ކޯޓަށް ޒަހަރު ވެއްދި ގޮތް ތަހުގީގު ކުރަނީ
ކޯޓަށް ޒަހަރު ވެއްދި ގޮތް ތަހުގީގު ކުރަނީ

ދަ ހޭގު (ނޮވެމްބަރު 30) - ދަ ހޭގުގެ ކޯޓު ރޫމަށް ޒަހަރު ވެއްދި ގޮތް ތަހުގީގު ކުރަން ހޮލެންޑުގެ ކަމާބެހޭ އޮފިޝަލުން ފަށައިފި އެވެ.

ބޮސްނިއާ ހަނގުރާމައިގެ މުޖްރިމް ސްލޮބްޑާން ޕްރަލްޖަކް ވަނީ އޭނާގެ މައްޗަށް އިއްވާފައިވާ 20 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފުން ސަލާމަތް ނުވާނެކަން އެނގުމާ އެކު ޖީބުން ކުޑަ ފުޅިއެއް ނަގާ އޭގައި ހުރި އެއްޗެއް ބޯލައިފަ އެވެ. އަދި އޭނާ އެ ބުއީ ޒަހަރު ކަމަށް ކޯޓުގައި ވަނީ ބުނެފަ އެވެ. ފަނޑިޔާރު ވަނީ ވަގުތުން ޝަރީއަތް މެދުކަނޑާލައިފަ އެވެ.

ހޮލެންޑުގެ ޕްރޮސެކިއުޓަރުން ބުނީ ސަލާމަތީ ގޮތުން ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކޯޓްރޫމަށް ޒަހަރު ވެއްދީ ކިހިނެއްތޯ އާއި އެކަމުގައި ޕްރަލްޖަކަށް އެހީވީ ކޮން ބައެއްތޯ ބަލަން ތަހުގީގު ކުރާނެ ކަމަށެވެ. އަދި އެއީ ކޮން ބާވަތެއްގެ ޒަހަރެއްތޯ ވެސް ބަލާނެ ކަމަށް ޕްރޮސެކިއުޓަރުން ބުންޏެވެ.

ބޮސްނިއާ ކްރޮއޭޓުން ދެކޭ ގޮތުގައި އުމުރުން 72 އަހަރުގެ ޕްރަލްޖަކަކީ ބަތަލެކެވެ. ބޮސްނިއާ ހަނގުރާމައިގެ ކުށްތައް ބަލަން އުފެއްދި އިންޓަނޭޝަނަލް ކްރިމިނަލް ޓްރައިބިއުނަލް ފޯ ފޯމާ ޔޫގޯސްލޭވިއާ (އައިސީޓީވައި) އަށް ވަނީ ކްރޮއޭޝިއާގެ ބޮޑު ވަޒީރު އަންދުރޭޖް ޕްލެންކޯވިޗް ފާޑު ކިޔައިފަ އެވެ.

ޕްރަލްޖަކު އަކީ ބޮސްނިއާ- ކްރޮއޭޝިއާގެ ޑިފެންސް ފޯސްގެ ކުރީގެ ކޮމާންޑަރެވެ. އޭނާގެ މައްޗަށް 2013 ވަނަ އަހަރު ޖަލު ހުކުމް އިއްވީ 1992-95 އަށް ކުރި ބޮސްނިއާ ހަނގުރާމައިގައި ހިންގާފައިވާ ޖަރީމާތަކާ ގުޅިގެންނެވެ.