20 ނޮވެމްބަރ 2017 - 17:48

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސޮނެވާ ޖާނީ ރިސޯޓުން، ނ. އަތޮޅު މަދަރުސާ އަށް މިއަަދު ބައެއް ތަކެތި ހަދިޔާކޮށްފި އެވެ.

އެ އަތޮޅު މަނަދޫގައި ހުންނަ އަތޮޅު މަދަރުސާގައި ބޭއްވި ރަސްމިއްޔާތެއްގައި ދަރިވަރުންނަށް ހަދިޔާ ކުރި ފޮތާއި ކުޅިވަރު ކުޅޭ ސާމާނު އެ މަދަރުސާއާ ހަވާލު ކޮށްދެއްވީ ސޮނެވާ ޖާނީގެ ޖެނެރަލް މެނޭޖަރު އެންޑްރޫ ވިފެން އެވެ. މަދަރުސާގެ ފަރާތުން ތަކެއްޗާ ހަވާލުވީ ޕްރިންސިޕަލް އަބްދުﷲ އީސާ އެވެ.

ސޮނެވާ ޖާނީގެ ހިއުމަން ރިސޯސް މެނޭޖަރު އަހުމަދު ޝާހިދު ވިދާޅުވީ އެ ރިސޯޓްގެ އިޖުތިމާއީ ޒިންމާގެ ދަށުން އެ ރިސޯޓުން ތަފާތު އެކި އެހީތައް ދެމުން އަންނަ ކަމަށެވެ. އެގޮތުން ނ. އަތޮޅު މަދަރުސާ އަށް ވެސް ތަކެތި ހަދިޔާކުރީ ދަރިވަރުންގެ ތައުލީމު ކުރިއެރުވުމަށްޓަކައި އެހީއެއް ދިނުމުގެ ގޮތުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

"ސްކޫލަށް ބޭނުންވާ ފޮތާއި އެކި ކުޅިވަރު ކުޅެވޭނެ ސާމާނުތައް މި ހަދިޔާކުރީ. އޭގެ އިތުރުން މި ހަފުތާގެ ތެރޭގައި ބެޑްމިންޓަން ކޯޓުގެ މަސައްކަތް ނިންމާލެވޭނެ. އެ ކޯޓަށް ބޭނުންވާ ސާމާނު މިއަދު މި ވަނީ ހަދިޔާކޮށްފައި،" ޝާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޮންމެ ކުއާޓާއެއްގައި ވެސް އެ ސްކޫލަށް، އެ ވަގުތެއްގައި އެންމެ ބޭނުންވާ ތަކެތި ހަދިޔާ ކުރަން ސޮނެވާ ޖާނީން ނިންމާފައިވާ ކަމަށެވެ.
ނ. މަނަފަރުގައި ހިންގާ އެ ރިސޯޓުން ވަނީ ނ. އަތޮޅު މަދަރުސާގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ޓޫރިޒަމް ދާއިރާއާ ގުޅޭ ގޮތުން މައުލޫމާތު ވެސް ދީފަ އެވެ.