ކަންގަނާ އުމުރު ހަގުކޮށްގެން އުޅޭކަން ފަޅާ އަރައިފި
ކަންގަނާ އުމުރު ހަގުކޮށްގެން އުޅޭކަން ފަޅާ އަރައިފި

"ރަންގޫން"ގެ ބަތަލާގެ ރޯލު މިހާރު ކުޅެމުންދާ ބޮލީވުޑް ތަރި ކަންގަނާ ރަނާވަތު މިދިޔަ މާޗު މަހު ވަނީ އޭނާގެ 29 ވަނަ އުފަން ދުވަސް ފާހަގަކޮށްފަ އެވެ. ނަމަވެސް ހަގީގަތުގައި ކަންގަނާއަށް މީ 31 އަހަރު ކަމަށް އޭނާގެ ޕާސްޕޯޓުން ދައްކަ އެވެ.

އިންޑިއާގެ ނޫސްތަކުގައިވާ ގޮތުން ނޫސްވެރިންނަށް ލިބިފައިވާ ކަންގަނާގެ ޕާސްޕޯޓް ކޮޕީގައި، އޭނާ އުފަންވި އަހަރު ކަމަށް އޮންނަނީ 1986 އެވެ. އެހެންކަމަށްވާ ނަމަ މިދިޔަ މާޗްމަހު ކަންގަނާއަށް 30 އަހަރު ފުރި މިހާރު މި ގުނަމުންދަނީ 31 ވަނަ އަހަރެވެ.

އުމުރާ ގުޅޭ ގޮތުން ކަންގަނާ ދޮގު ހެދީ ކީއްވެ ބާއެވެ؟ ޔަގީންވާ ކަމަކީ ބޮލީވުޑްގައި މިހާރު މަސައްކަތްކުރާ އޭނާ އާ ދާދި އެއް އުމުރެއްގެ ގިނަ ބަތަލާއިންނަށް ފިލްމު އިންޑަސްޓްރީގައި ރަނގަޅަށް ފައިތިލަ ވެސް ސާބިތު ނުކުރެވިގެން އުޅޭއިރު ކަންގަނާ ވަނީ އެންމެ މޮޅު އަދި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ކަމެވެ.

ކަންގަނާ އާއި ފިލްމު އެކްޓަރު ރިތިކް ރޯޝަންގެ މައްސަލަތައް ކޯޓުގައި ހިނގަމުންދިޔަ ނަމަވެސް ކަންގަނާ ވަނީ ދާދިފަހުން ޖަރުމަނުގައި ދިގު ޗުއްޓީއެއް ހޭދަކޮށް ސްޓްރެސްތަކެއް ދުއްވާލާފަ އެވެ. އަދި ދާދިފަހުން ކަންގަނާއަށް ވަނީ އޭނާގެ ކެރިއަރުގައި ލިބުނު ތިން ވަނަ ނެޝަނަލް އެވޯޑުވެސް ލިބިފަ އެވެ.
ޝާހިދު ކަޕޫރާއި ސައިފް އަލީ ޚާނާއެކު ކަންގަނާ މިހާރު ކުޅެމުންދާ "ރަންގޫން" ވެސް ވަރަށް އުންމީދީ ފިލްމެއް ކަމަށް މިހާރުއްސުރެ ދަނީ ބެލެމުންނެވެ.

މި ހުރިހާ ކަމެއް މިހެން ހުރިއިރު އުމުރު އެންމެ އަހަރެއް ދެ އަހަރެއް ހަގު ކުރަން ކަންގަނާ މަސައްކަތްކުރަނީ ކީއްވެގެން ކަމެއް ނޭނގެ އެވެ.