މުގާބޭގެ ސަރުކާރު ވައްޓާލަން އުޅުނު މީހާ ކޯޓުން ދޫކޮށްލައިފި
މުގާބޭގެ ސަރުކާރު ވައްޓާލަން އުޅުނު މީހާ ކޯޓުން ދޫކޮށްލައިފި

ހަރާރޭ (ނޮވެމްބަރު 30) - ޒިމްބާބުވޭގެ ކުރީގެ ރައީސް ރޮބަޓް މުގާބޭގެ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުކޮށްފައިވާ އީވާން މަވަރީރާ ކޯޓުން ދޫކޮށްލައިފި އެވެ.

"ދިސް ފްލެގް" ހޭޝްޓެގުގެ ދަށުން މިދިޔަ އަހަރު މުޒާހަރާތައް ކުރިއަށް ގެންދިޔަ އީވާން ކުށްވެރިވި ނަމަ އޭނާ އަށް 20 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެކަމަކު ހަރާރޭގެ ހައި ކޯޓުގެ ފަނޑިޔާރު ނިންމީ ސަރުކާރު ވައްޓާލަން އުޅުނުކަމުގެ އެއްވެސް ހެއްކެއް އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށެވެ.

ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ މުގާބޭގެ ވެރިކަމަށް ފަހު ޒިމްބާބުވޭގެ ޝަރުއީ ދާއިރާގެ މިނިވަންކަން ޓެސްޓްކޮށްލަން ލިބުނު ފުރުސަތެކެވެ. ސިފައިން ނުކުމެ ގައުމުގެ ކޮންޓްރޯލް ނެގުމުން އިސްތިއުފާ ދެއްވި މުގާބޭގެ ވެރިކަމުގައި ވަނީ އިދިކޮޅު ފަރާތްތައް މައިތިރި ކުރުމަށް ކޯޓުތަކުގެ ބޭނުންކޮށްފަ އެވެ. މުގާބޭ އިސްތިއުފާ ދެއްވީ ސިފައިން ނުކުމެ އޭނާ ބަންދުކޮށް އެންމެ ފަހުން މަގާމުން ދުރުކުރުމުގެ މަސައްކަތް ޕާލަމެންޓުން ފެށުމުންނެވެ.

ކޯޓުގައި ހުރެ ސެލްފީއެއް ނަގާ އީވާން ވަނީ ގައުމު ބިނާކުރުމަށް އެންމެހާ ރައްޔިތުން ބައިވެރިވުމަށް ގޮވާލައިފަ އެވެ. މުގާބޭގެ ވެރިކަމުގެ ދުވަސްވަރު އީވާން ވަނީ ކޮރަޕްޝަނާއި އަނިޔާވެރިކަމާ ދެކޮޅަށް ރައްޔިތުން ތެދުވުމަށް ގޮވާލައިފަ އެވެ.

މުގާބޭގެ ވެރިކަން ނިމުމަކަށް ގެނައުމަށް ފަހު ޒިމްބާބުވޭގެ ރައީސްކަމުގެ ހުވާ މިދިޔަ ހުކުރު ދުވަހު ކުރައްވާފައި ވަނީ ކުރީގެ ރައީސް އެމާސަން ނަންގަގްވާ އެވެ.