މުމްބާއީ ބޮމުގެ ހަމަލާގެ ފަހަތުގައިވާ މީހާ ޕާކިސްތާނުން ދޫކޮށްލައިފި
މުމްބާއީ ބޮމުގެ ހަމަލާގެ ފަހަތުގައިވާ މީހާ ޕާކިސްތާނުން ދޫކޮށްލައިފި

އިސްލާމްއާބާދު (ނޮވެމްބަރު 23) - އިންޑިއާގެ މުމްބާއީ އަށް 2008 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ހުރި ކަމަށް ބެލެވޭ ހާފިޒް ސައީދު ޕާކިސްތާނުގެ ކޯޓަކުން ދޫކޮށްލައިފި އެވެ.

އިންޑިއާ އިން ބުނެފައިވާ ގޮތުގައި މުމްބާއީ ހަމަލާގެ އިސް މޭސްތިރިއަކީ މަނާކޮށްފައިވާ ލަޝްކަރީ ތައިބާ ޖަމާއަތުގެ އިސް ލީޑަރު ސައީދެވެ. އޭނާގެ ބޮލަށް އެމެރިކާ އިން ވަނީ 10 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.

ޕާކިސްތާން ފުލުހުން ސައީދު ހައްޔަރު ކުރީ މި އަހަރުގެ ޖެނުއަރީ މަހު ލާހޯރުގެ މިސްކިތަކުންނެވެ. އޭގެ ފަހުން އޭނާ ހުރީ ޓެރަރިޒަމް މަނާ ކުރާ ގާނޫނުގެ ދަށުން ގޭ ބަންދުކޮށްފަ އެވެ.

ސަރުކާރުން ކޯޓުގައި އެދިފައި ވަނީ އިތުރު 90 ދުވަހު އޭނާ ބަންދުގައި ބެހެއްޓުމަށެވެ. ނަމަވެސް ލާހޯރުގެ ހައި ކޯޓުން މިއަދު ނިންމާފައި ވަނީ އޭނާ ބަންދުން ވީއްލުމަށެވެ.

މުމްބާއީގައި ދިން ހަމަލާ ރޭވުމުގެ ފަހަތުގައި ވަނީ ސައީދު ކަމަށް ވޮޝިންޓަނާއި ނިއު ދިއްލީން ބުނެފައިވެ އެވެ. އެކަމަކު ސައީދު ބުނެފައި ވަނީ މުމްބާއީ ހަމަލާގައި އޭނާ ބައިވެރި ނުވާ ކަމަށެވެ.

ނޮވެމްބަރު 26، 2008 ގައި މުމްބާއީ އަށް ދިން ހަމަލާއާ ގުޅިގެން ސައީދު ގޭ ބަންދުކުރި އެވެ. އެކަމަކު ހަ މަސް ފަހުން ޕާކިސްތާނުން އޭނާ ދޫކޮށްލީ ދައުވާ ކުރެވޭ ވަރަށް ނުވަތަ އިންޑިއާ އަށް ހަވާލު ކުރެވޭ ވަރަށް އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެވެ. މުމްބާއީ ހަމަލާގައި ވަނީ 166 މީހުން މަރުވެފަ އެވެ.

ޓެރަރިސްޓެއްގެ ގޮތުގައި އދ. އިން ވެސް ކަނޑައަޅާގައިވާ ސައިދު ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ އެމެރިކާ އިން ބާރު އަޅައިގެން ކަމަށެވެ. އަދި އޭނާ މިހާރު ހިންގާ ޖަމާއަތުއް ދައުވާ އަކީ ޗެރިޓީއެއް ކަމަށް ވެސް ބުނެފައިވެ އެވެ.