09 ޑިސެމްބަރ 2017 - 23:49

އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގައި ހިމެނެމުން އަންނަތާ ގިނަ ދުވަސްތަކެއް ވެފައިވާ ޒަހީރް ޚާނާއި ފިލްމީ ބަތަލާ ސާގަރިކާ ގަޓްގޭ މިހާރު އަންނަނީ ރާއްޖޭގައި ހަނީމޫން ހޭދަ ކުރަމުންނެވެ. މި ދެ ތަރިން އިންސްޓަގްރަމް ކޮށްފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި އަޔާޑާ މޯލްޑިވްސް ގައި މި މީހުން ޗުއްޓީ ހޭދަކުރާތާ ދެތިން ދުވަހެއް ވެއްޖެ އެވެ.

ޒަހީރު އާއި ސާގަރިކާ ކައިވެނި ކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.
ސާގަރިކާގެ އިންސްޓަގްރާމް އެކައުންޓުން ޕޯސްޓް ކޮށްފައިވާ ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯގައި ޕޫލް ކައިރީގައި ބަހައްޓާފައި ހުރި ގޮނޑިއެއްގައި ޒަހީރް އިންދާ ފެނެ އެވެ. އަދި ފުރަތަމަ ޑައިވް ކުރުމަށްފަހު ނަގާފައިވާ ފޮޓޯއެއް ވެސް ސާގަރިކާ ޕޯސްޓް ކޮށްފައިވެ އެވެ.
ސާގަރިކާ ބޮލީވުޑަށް ނުކުތީ 2007 ގައި އޭނާ ކުޅުނު "ޗަކް ދޭ އިންޑިއާ" އިންނެވެ. އޭގެ ފަހުން މިހާތަނަށް 10 ވަރަކަށް ފިލްމު އޭނާ ކުޅެފައި ވެއެވެ. މިއަހަރު ނުކުތް "އިރާދާ"ގައި ވެސް ސާގަރީކާ ވަނީ މުހިއްމު ރޯލެއް ކުޅެފަ އެވެ.
ސާގަރިކާ އާއި ޒަހީރް ބައްދަލުވީ ދެ މީހުންގެ ވެސް އެކުވެރިއެއްގެ ފަރާތުންނެވެ. އޭގެ ފަހުން ދެ މީހުންގެ މެދުގައި ގާތް ގުޅުމެއް އުފެދިގެން ދިޔަ އެވެ.
މި ދެ ތަރިން ރައްޓެހިވެގެން އުޅޭކަން އާންމުންނަށް ހާމަވީ ކްރިކެޓް ކުޅުންތެރިޔާ ޔޫވްރާޖް ސިންގް އާއި ހޭޒަލް ކީޗްގެ ކައިވެނީގެ ރިސެޕްޝަނަށް އަތާ އަތް ގުޅާލައިގެން ދިޔަ ހިސާބުންނެވެ. އެއަށްފަހު ފާއިތުވީ ނުވަ ވަރަކަށް މަސް ތެރޭގައި ދެ މީހުންގެ ގުޅުމުގެ ވާހަކަ މީޑިއާގައި ނުދެއްކިޔަސް އެކަން ސިއްރު ކުރާކަށް ވެސް ޒަހީރް އާއި ސާގަރިކާ މަސައްކަތެއް ނުކުރެ އެވެ.