05 ޑިސެމްބަރ 2017 - 13:57

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ގައުމީ ޓީމުގެ ޑިފެންޑަރު އަކުރަމް އަބްދުލް ގަނީ (އަކޫ) އަންނަ އަހަރުގެ ނިޔަލަށް އެ ޓީމަށް ކުޅެން ނިންމައި، އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ވެލެންސިއާ ދޫކޮށް މި ސީޒަނުގައި ނިއު އަށް ބަދަލުވި އަކޫ އަންނަނީ އެ ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ނިއު އަށް މި ސީޒަނުގައި ކޯޗުކޮށްދިން ޕޯޗުގަލްގެ ބެނާޑޯ ޓަވަރޭސް އާއި މިހާރުގެ ކޯޗު ސްޕެއިނުގެ އޮސްކާ ބްރުޒޮންގެ އިރުޝާދުގެ ދަށުން ވެސް އަކޫ ވަނީ ޓީމުގެ ފުރަތަމަ އެގާރައިގައި ގިނަ މެޗުތަކެއް ކުޅެފަ އެވެ.
ނިއު އަށް ސޮއިކުރުމަށް ފަހު އަކޫ ބުނީ އެ ކްލަބްގައި މަޑުކުރަން ނިންމީ އެ ޓީމުގައި މިހާރު އޮތް މެނޭޖްމަންޓު ރަނގަޅުވުމުންނާއި އެ ކްލަބްގެ ކޯޗު އޮސްކާގެ އިރުޝާދުގެ ދަށުން ކުޅެން ބޭނުންވާތީ ކަމަށެވެ.
ދިވެހި ޕްރިމިއާ ލީގު ނިއު އިން ކާމިޔާބުކުރިއިރު އެ ޓީމު ފަހަތް ބެލެހެއްޓުމުގައި އަކޫގެ ދައުރު ބޮޑެވެ. އަދި ނިއު އިން މިހާރު ބަލިނުވެ ދަމަހައްޓަމުން އަންނަ ރެކޯޑް ކުރިއަށް ގެންދިއުމުގައި ވެސް އަކޫ އަކީ މުހިއްމު ކުޅުންތެރިއެކެވެ.
ގައުމީ ޓީމާއި ނިއު އަދި ވެލެންސިއާގެ ކުރީގެ ކެޕްޓަން އައްސަދު އަބްދުލްގަނީގެ ކޮއްކޮ އަކްރަމަކީ ވެލެންސިއާ އިން ވިދާލި ކުޅުންތެރިޔެކެވެ. އޭގެ ފަހުން 2007 ވަނަ އަހަރު ނިއު އަށް ބަދަލުވެ އަދި ފަހުން މާޒިޔާ އާއި ވިކްޓަރީ އަށް ވެސް ކުޅުނެވެ. އޭނާ 2013 ވަނަ އަހަރު ދެ ވަނަ ފަހަރަށް ނިއު އަށް ބަދަލުވިއިރު ޖެހިގެން އައި އަހަރުގެ ސީޒަނުގެ މެދުތެރެއިން އެނބުރި ވެލެންސިއާ އަށް ދިޔަ އެވެ.
ނިއުގައި މި އަހަރު ދެއްކި މޮޅު ކުޅުމުގެ ސަބަބުން އަކޫ އަށް ވަނީ 2015 ވަނަ އަހަރަށް ފަހު އަލުން ގައުމީ ޓީމުން ޖާގަ ލިބިފަ އެވެ. ގައުމީ ޓީމު އެންމެ ފަހުން ކުޅުނު މެޗުތަކުގެ ތެރެއިން ބައެއް މެޗުތަކުގެ ފުރަތަމަ އެގާރައިގައި ވެސް އޭނާ ވަނީ ކުޅެފަ އެވެ.
އަކޫގެ އިތުރުން ގިނަ ކުޅުންތެރިންތަކެއް ނިއުގައި މަޑުކުރުވަން އެ ކްލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް އެ ޓީމުން ވަނީ ދިގު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން އަލީ ފާސިރު (ސެންޓޭ)ގެ ސޮއި ހޯދައިފަ އެވެ. އަދި ސްޕެއިނުގެ މިޑްފީލްޑަރު ކަންޑޭލާ ވެސް ވަނީ އެ ޓީމުގައި މަޑުކޮށްފަ އެވެ.