07 ޖުލައި 2016 - 04:31

ލިޔޯން، ފްރާންސް (ޖުލައި 7) - އަންނަ އާދިއްތަ ދުވަހުގެރޭ ކުޅޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަށް ފަހު ލޮލުން އަންނަން ބޭނުންވަނީ އުފަލުގެ ކަރުނަ ކަމަށް ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
ޕޯޗުގަލް ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ މިރޭ ކުޅުނު ފުރަތަމަ ސެމީ ފައިނަލުގައި ވޭލްސް އަތުން 2-0 އިން މޮޅުވުމަށް ފަހު އެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދީ ޕޯޗުގަލްގެ ފުރަތަމަ ލަނޑު ޖެހި ރޮނާލްޑޯ އެވެ.
"ޓީމު ވަރަށް މޮޅަށް ކުޅުނު މި މެޗުގައި. އަހަރެންގެ އުއްމީދަކީ އާދިއްތަ ދުވަހުގެ ފައިނަލަށް ފަހު އަހަރެންގެ ލޮލުން އުފަލުގެ ކަރުނަ އައުން،" ރޮނާލްޑޯ ބުންޏެވެ.
ގްރީސް އަތުން އަމިއްލަ ގައުމުގައި 2004 ވަނަ އަހަރުގެ ފައިނަލުގައި ޕޯޗުގަލް ބަލިވިއިރު ރޮނާލްޑޯގެ އުމުރަކީ އެންމެ 19 އަހަރެވެ. އެ ފައިނަލުން ބަލިވިއިރު ކުރި ހިތާމަ ހަނދާނުން ފޮހެލަން ދަތި ކަމަށް ރޮނާލްޑޯ ބުންޏެވެ. އެ މެޗަށް ފަހު ރޮނާލްޑޯ ވަރަށް ގަދަޔަށް ރުޔެވެ.
"އަހަރެންގެ އަބަދުވެސް އުއްމީދެއް ޕޯޗުގަލްއާ އެކު ބޮޑު މުބާރާތެއް ކާމިޔާބު ކުރުމަކީ. ގައުމީ ޓީމަށް މިދިޔަ 13 އަހަރު އަހަރެން ކުޅެފައިވާ ކުޅުމުން އެކަން އެނގޭނެ. ސްޓެޓިސްޓިކްސް އިން އެކަން ފެންނަން ހުންނާނެ،" ޕޯޗުގަލަށް އެންމެ ގިނަ ލަނޑު ޖަހައިދިން ރޮނާލްޑޯ ބުންޏެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ ޖެހި ލަނޑާ އެކު އޭނާ ވަނީ ޔޫރޯގައި އެންމެ ގިނަ ލަނޑު ޖަހައިގެން ފްރާންސްގެ ކުރީގެ ކުޅުންތެރިއާ މިޝެލް ޕްލެޓިނީ ހަދާފައިވާ ރެކޯޑާ އެއްވަރުކޮށްފަ އެވެ. ދެ ކުޅުންތެރިން ވެސް ވަނީ ޔޫރޯ ފުޓްބޯޅަ މުބާރާތްތަކުގައި ނުވަ ލަނޑު ޖަހައިފަ އެވެ.
ޔޫރޯގައި މި ފަހަރު ރޮނާލްޑޯ ވަނީ ތިން ލަނޑު ޖަހައިފަ އެވެ. ލަނޑު ލިސްޓުގެ ކުރީގައި އޮތީ ހަތަރު ލަނޑާ އެކު ފްރާންސްގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އެވެ. ރޮނާލްޑޯ ފައިނަލުގައި ލަނޑު ޖަހައިފިނަމަ ޔޫރޯގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހެދުމުގެ ފުރުސަތު އޭނާ އަށް އެބައޮތެވެ.