08 ޑިސެމްބަރ 2017 - 15:41

ގުދުސް (ޑިސެމްބަރު 8) - އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ އިން ބަލައިގަންނަން ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމުމާ ދެކޮޅަށް ގުދުސް އާއި ހުޅަނގު އައްސޭރި އަދި ގާޒާ ސްޓްރިޕުގައި އިހްތިޖާޖަށް ނުކުތް މީހުންގެ ތެރެއިން ގިނަ ބަޔަކަށް އަނިޔާވެއްޖެ އެވެ.
ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި ފަލަސްތީނު މީހުންނާއި އިޒްރޭލް ސިފައިންނާ ދެމެދު އިއްޔެ އިން ފެށިގެން ދަނީ ކުރިމަތިލުންތައް ހިންގަމުންނެވެ. ހުޅަނގު އައްސޭރީގެ ސިއްހީ އޮފިޝަލުން ބުނީ ފަލަސްތީނުގެ 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވި ކަމަށާއި މީގެ ތެރޭން 16 މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު ކަމަށެވެ.
ރާމުﷲ ގައި އިހްތިޖާޖަށް ނުކުތް މީހުންނާ ދެކޮޅަށް އިޒްރޭލް ސިފައިން ވަނީ ކަރުނަ ގޭހާއި ރަބަރު ވަޒަން ބޭނުންކޮށްފަ އެވެ. ހުޅަނގު އައްސޭރީގެ ހިބްރޫން، ނާބްލްސް، ޖެނިން، ތުލްކަރީމް އަދި ޖެރީކޯގައި ވެސް ވަނީ ކުރިމަތިލުންތައް ހިންގައިފަ އެވެ. މީގެ އިތުރުން ގާޒާ ސްޓްރިޕާއި އިރުމަތީ ގުދުސްގައި ވެސް ވަނީ ހަމަނުޖެހުންތައް ހިންގައިފަ އެވެ. އިޒްރޭލް ސިފައިން އަސްލު ވަޒަން ޖެހުމުގެ ސަބަބުން ގާޒާ އިން ވަނީ ފަލަސްތީނުގެ ހަތަރު މީހުން ޒަޚަމްވެފަ އެވެ.
ދުނިޔޭގެ ގައުމުތަކުގެ ދެކޮޅު ހެދުންތަކަށް ބެލުމެއް ނެތި ޓްރަމްޕް ބުދަ ދުވަހު ވަނީ އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް އެމެރިކާ ބަލައިގަންނަކަން އިއުލާންކޮށްފަ އެވެ. އަދި އެމެރިކާ އެމްބަސީ ގުދުސް އަށް ބަދަލު ކުރާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.