ބޮސްނިއާގައި ގަތުލްއާއްމު ހިންގި ސާބިއާގެ ކޮމާންޑަރު އުމުރަށް ޖަލަށް
ބޮސްނިއާގައި ގަތުލްއާއްމު ހިންގި ސާބިއާގެ ކޮމާންޑަރު އުމުރަށް ޖަލަށް

ސަރެޔޭވޯ (ނޮވެމްބަރު 23) - ބޮސްނިޔާ ހަނގުރާމައިގައި މުސްލިމުންނާ ދެކޮޅަށް ގަތުލްއާއްމު ހިންގި ސާބިއާ ސިފައިންގެ ކޮމާންޑަރު ރަޓްކޯ މުލާޑިޗް އުމުރަށް ޖަލަށްލާން ބައިނަލްއަގުވާމީ ޓްރައިބިއުނަލުން އިއްޔެ ހުކުމްކޮށްފި އެވެ.

ބޮސްނިއާގައި 1992-1995 އަށް ކުރި ހަނގުރާމައިގައި ސާބިއާ ސިފައިން ވަނީ ސްރެބެނިއްޒާގައި، 1995 ވަނަ އަހަރު ބޮސްނިއާގެ 8،000 މުސްލިމުން މަރައިފަ އެވެ. މިއީ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ޔޫރަޕުގައި ހިންގި އެންމެ ބޮޑު ގަތުލްއާއްމެވެ. މި ގަތުލްއާއްމުގައި އިސްކޮށް ހުރީ މުލާޑިޗެވެ. އޭނާއާ ދެކޮޅަށް ދަ ހޭގުގެ އދ.ގެ ޓްރައިބިއުނަލަށް ހުށަހެޅި 11 ދައުވާގެ ތެރޭން 10 ދައުވާ ވަނީ އޭނާގެ މައްޗަށް ސާބިތުވެފަ އެވެ.

ހުކުމް އިއްވިއިރު 74 އަހަރުގެ މުލާޑިޗް ކޯޓްރޫމަކު ނެތެވެ. ފަނޑިޔާރުންނާ ދިމާލަށް ހަޅޭލައްވަން ފެށުމުން އޭނާ ވަނީ ކޯޓުން ބޭރަށް ނެރެފަ އެވެ. މުލާޑިޗް ރުޅި އައީ އޭނާގެ ލޭގެ ޕްރެޝަރު މައްޗަށް ގޮސްފައިވާ ކަމަށް ބުނެ ޝަރީއަތް މެދުކަނޑާލުމަށް ވަކީލުން އެދުމުން ފަނޑިޔާރުން އެކަމަށް ދެކޮޅު ހެދުމުންނެވެ.

ބޮސްނިއާގެ މުސްލިމުންނާ ދެކޮޅަށް ހަނގުރާމަ ކުރި އިރު ސާބް ސިފައިންގެ ކޮމާންޑަރަކަށް ހުރި މުލާޑިޗުގެ ޝަރީއަތް 2012 ވަނަ އަހަރުން ފެށިގެން އިންޓަނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލް ފޯ ދަ ފޯމާ ޔޫގޮސްލޭވިއާ (އައިސީޓީވައި) އިން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ބޮސްނިއާ ހަނގުރާމަ 1995 ވަނަ އަހަރު ނިމުމާ އެކު މުލާޑިޗް ވަނީ ފިލައިފަ އެވެ. އެންމެ ފަހުން އޭނާ އަތުލައިގަތީ ފިލައިގެން އުޅޭތާ 16 އަހަރު ފަހުން، 2011 ވަނަ އަހަރު އެވެ. މުލާޑިޗް ހައްޔަރުކުރީ ސާބިއާގެ އުތުރުގައި ހުރި އޭނާގެ ތިމާގެ މީހެއްގެ ގެއިންނެވެ.

ބޮސްނިއާގެ ގަތުލްއާއްމުގެ ކުށުގައި ސާބިއާގެ ރައީސް ރަޑޮވާން ކަރަޑިޗް ވެސް މިދިޔަ އަހަރު ވަނީ ކުށްވެރިވެފަ އެވެ.