23 ނޮވެމްބަރ 2017 - 21:29

މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހިންގި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން ފައިސާ ހަމަނުޖެއްސުނު މީހުންގެ ފްލެޓްތައް ދެ މިލިއަން ރުފިޔާ އަށް ވިއްކާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) މިއަދު ފުރުސަތު ހުޅުވާލައިފި އެވެ.
އެޗްޑީސީން ނެރުނު އިއުލާނުގައި ބުނީ ގާކޮށްޓާއި އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކުރި 264 ފްލެޓްގެ ތެރެއިން 105 ފްލެޓް ވިއްކާލަން ނިންމާފައިވާ ކަމަށެވެ. މި ފްލެޓްތައް ގަންނަން ބޭނުންވާ މީހުންނަށް ފޯމު ދޫކުރާނީ އަންނަ މަހު 4 ގެ ހެނދުނު 9:00 އިން މެންދުރު ފަހު 2:00 އަށް ހުޅުމާލޭ ޣާޒީ ސްކޫލްގައި ކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނިގޮތުގައި ފޯމު ދޫކުރާނީ 100،000ރ.ގެ ބޭންކް ގެރެންޓީ ގެންދާ ފަރާތްތަކަށެވެ. ފޯމު ބަލައިގަތުމަށް ހަމަޖައްސާފައި ވަނީ ޖެނުއަރީ 7، 2018 ގަ އެވެ.
އެޗްޑީސީން ބުނިގޮތުގައި ތިން ކޮޓަރި އާއި ދެ ފާޚާނާ އަދި ބަދިގެ ހިމެނޭ ފްލެޓްތަކުގެ ތެރެއިން ގާކޮށިން 75 ފްލެޓް ވިއްކާއިރު، އަރަބިއްޔާ ބިމުން ވިއްކަނީ 30 ފްލެޓެވެ. ފްލެޓް ވިއްކުމުގައި އިސްކަންދޭނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
- އުމުރުން 21 އަހަރު ވެފައިވާ ދިވެހި ރައްޔިތަކަށް ވުން.
- މާލެ، ހުޅުމާލެ އަދި ވިލިމާލެ އިން ބޯހިޔާވަހިކަމެއް ލިބިފައި ނުވުން.
- ކައިވެނިކޮށްގެން އުޅޭ މީހަކަށް ވުން/ އަނބިމީހާ ނުވަތަ ފިރިމީހާ އަށް ބޯހިޔާވަހިކަމެއް ލިބިފައި ނުވުން.
- އެކަނިވެރި މައިން ނުވަތަ ބަފައިންނަށް މި ފްލެޓްތަކަށް އެދި ކުރިމަތިލެވިދާނެ.
- ކޮންމެ މީހަކަށް ކުރިމަތިލެވޭނީ އެއް ފްލެޓަށް.
އެޗްޑީސީން ބުނީ ފްލެޓުގެ އަގު އެއްފަހަރާ ދައްކަން ބޭނުންވާ މީހުން، ފޯމު ހުށަހަޅާ ދުވަހު ދެ މިލިއަން ރުފިޔާގެ ބޭންކް ގެރެންޓީ ޗެކު ހުށަހަޅަން ޖެހޭނެ ކަމަށެވެ. ބޭންކް މެދުވެރިކޮށް ފްލެޓް ގަންނަ މީހެއް ނަމަ، އަންނަ އަހަރުގެ ޖެނުއަރީ 30 ގެ ކުރިން، ލޯނު ހަމަޖެހުނު ކަމުގެ ލިއުން އެ ކޯޕަރޭޝަނަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އަރަބިއްޔާ ހުރި ބިމުގައި ހަދާފައިވާ "މާލޭ ގްރޭންޑް" އަދި ގާކޮށީގައި ހަދާފައިވާ "މާލޭ ސްކެއާ"ގެ ފްލެޓްތައް 268 މީހަކަށް ގުރުއަތުން ލިބިފައިވާއިރު ފްލެޓްތައް ދިނީ ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކި މީހުންނަށެވެ. ބައެއް މީހުންނަށް ފައިސާ ނުދެއްކުނީ، މި މަޝްރޫއު ހުޅުވާލިއިރު ފްލެޓްތައް ވިއްކަން ކަނޑައެޅި އަގަށް ވުރެ މާ ބޮޑު އަގަކަށް ވިއްކަން ނިންމުމާ ގުޅިގެން އުފުލަން ޖެހުނު ތަކުލީފްތަކާ ހެދި އެވެ.