނުކުރެވޭނެ ކަމަށެވެ. ފަލަސްތީނުގެ ބިންތަކުން 1967 ވަނަ އަހަރު އިޒްރޭލުން ހިފި ބިންތަކުން ފޭބުން ސުލްހައިގެ އެ ޕްލޭނުގައި ހިމެނޭ ކަމަށް ޖުބޭރު ވިދާޅުވި އެވެ.