ގެއްލޭ އެއްޗެހި ދެން ހޯދައިދޭނީ ސެމްސަންގުން
ގެއްލޭ އެއްޗެހި ދެން ހޯދައިދޭނީ ސެމްސަންގުން

ގެއްލޭ އެއްޗެހި މޯބައިލް ނެޓްވޯކްގެ ތެރެއިން ހޯދޭނެ ގޮތެއް ސެމްސަންގުން ދެނެގެންފި އެވެ.

މޯބައިލް އެޕަކާއެކު ބޭނުންކުރެވޭ މި ސިސްޓަމަށް ދީފައިވާ ނަމަކީ ސެމްސަންގް ކަނެކްޓް ޓެގް އެވެ.

އާންމުކޮށް ހުންނަ މިފަދަ ޓެގްތަކަކީ ބްލޫޓޫތުން މަސައްކަތްކުރާ ޓެގްތަކެކެވެ. ނަމަވެސް ބްލޫޓޫތު ކަނެކްޝަން ގެއްލިއްޖެ ނަމަ އެފަދަ ޓެގްތަކަކީ ބޭކާރު އެއްޗަކަށްވެ އެވެ. އެފަދަ ހާލަތެއްގައި އާދައިގެ ޓްރެކިން ޑިވައިސްތަކުން އަންގައިދެނީ އެންމެ ފަހުން އެ އެއްޗެއް އޮތް ތަނެކެވެ.

މި ވިސްނުމުގައި އުފެއްދި ކަނެކްޓް ޓެގަކީ ފައިސާ ދަބަހާއި ތަޅުދަނޑިން ފެށިގެން ކުޑަކުދިންނާއި އޮޅު ޖަނަވާރުގެ ހިމާޔަތަށް ވެސް މަސައްކަތްކުރާ ގޮތަށް އުފައްދާފައިވާ އެއްޗެކެވެ. މީގެ ޓެގް އަޅުވާލުމަށް ފަހު މިއާއެކު ބޭނުންކުރާ އެޕްގައި އޮންނަ ފިތަކަށް އޮބާލައިގެން އެ އެއްޗެއް އޮތް ތަނެއް ޖީޕީއެސްގެ އެހީގައި ދެނެގަނެވޭނެއެވެ. އަދި ޓެގްގައިވާ ފިތަކަށް އޮބާލައިގެން، ފޯނުގައި އޮންނަ އެޕަށް އިޝާރާތެއް ކުރެވެއެވެ. ޓެގް އަޅުވާފައި ހުރި ކުއްޖަކު ގެއްލިއްޖެ ނަމަ ޓެގްގައިވާ ފިތަށް އޮބާލައިގެން އެ ހުރި ތަނަކުން މައިންބަފައިންނަށް ސިގްނަލެއް ފޮނުވައިދެވެއެވެ.

ކަނެކްޓް ޓެގް އަޅުވާފައި ވަނިކޮށް ގެއްލޭ އެއްޗިހި، ޖީޕީއެސްގެ އެހީގައި ހޯދޭނެއެވެ. އަދި ވައިފައިގެ އެހީގައި މަސައްކަތް ކުރުމުގެ އިތުރުން މީގެ ޓެގަކީ ސެމްސަންގުގެ އެހެން ސްމާޓް ބާވަތްތަކާ ގުޅޭ ގޮތަށް އުފައްދާފައިވާ ޓެގަކަށް ވާތީ މީގެ ވެރިޔާ ބޭނުން ނަމަ ޓެގް ހަރުކޮށްގެން ހުރެ، ސްމާޓް ބޮތްކަކާ ދިމާއަށް އަރައިފި ނަމަ އޮޓަމެޓިކުން ދިއްލޭގޮތް ހެދޭނެއެވެ. ނުވަތަ ޓީވީ ހުޅުވޭ ގޮތަށް ވެސް ހެދިދާނެއެވެ.

ސެމްސަންގް ކަނެކްޓެ ޓެގަކީ ގެންގުޅެން ފަސޭހަ ލުއި، ކުޑަ އެއްޗެކެވެ. ބޮޑުމިނަކީ އެންމެ ދޮޅު އިންޗިހާ ވަރެވެ. މީގައި ހުންނަނީ ކުކުޅުބިހެއްގެ ބަރުދަނެވެ. ފެނަށް ލިޔަސް ހަމަ ބަރާބަރެވެ. މީގެ ޓެގް ތިން ފޫޓު އަޑީގައި ބައިގަޑިއެއްހާއިރު ވަންދެން ފެން ނުވަދެ އޮންނާނެ ކަމަށްވެއެވެ. މީގެ ބެޓެރީގެ ބާރު ހަފުތާއަކަށް ދެމިހުންނާނެކަމަށް ވެސް ބުނެފައިވެ އެވެ.

ޓްރެކިން ޑިވައިސްގެ ދުނިޔެއަށް ސެމްސަންގުން ތައާރަފްކުރި ފުރަތަމަ އުފެއްދުން ވިއްކާނެ އަގެއް އަދި ހާމައެއް ނުކުރެއެވެ. މީގެ މޮޅުކަމާއި ކުޅަދާނަކަމުގެ ވާހަކަތައް އެންމެ ފޯރީގައި ހާމަކުރާނީ މިފެށޭ ހަފުތާގައި އޮންނަ ސެމްސަންގް ޑިވެލޮޕަ ކޮންފަރަންސްގެ ތެރޭގައެވެ. ބުނެވޭ ގޮތުގައި ސެމްސަން ކަނެކްޓް ޓެގް އެންމެ ފުރަތަމަ ނެރޭނީ ކޮރެއާގެ ބާޒާރަށެވެ. އެހެން ގައުމުތަކާ ހަމައަށް ދާނީ އެއަށްވުރެ ފަހުން ކަމަށްވެއެވެ.