27 ނޮވެމްބަރ 2017 - 19:57

އުރީދޫން، އެއް މަސް ވަންދެން ކޮންމެ ދުވަހަކު ސެމްސަންގު ނޯޓް 8 ގެ ފޯނެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އުރީދޫން ބުނީ މިއީ އެ ކުންފުނިން ފަށާފައިވާ "އެންޖޯއި ދަ އިންޓަނެޓް" ކެމްޕެއިނުގެ ދަށުން ކަސްޓަމަރުންނަށްދޭ ހަދިޔާއެއް ކަމަށެވެ. "ވިން އަ ގެލެކްސީ ނޯޓް 8 އެވްރީ ޑޭ" ގެ ނަމުގައި ތައާރަފްކޮށްފައިވާ މި ޕްރޮމޯޝަން ކުރިއަށްދާނީ މާދަމާއިން ފެށިގެން 30 ދުވަހުގެ ނިޔަލަށެވެ.
މިއީ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭ ޕްރޮމޯޝަނެކެވެ. އުރީދޫން ބުނީ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ، އެދުވަހަކު މަދުވެގެން 99ރ. ގެ ޑޭޓާ ނެގުމުން ކަމަށާއި ފޯނު ލިބޭނީ އޭގެ ތެރެއިން ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް ކަމަށެވެ.
އުރީދޫގެ މޮބައިލް ޑޭޓާ ޕެކޭޖުތަކާއި މޮބައިލް ބްރޯޑްބޭންޑް އަދި ފަސޭހަ ބްރޯޑްބޭންޑް ޕެކޭޖުތަކުން ޑޭޓާ ނެގުމުން ވެސް މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނެ އެވެ.
"އެއްދުވަހުން އަނެއްދުވަހަށް ބަދަލުވެ، ފުޅާވަމުންދާ ޓެކްނޮލޮޖީތަކަށް އަހުލުވެރިވެ، އުރީދޫ އިން ކެނޑިނޭޅި މަސައްކަތް ކުރަމުންދަނީ އުރީދޫގެ ނެޓްވޯކަކީ އިންޓަނެޓްގެ ހޯދުމަތް އެންމެ ފަސޭހަ، އެންމެ ފުރިހަމަ ނެޓްވޯކުގެ ގޮތުގައި ދެމެހެއްޓުމަށް،" ޕްރޮމޯޝަނާ ބެހޭ ގޮތުން އުރީދޫން ނެރުނު ބަޔާނުގައި ސީއީއޯ ނަޖީބް ހާންއާ ހަވާލާދީ ބުނެފައިވެ އެވެ.
މުޅި ރާއްޖެއަށް ފުޅާ ދާއިރާއެއްގައި 4ޖީގެ ހިދުމަތް ދެމުން އަންނަ ކުންފުނިން ބުނީ މި ޕްރޮމޯޝަނާއި އެ ކުންފުނީގެ މޮބައިލް އިންޓަނެޓް ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ވެބްސައިޓުންނާއި، އުރީދޫގެ ޑިޖިޓަލް މީޑިޔާ ޓަޗްޕޮއިންޓްތަކުން ލިބޭނެ ކަމަށެވެ.