23 ނޮވެމްބަރ 2017 - 20:15

ބިއުނަސް އޭރީޒް (ނޮވެމްބަރު 23) - ސައުތު އެޓްލާންޓިކް ކަނޑަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން 44 ފަޅުވެރިންނާ އެކު އާޖެންޓީނާގެ ސަބްމެރިން ގެއްލުނު ތަނުން އެއްޗެއް ގޮވި ކަމަށް ރެކޯޑް ކުރެވިފައިވާ ކަމަށް އެ ގައުމުގެ ކަނޑުގެ ސިފައިން މިއަދު ބުނެފި އެވެ.
ކަނޑުގެ ސިފައިންގެ ތަރުޖަމާން ކެޕްޓަން އެންރީކް ބަލްބީ ވިދާޅުވީ އާދަޔާޚިލާފު އަޑެއް ސައުތު އެޓްލާންޓިކުން އިވިފައިވާ ކަމަށެވެ. އަދި ކަނޑުގެ ސިފައިންނަށް އެނގެނީ އެއްޗެއް ގޮވި ސަރަހައްދު ކަމަށާއި ގޮވި އެއްޗަކާ ބެހޭ މައުލޫމާތު ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ ސަބްމެރިން ހޯދަން މިހާރު އެންމެ ބޮޑަށް ބަލަމުން ދަނީ އެ ސަރަހައްދެވެ.
އޭނާ ވިދާޅުވީ ސަބްމެރިން ހޯދުމުގެ މަސައްކަތް މިހާރު ވަރަށް ނާޒުކް ހިސާބެއްގައިވާ ކަމަށާއި ހަފުތާއަކަށް ވުރެ ގިނަ ދުވަސްވީ އިރު ސަބްމެރިންގެ އޮކްސިޖަން ލެވެލް ދަށަށް ގޮސްފައިވާނެ ކަމަށެވެ.
ސަބްމެރިން ހޯދުމުގެ މަސައްކަތުގައި ރަޝިޔާ، އެމެރިކާ، ބްރެޒިލް، ޗިލީ، ކޮލަމްބިއާ، ފްރާންްސް، ޖަރުމަން، ޕެރޫ، ސައުތު އެފްރިކާ، އުރުގުއާއީ އަދި އިނގިރޭސި ވިލާތުން ވަނީ ބައިވެރިވެފަ އެވެ.
ސެން ހުއާން ސަބްމެރިން ގެއްލިފައި ވަނީ މެކޭނިކަލް މައްސަލައެއް ރިޕޯޓްކުރި ފަހުންނެވެ. ކެޕްޓަން ބަލްބީ ވިދާޅުވީ މެކޭނިކަލް މައްސަލަ ދިމާވި ފަހުން ވެސް ސަބްމެރިން އިން މެސެޖް ފޮނުވާފައިވާ ކަމަށާއި އެ މެސެޖުގައިވާ ގޮތުން ދިމާވި މަައްސަލަ ވަނީ ހައްލު ކޮށްފަ އެވެ. ސަބްމެރިންނާ އެންމެ ފަހުން ގުޅިފައި ވަނީ މިިދޔަ ހަފުތާގެ ބުދަ ދުވަހު ހެނދުނު އެވެ.
ސަބްމެރިންގައި ތިބި 44 ފަޅުވެރިންގެ ތެރޭން އެކަކު ފިޔަވައި ދެން މުޅިން ވެސް ތިބީ ފިރިހެނުންނެވެ. ސަބްމެރިންގައި ހުރި ހަމައެކަނި އަންހެނަކީ 35 އަހަރުގެ އޮފިސަރު އެލިއާނާ މާރިއާ ކްރޯޒީކް އެވެ. ކަނޑުމަތީގައި އުޅޭލެއް ގިނަ ކަމުން އޭނާ މަޝްހޫރުވެފައި ވެސް ވަނީ "ކަނޑުގެ ރާނީގެ" ގޮތުގަ އެވެ.