05 ޑިސެމްބަރ 2017 - 23:05

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެމްޑަބްލިއުއެސްސީން ވެސް 15 ބުރީގެ ދެ ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.
ފެނުގެ ހިދުމަތްދޭ ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނީ "ހިޔާ" މަޝްރޫއުގެ ސަބަބުން އެ ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ޔަގީންވެގެންދާނެ ކަމަށެވެ.
އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން 15 ބުރީގެ ދެ ޓަވަރު އަޅަން ބޭނުން ވަނީ ކޮންޓްރެކްޓަރުގެ އަމިއްލަ ހަރަދުގައި ކަމަށެވެ. އަދި އެކަމަށް 12،000 އަކަފޫޓުގެ ބިމެއް ކަނޑައަޅާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެމްޑަބްލިއުއެސްސީން ބުނީ އެ ދެ ޓަވަރު އަޅައިދޭން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 12 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ކަމަށެވެ.
ހުޅުމާލޭގައި 80،000 މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން މީގެ ކުރިން ވަނީ ޕޯޓްސް ލިމިޓެޑުން ވެސް 14 ބުުރީގެ ތިން ޓަވަރު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ. އަދި ކުނި މެނޭޖް ކުރުމަށް އުފައްދާފައިވާ ވެމްކޯއިން ވެސް 15 ބުރީގެ އެއް ޓަވަރު އަދި ސްޓެލްކޯ އާއި ކަސްޓަމްސް އާއި އައިލެންޑް އޭވިއޭޝަނުން ވެސް ވަނީ ފްލެޓް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފަ އެވެ.
ސަރުކާރުން އިއުލާނުކޮށްފައިވާ ގޮތުގައި ހުޅުމާލޭގައި 25 ބުރީގެ 62 ޓަވަރު އަޅާނެ އެވެ. އަދި އޭގެ ތެރެއިން ގިނަ ޓަވަރުތައް ހަދަން ސަރުކާރުގެ ބައެއް ކުންފުނިތަކާ ހަވާލުކުރުމުން، އެ ކުންފުނިތަކުން އަންނަނީ އެކަން ކުރާނެ ބަޔަކު ހޯދަން އިއުލާންކުރަމުންނެވެ.
އެކަމަކު ސަރުކާރުގެ ކުންފުނިތަކުން މުޅިން ވެސް އިއުލާންކުރަނީ 15 ބުރީގެ ޓަވަރުތައް ހަދާށެވެ. އެތަންތަނުން އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ފްލެޓްތައް ހާއްސަކުރެ އެވެ. އަދި ބާކީ ފްލެޓްތައް ދޫކުރާނީ އާންމުންނަށެވެ.
ބޯހިޔާވަހިކަމަށް ހައްލު ހޯދަން ހުޅުމާލޭގައި 15،000 ފްލެޓް އަޅަން ނިންމާފައިވާއިރު، މި މަޝްރޫއު 2019 އަށް ނިމޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.