04 ޑިސެމްބަރ 2017 - 12:11

ރައީސް އަބްދުﷲ ޔާމީންގެ ދެކަނބަލުން ޗައިނާ އަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި އަންނަ ބުދަ ދުވަހު ފުރާވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒް ދެއްވި ބަޔާނެއްގައި ވިދާޅުވީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް ޔާމީން ބުދަ ދުވަހުން ހޮނިހިރު ދުވަހުގެ ނިޔަލަށް އެ ގައުމަށް ކުރައްވާ މި ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭ އެއްބަސްވުންތަކެއްގައި ސޮއިކުރައްވާނެ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭ މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މިއީ ރައީސް ޔާމީން 2013 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޗައިނާ އަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ނަމަވެސް 2014 އާއި 2015 ގައި އެމަނިކުފާނު ވަނީ ރަސްމީ ދަތުރުފުޅެއްގައި އެ ގައުމަށް ވަޑައިގެންފަ އެވެ.
މިއީ ރާއްޖެ އާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރިތާ 45 އަހަރު ފުރޭ އަހަރުކަން ފާހަގަކުރަމުން ރައީސް އޮފީހުން ބުނީ، ރައީސް ޔާމީންގެ މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައިވާ ޒަމާންވީ އެކުވެރިކަމުގެ ގުޅުން، ދެ ގައުމަށާއި ދެ ގައުމުގެ ރައްޔިތުންނަށް ފައިދާ ހުރި ގޮތެއްގައި އިތުރަށް ބަދަހިވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.
ރައީސް ޔާމީން ޗައިނާ އަށް ވަޑައިގަންނަވާއިރު، އެ ގައުމާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ދިވެހި ސަރުކާރުން ވަނީ ނިންމައިފަ އެވެ. އަދި އެކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފަ އެވެ.
ނަމަވެސް ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގައި ދެ ގައުމުން ސޮއިކުރާނެ ކަމެއް އަދިއެއް ނޭނގެ އެވެ.