08 ޑިސެމްބަރ 2017 - 14:41

ހުކުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގެ ބޭރުގައި ދުއާކުރަން ހުއްޓައި، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްގެ ބައްޕަ މުހައްމަދު ހައްސާން މިއަދު ފުލުހުން ހައްޔަރުކޮށްފި އެވެ.
އިސްލާމީ މަރުކަޒުގައި މީގެ ކުރިން އޭނާ އިސްވެ ހުރެ ދައުލަތުގެ އިސްވެރިންގެ މައްޗަށް ބަދު ދުއާކުރި ކަމުގެ ތުހުމަތުގައި އިއްޔެ ވަނީ ފުލުސް އޮފީހަށް ވެސް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަނިޔާވެރިކަމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން އިސްލާމީ މަރުކަޒު ސަރަހައްދުގައި ދުއާކުރަނިކޮށް، މީގެ ކުރިން ވެސް ހައްސާން ހައްޔަރުކޮށްފައިވެ އެވެ.
ނަމާދަށް ފަހު އިސްލާމީ މަރުކަޒު ބޭރުގައި ދުއާކުރަން ހުއްޓާ ފުލުހުން އޭނާ ގެންދިޔައީ ދެ އަތުގައި ހިފައި، ދަމާފައި ކަހަލަ ގޮތަކަށެވެ. އަދި ހައްސާން ހައްޔަރުކޮށްގެން ގެންދަން ފެށުމާއެކު އެތަނުގެ ގިނަ ބަޔަކު ހަޅޭއްލަވައި އަޑުގަދަކުރި އެވެ.
ބައްޕަ ހައްޔަރު ކުރުމާއެކު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައްޕައަކީ ހިތްވަރުގަދަ މީހެއް ކަމަށާއި އެހާ ފަސޭހައިން ބިރުގަނެ ފަސްޖެހޭނެ މީހެއް ނޫން ކަމަށެވެ. އެކަމަކު ބައްޕަ ހައްޔަރުކުރުމުން އޭނާ ވަނީ ހިތާމަފާޅުކޮށްފަ އެވެ.