އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ސްރީލަންކާއާއި އިންޑިއާއަށް ހާއްސަ ރޭޓެއް
އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ސްރީލަންކާއާއި އިންޑިއާއަށް ހާއްސަ ރޭޓެއް

ސްރީލަންކާގެ ސަރަހައްދުގައި އުފެދި، އިންޑިއާ އާއި ދިމާލަށް ދަތުރުކުރަމުންދާ ތޫފާނު "އޯކި"އާ ގުޅިގެން، އެ ދެ ގައުމަށް ގުޅަން ހާއްސަ ރޭޓެއް އުރީދޫން ތައާރަފްކޮށްފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތްދޭ ކުންފުނިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ ދެ ގައުމަށް ގުޅަން ހާއްސަ ރޭޓެއް ތައާރަފްކުރީ ލަންކާ އާއި އިންޑިއާގައި ދިރިއުޅޭ މީހުންނަށް ފަސޭހަކަމާއިއެކު ގުޅުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް އުރީދޫގެ ހުރިހާ ކަސްޓަމަރުންނަށް ވެސް އެ ދެ ގައުމަށް ހާއްސަ ރޭޓެއްގައި ގުޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ ހާއްސަ ރޭޓުގައި މިނެޓަކަށް 2.09ރ. ގެ ރޭޓުން ލަންކާއަށް ގުޅޭއިރު، މިނެޓަކަށް 99ލ. އަށް އިންޑިއާއަށް ގުޅޭނެ ކަމަށެވެ.

ލަންކާ ސަރަހައްދުގައި އުފެދިފައިވާ ތޫފާނުގެ ސަބަބުން ރާއްޖެއަށް ވެސް އަންނަނީ މޫސުން ގޯސްވެ ބޯކޮށް ވިއްސާރަ ކުރަމުންނެވެ. އެ ކޮޅިގަނޑާ ގުޅިގެން ކުރިއަށް އޮތް 12 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާ އެކު ވިއްސާރަކުރާނެ ކަމަށް މެޓުން ލަފާކުރެ އެވެ. އެހެންވެ ވައި ގަދަވެ ކަނޑުތައް ވެސް ގަދަވާނެތީ ދަތުރުފަތުރަށް ސަމާލުވުމަށް އިލްތިމާސްކުރެ އެވެ.