03 ޑިސެމްބަރ 2017 - 10:42

ބާލިން، ޖާމަނީ (ޑިސެމްބަރު 3) - އަނިޔާ އިން ރަނގަޅުވެ ބަޔާން މިއުނިކްގެ ފޯވާޑް ތޯމަސް މުލާ އެނބުރި ޓީމާ ގުޅުމަކީ މުޅި ކްލަބަށް ލިބޭނެ އުފަލެއް ކަމަށް ބަޔާނުގެ ކޯޗު ޔުޕް ހެއިންކެސް ބުނެފި އެވެ.
މިދިޔަ ހަފްތާގައި ބޮރޫޝިއާ މޮންޗެންގްލަޑްބެކް އަތުން ބަލިވުމުން ބަޔާނުން ރޭ ހެނޯވާއާ ދެކޮޅަށް ނުކުތީ މޮޅެއް ހޯދައި އަލުން ފޯމަކަށް އެޅުމަށެވެ. ރޭގެ މެޗުން ބަޔާން 3-1 އިން މޮޅުވިއިރު، އެ ޓީމުން ކާމިޔާބުކުރި ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކުރީ އަނިޔާގެ ސަބަބުން ފާއިތުވި ފަސް ހަފްތާގައި ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް ފުރަތަމަ ފަހަރަށް ކުޅުނު މުލާ އެވެ.
"މުލާ އަކީ ކޮން ފެންވަރެއްގެ ކުޅުންތެރިއެއް ކަމާ މެދު އެއްވެސް ފުޓްބޯޅަ ސަޕޯޓަރަކު ޝައްކެއް ނުކުރާނެ. އަހަރެންނަށް ވެސް މުޅި ކްލަބަށް ވެސް ލިބޭނެ ބޮޑު އުފަލެއް މުލާ އެނބުރި އައުމަކީ،" ރޭގެ މެޗަށް ފަހު ހެއިންކެސް ބުންޏެވެ.
މި މޮޅާ އެކު ޖަރުމަނުގެ ލީގުގެ އެއް ވަނައިގައި ބަޔާން އޮތީ 14 މެޗުން 32 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އާރްބީ ލިޕްޒިގު ވަނީ ރޭ ކުޅުނު މެޗުން ހޮފެންހައިމް އަތުން 4-0 އިން ބަލިވެފަ އެވެ. ލިޕްޒިގަށް ލިބިފައިވަނީ 14 މެޗުން 26 ޕޮއިންޓެވެ.
އަމިއްލަ ދަނޑުގައި ބަޔާނަށް ރޭ ފުރަތަމަ ލަނޑު ޖަހައިދިނީ އާޓޫރޯ ވިޑާލް އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ހެނޯވާ އަށް އެއްވަރުކޮށްދިނީ ޗާލިސަން ބެންސްޗޮޕް އެވެ. ދެ ވަނަ ހާފުގައި ބަޔާން މޮޅުވި ގޯލުތައް ޖެހީ ކިންގްސްލީ ކޯމަން އާއި ޕެނަލްޓީ އަކުން ރޮބަޓް ލެވަންޑޯސްކީ އެވެ.
ލީގުގެ ހަ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑް ވަނީ ރޭ ރަށުން ބޭރުގައި ބަޔާ ލެވަކޫސަންއާ 1-1 އިން އެއްވަރުވެފަ އެވެ. މި މެޗުން ޑޯޓްމަންޑަށް މޮޅުނުވެވުމުން އިތުރު މައްސަލަތަކެއް ދިމާވެފައިވާ އިރު، އެ ޓީމުގެ ކޯޗުކަމުން ޕީޓަ ބޯޒް ދުރުކުރަން އުޅޭ ކަމަށް މީޑިއާގައި ވަނީ އަޑުފެތުރިފަ އެވެ.